ކ. މާލެ
|
22 ޖޫން 2024 | ހޮނިހިރު 14:50
އައްޑޫ ސިޓީ ހުޅުމީދޫގައި ހުންނަ ފިޝަރީޒް ކޮމްޕްލެސް ގައި "މަސްވެރިންގެ ލާރިކޮބާ؟" ޖަހާފައިވާ ހުދު ދިދައެއް ނަގާފައި
އައްޑޫ ސިޓީ ހުޅުމީދޫގައި ހުންނަ ފިޝަރީޒް ކޮމްޕްލެސް ގައި "މަސްވެރިންގެ ލާރިކޮބާ؟" ޖަހާފައިވާ ހުދު ދިދައެއް ނަގާފައި
ޓްވީޓަރ
މަސްވެރިންގެ މުޒާހަރާ
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ގައި "މަސްވެރިންގެ ލާރި ކޮބާ؟" ޖަހާފައި އިން ދިދަ އެއް ނަގައިފި
މަސްވެރިން ގެންދަނީ ދިދައަށް އިޝާރާތް ކޮށް "އޭ މިހިރަ ދިދަޔާއޭ މަގޭ ލާރިކޮޅު ކޮބާހޭ" ގޮވަމުން
24 ގަޑީއިރު ވީއިރުވެސް ސަރުކާރުން އިޖާބައެއް ނުދޭ
މަސްވެރިންގެ އާއިލާތައް ތިބީ ބިކަވެ ދަރަނިވެރިވެފައި ކަމަށް އެމީހުން ގޮވަމުންދޭ

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ސަރުކާރުން ނުދޭ މައްސަލައިގައި މަސްވެރިން ހިތްހަމަ ނުޖެހުން ފާޅު ކޮށް އައްޑޫ އަތޮޅުގައި މަސްވެރިން ހުކުރު ދުވަހު ކުރަން ފެށި އިހުތިޖާޖުގައި އައްޑޫ ސިޓީ ހުޅުމީދޫގައި ހުންނަ ފިޝަރީޒް ކޮމްޕްލެސް ގައި "މަސްވެރިންގެ ލާރިކޮބާ؟" ޖަހާފައިވާ ހުދު ދިދައެއް ނަގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހުދު ދިދަ ނެގީ އެ ތަނުގައި ހުރި ފިޝަރީޒް ކޮމްޕްލެކްސްގެ ދިދަ ބޭލުމަށްފަހުގައެވެ.

އެ އިމާރާތުގެ ގޯތި ތެރޭގައި އިހުތިޖާޖު ކުރަމުންނެވެ.

ހުކުރު ދުވަހުން ފެށިގެން އައްޑޫގައި މަސްވެރިން ކުރަމުންދާ އިހުތިޖާޖުގައި އެމީހުން ލައިގެން ތިބި ޓީޝާޓުގައިވެސް މަސްވެރިން ތިބި ހާލު އަންގައިދޭ ޝިއާރުތައް ވަނީ ތައްގަނޑު ޖަހާފައެވެ.

ގިނަ އަދަދެއްގެ މަސްވެރިން ބައިވެރިވާ މި އިހުތިޖާޖުގައި މަސްވެރިން ގޮވާލަމުން ދަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ މިހާރުން މިހާރަށް ދިނުމަށެވެ.

މަސްވެރިންގެ ކަންބޮޑުވުމަކީ ރައީސުލް ޖުމްހޫރިއްޔާ އާއި ވަޒީރުން ފަދަ ބޮޑެތި މަގާމު ތަކުގައި ތިއްބެވި ބޭފުޅުން ބަރާބަރަށް މުސާރަ ނަންގަވާއިރު، މަސްވެރިންނަށް ލިބެންވާ ލާރި ކޮޅު ނުލިބި އެތައް ދުވަހެއް ފާއިތު ވެގެން ދިއުމުން އެމީހުންގެ އާއިލާތައް ނިކަމެތި ވަމުން ދިއުމެވެ.

