މިހާތަނަށް އައި އިރު ރާއްޖޭގެ ސިއްހީ ނިޒާމް އޮތް ހާލު އެންމެ ރަނގަޅަށް އެނގޭނީ ދިމްޔާތު ބަލާލީމަކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ ސަރުކާރުފެ ފަރާތުން ސިއްހީ ޚިދުމަތުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވި ބިލަށް ވާހަކަދައްކަވަމުންނެވެ.
ސަރުކާރުފެ ފަރާތުން ސިއްހީ ޚިދުމަތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން އިމްރާން ލަޠީފެވެ.
ސިއްހީ ނިޒާމް އޮތީ އަދިވެސް މާލެ އަށް ބަރޯސާވެފައި ކަމަށާއި އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ޒިޔާދު ވަނީ ވިދާޅުވެފައެވެ.
ޒިޔާދު ވިދާޅުވީ ދިމްޔާތަށް ބަލާލުމުން ސިއްހީ ނިޒާމް މާލެ އަށް ބަރޯސާ ވެފައިވާ މިންވަރު އެނގޭ ކަމަށެވެ. ދިމްޔާތަކީ މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ގެސްޓް ހައުސްއެވެ. އެތަނުގައި އެންމެ ގިނައިން ތިބެނީ މާލެއަށް ބޭސް ފަރުވާ އަށް އަންނަ އަތޮޅުތެރޭގެ މީހުންނެވެ. ދިމްޔާތަށް އައި ކުރިއެރުން ބަލާލުމުން ބޭސްފަރުވާ ހޯދުމުގައި މާލެ އަށް ބަރޯސާވެފައިވާ މިންވަރު ވަޒަންކޮށްލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރުވެސް ސިއްހީ ނިޒާމް ބައްޓަން ކުރަމުން ދަނީ މާލެ އަށް އިތުރަށް ސިއްހީ ނިޒާމް ބަރޯސާވާ ގޮތަށް ކަމަށް ޒިޔާދު ވަނީ ވިދާޅުވެފައެވެ.
މާލެ އަށް ބޭސް ފަރުވާ އަށް އަންނަ މީހުން ފޮށި ތަންމަތި ބެހެއްޓި ތަނަށް އައި ބަދަލު އެހެރީ. އެއީ އޭރުގައި އޮތް ނިޒާމް. މިއަދުވެސް ބަލިވިޔަސް މާލެ، އެކްސިޑެންޓެއް ވިޔަސް މާލެ، ސްޓްރޯކެއް ޖެހުނަސް މާލެ. މާލެ ނޫން ހައްލެއް މި ނިޒާމްގެ ތެރެއިން އޮތިއްޔާ އެއީ ހައްލެއް. ކުޅުދުއްފުށީ ހޮސްޕިޓަލަށް ވެސް ބޮޑު ބަދަލެއް ގެނެސްފި. އެކަމަކު މާލެ އަށް މީހުން އަންނަ ގޮތަށް ނިމުމެއް ނެތް. މި ބިލު ހުށަހެޅުމުގެ ކުރިން ވެސް މާލޭގައި 100 އެދުނގުގެ ހޮސްޕިޓަލެއްގެ ވާހަކަ ދައްކައިފި. އަދި ނާދޭ ލ.އަތޮޅުގެ ހޮސްޕިޓަލެއްގެ ވާހަކަ ނޫނީ ށ.އަތޮޅު ނޫނީ އެހެންވެސް އަތޮޅެއްގެ ހޮސްޕިޓަލުގެ ވާހަކަމެމްބަރު ހުސައިން ޒިޔާދު
އިތުރަށް ޒިޔާދު ވިދާޅުވީ އެ ބިލުގައި ޑިރެކްޓަރ ޖެނެރަލް އައްޔަންކުރާ އިރު، ހެލްތް މިނިސްޓަރގެ ލަފާގެ މަތިން ސިވިލް ސަރވިސް އިން އެ މަޤާމަށް އައްޔަން ކުރާ ގޮތަށް އޮތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ޖުމުލަކޮށް އެބިލު ރަނގަޅު ނަމަވެސް ސިއްހީ ނިޒާމްގެ މާސްޓަރ ޕްލޭން އޮންނަ ގޮތެއް އެނގުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ ނަފްސާނީ އަދި ދުޅަހެޔޮކަމަށް ކުރިއެރުން ގެނައުމަށް މިފަދަ ބިލެއް ހުށަހަޅާ ކަމަށް ސަރުކާރުން ބުނަމުންދާއިރު ކުރިން ނުރަނގަޅުކޮށް ހިނގާފައި ހުރި ކަންކަން އިސްލާހުކުރެވޭނެ ގޮތެއް ހޯދުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބިލަކީ ރާއްޖޭގެ ސިއްޙީ ނިޒާމުގެ ތަރައްގީއަށް މުހިންމު ބިލެއް ކަމަށް ބިލް ހުށަހެޅުއްވި މެމްބަރު ވަނީ ވިދާޅުވެފައެވެ. މި ބިލުގެ ސަަބަބުން ރާއްޖޭގައި އިތުރުވަމުންދާ އާބާދީ ސިއްހީގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.