ޔުކްރެއިނުން ރަޝިއާގެ ކްރީމިއާ އަށް ހަމަލާދީ އެ ހަމަލާގައި ރަޝިއާގެ 4 މީހުން މަރުވުމާ ގުޅިގެން އެމެރިކާ އަށް ރަޝިއާ އިން އިންޒާރު ދީފިއެވެ.
ރަޝިއާ އިން ބުނާ ގޮތުގައި ޔޫކުރެއިނުން ރަޝިއާގެ ކްރީމިއާ އަށް ހަމަލާ ދިނުމުގައި ބޭނުން ކޮށްފައިވަނީ އެމެރިކާގެ ހަތިޔާރެވެ.
މައްސަލަ ހޫނުވެ ހޯމަ ދުވަހު ރަޝިއާ އިން ވަނީ އެގަމުގައި ހުންނަވާ އެމެރިކާގެ ސަފީރު ރަޝިއާގެ ޚާރިޖިއްޔާ އަށް ހާޒިރުކޮށްފައެވެ.
ރަޝިއާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ ކްރީމިއާގެ ސެވަސްޓޮޕޮލް ސިޓިއަށް ދިން ހަމަލާ އަކީ އަނިޔާވެރި ހަމަލާ އެއް ކަމަށެވެ. އަދި އޭނާ ވަނީ އެމެރިކާ އިން ރަޝިއާގެ ތުއްތު ކުދިން މަރާ ކަމުގެ ތުހުމަތު ކުރައްވާފައެވެ.
ޔޫކްރެއިނުން ދިން މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ކުޑަ 2 ކުދިން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޕެސްކޯވް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އެމެރިކާއިން ރަޝިއާ އަށް ހަމަލާ ދިނުމުގައި ސީދާ ގޮތުން ބައިވެރިވުމުން އެކަމުގެ އަދަބު ނުލިބި ގޮސްގެން ނުވާނެ ކަމަށެވެ.
ޕެސްކޯވް ވިދާޅުވީ ކުރިއަށް އޮތްތާނގައި އެ އަދަބަކީ ކޮބައިކަން ހާމަވާނެ ކަމަށެވެ.
ހާދިސާ އާ ގުޅިގެން އެމެރިކާއިން ރަޝިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލީން ޓްރޭސީ ހާޒިރު ކުރުމަށް ފަހު ޚާރިޖިއްޔާ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ހަމަލާގެ ޒިންމާ ކިއެވް އާ އެއްވަރަށް ވޮޝިންގޓަނުން ނަގަން ޖެހޭނެ ކަމަށެވެ. އަދި ހަމަލާ އަށް އަދަބު ނުދީ ދޫކޮށްނުލާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
ރަޝިއާ އިން ބުނީ އާދިއްތަ ދުވަހު ކްރީމިއާގެ ސެވަސްޓޮޕޮލް ސިޓީއަށް ދިން ހަމަލާ އަރާފައިވަނީ އެ ސިޓީގެ ގޮނޑުދޮށުގެ ހޮޓާތަކެއް ހުރި ސަރަހައްދަކަށް ކަމަށެވެ.
ރަޝިއާ ސިފައިން ކްރީމިއާ ހިފީ 2014 ވަނަ އަހަރުއެވެ. ޔޫކްރެއިނުން ދެކެނީ އެއީ ޔޫކްރެއިންގެ ސަރަހައްދެއް ކަމުގައެވެ.
ޔޫކްރެއިންގެ ރައީސްގެ އޮފީހުގެ އިސް އޮފިޝަލަކު ސޯޝަލް މީޑިއާގައި ބުނެފައިވަނީ ކްރީމިއާ އަކީ ޔޫކްރެއިން ކަމަށާއި، އެތަން ދޫކޮށް ރަޝިއާ ސިފައިން ވަގުތުން ދާން ޖެހޭނެ ކަމަށެވެ.
ޔޫކްރެއިނުން ދެކެނީ ކްރީމިއާ އަކީ ރަޝިއާ ސިފައިން އެތަން ހިފައިގެން އެތަނުގައި އަސްކަރީ ބޭސް އެއް ހަދާ، ހަތިޔާރު ގުދަންތައް ހަދާ އަސްކަރީ އޮފިޝަލުން އާއްމުންގެ ތެރޭގައި ސިއްރުން އުޅެން ބޭނުން ކުރާ ތަނަކަށް ވުމާއެކު އެތަނަށް ހަމަލާ ދިނުމަކީ ޔޫކްރެއިނަށް ކުރަން އެންމެ ރަނގަޅު ކަމެއްގެ ގޮތުގައެވެ.