މަސްވެރިން ބުނަނީ، ކަރަންޓު ބިލު ނުދެއްކި އެމީހުންގެ އާއިލާތައް ދަރަނިވެރި ވެފައި ތިބި ކަމަށެވެ.

މަސްވެރިން ބުނީ އެމީހުންގެ އިހުތިޖާޖަށް 24 ގަޑީއިރު ވީއިރު ސަރުކާރުން އެއްވެސް ޖަވާބުދާރީ އެއް ވެފައި ނެތްކަމަށެވެ.

އިހުތިޖާޖުގެ ބައިވެރިން ބުނެފައިވަނީ އެމީހުންނަށް މިކަމަށް ހައްލެއް ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް ކަމަށެވެ.

އައްޑޫގެ މަސްވެރިން އެމީހުން ކިރާ މަހަށް ސަރުކާރުން ފައިސާ ނުދޭތީ ކަންބޮޑުވެ އިހްތިޖާޖު ކުރަމުން ދާއިރު، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިން އިސްނަގައިގެން މިމަހު ކުރީ ކޮޅު މާލޭގައި އިހްތިޖާޖު ކޮށްފައެވެ. އެ އިހްތިޖާޖުގައިވެސް މަސްވެރިންނަށް ފައިސާ ދިނުން ލަސްވާތީ ކަންބޮޑުވުން ފާޅު ކޮށްފައިވެއެވެ. އަދި ބޮޑު ކަންނެލި މަސްވެރިންނަށް ޑރ. މުއިއްޒު ވެވަޑައިގެންނެވި އެއްވެސް ވައުދެއް ނުފުއްދަވާ ކަމަށް ބުނެފައިވެއެވެ.

ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތީ، މަސްވެރިން ބާނާ މަހަށް، މަސް ކިރާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދައްކާނެ ކަމަށް ވައުދު ވެގެން ކަން ފާހަގަ ކުރެވެއެވެ. އަދި ކިރާ މަހަށް ޑޮލަރުން ފައިސާ ލިބޭނެ ގޮތް ހަދާނެ ކަމަށްވެސް ޑރ. މުއިއްޒު މަސްވެރިންނަށް ވެފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނެއެވެ.

ސަރުކާރުން އިހްތިޖާޖުގެ ބައިވެރިންނަށް އެއްވެސް އިޖާބައެއް މިހާތަނަށް ދީފައި ނުވާކަމަށް ބުނަމުންދާއިރު، މި ދުވަސް ކޮޅަކީ ބޮޑު އީދު ޗުއްޓީއަށް ސަރުކާރު ދިގު މުއްދަތަކަށް ބަންދު ކޮށްފައިވާ ދުވަސް ކޮޅެއްކަން ކަން ފާހަގަ ކުރެވެއެވެ. އީދު ޗުއްޓީއަށް ރާއްޖޭގެ އެންމެ އަގު ބޮޑު އެއް ރިސޯޓު ކަމުގައިވާ ވެލާ ގައި ޗުއްޓީ ހޭދަ ކުރެއްވުމަށް ފަހު ރައީސް ޑރ މުއިއްޒު އާއްމުންގެ ތެރެއިން ހުކުރު ދުވަހު ފެނިފައިވެއެވެ.

ހުކުރު ދުވަހު އައްޑޫ މަސްވެރިން ފެށި އިހްތިޖާޖު އާ ބެހޭ ގޮތުން މަސްވެރިކަމާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ހޮނިހިރު ދުވަހު މެންދުރު ކުރެއްވި ޓްވީޓެއްގައި "ސަރުކާރުން ދަނީ ވަރަށް ގާތުން ބަލަމުން އަޑުއަހަމުން، އަދި އެކަމުގައި މިފްކޯ އަދި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތަފްސީލްވެސް މިދަނީ ހިއްސާ ކުރަމުން" ކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް