ކ. މާލެ
|
25 ޖޫން 2024 | އަންގާރަ 11:16
ޕޮލެންޑުގެ ކޯޗު ޕްރޮބިއާޒް
ޕޮލެންޑުގެ ކޯޗު ޕްރޮބިއާޒް
ރޮއިޓާރސް
ޔޫރޯ 2024
ޕްރޮބިއާޒްގެ އުންމީދަކީ ރަނގަޅު ހަނދާނަކާ އެކު ޤައުމަށް ދިޔުން
މެޗަށް ނިކުންނައިރު، ޕޮލެންޑަށް ކުރިމަތިވިވެފައި އޮތް ޙާލަތުގެ ސަބަބުން އިންތިހާ އަށް ކަންބޮޑުވުން އޮތް ކަމަށް ވެސް ޕްރޮބިއާޒް ބުނި.

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ތިން ވަނަ މެޗުގައި ފްރާންސްއާ ދެކޮޅަށް ނިކުންނައިރު، އުންމީދަކީ ރަނގަޅު ހަނދާނަކާއެކު ޤައުމަށް އެނބުރި ދިޔުން ކަމަށް ޕޮލެންޑުގެ ކޯޗު މައިކަލް ޕްރޮބިއާޒް ބުނެފި އެވެ.

އަންގާރަ ދުވަހުގެ ރޭ ފްރާންސްއާ ދެކޮޅަށް ނިކުންނައިރު، ޕޮލެންޑު ވަނީ މުބާރާތުން ކަޓައިފަ އެވެ. އެއީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ވެސް އެ ޓީމު ބަލިވެފައި އޮތުމުންނެވެ. ފުރަތަމަ މެޗުގައި ނެދަލެންޑްސް އަތުން ބަލިވީއިރު، ދެ ވަނަ މެޗުގައި ވަނީ އޮސްޓްރިއާ އަތުން ބަލިވެފަ އެވެ.

ފްރާންސް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޕްރޮބިއާޒް ބުނީ، މުބާރާތުގެ ގަަދަ 16 ވަނަ ބުރަށް ޕޮލެންޑު ކޮލިފައިވާނެ އެއްވެސް ފުރުސަތެއް ނެތްކަން އިނގޭ ކަމަށެވެ. އެހެން ނަމަވެސް، ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗަށް ވެސް ނިކުންނަނީ ރަނގަޅަށް ތައްޔާރުވެގެން ކަމަށް އޭނާ ބުންޏެވެ.

ޕްރޮބިއާޒް ބުނީ ޕޮލެންޑުގެ ކުޅުންތެރިންގެ މޯޓިވޭޝަނާ މެދު އޭނާގެ އެއްވެސް މައްސަލައެއް އަދި ޝަކުވާއެއް ވެސް ނެތް ކަމަށެވެ. ފްރާންސް މެޗުގެ ކުރިން އޮތް ފަރިތަކުރުންތަކުގައި ވެސް، ޕޮޮލެންޑުގެ ކުޅުންތެރިން ވަރަށް ރަނގަޅަށް މަސައްކަތް ކުރިކަން ޕްރޮބިއާޒް ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން އޭނާ ބުނީ އުންމީދަކީ ފްރާންސްއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކުން ކަމަަށެވެ. އެ މެޗަށް ނިކުންނައިރު، ޕޮލެންޑަށް ކުރިމަތިވިވެފައި އޮތް ޙާލަތުގެ ސަބަބުން އިންތިހާ އަށް ކަންބޮޑުވުން އޮތް ކަމަށް ވެސް ޕްރޮބިއާޒް ބުންޏެވެ. އެހެން ނަމަވެސް، އެނބުރި ޤައުމަަށް ދާން ބޭނުން ވަނީ މުބާރާތުން ކޮންމެ ވެސް ރަނގަޅު ހަނދާނަކާ އެކު ކަމަށް ވެސް ޕްރޮބިއާޒް ވަނީ ބުނެފަ އެވެ.

ޕޮއިންޓެއް ނުލިބި ގްރޫޕް ޑީގެ ފުލުގައި އޮތް ޕޮލެންޑުން ފްރާންސްއާ ދެކޮޅަށް ނިކުންނާނީ އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 21:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް