ކ. މާލެ
|
22 ޖޫން 2024 | ހޮނިހިރު 13:58
ހުޅުމީދޫގައި ހުންނަ މިފްކޯ ފެކްޓަރީގައި މަސްވެރިން މުޒާހަރާކުރަނީ
ހުޅުމީދޫގައި ހުންނަ މިފްކޯ ފެކްޓަރީގައި މަސްވެރިން މުޒާހަރާކުރަނީ
ރާއްޖެއެމްވީ
މަސްވެރިން ކުރާ މުޒާހަރާ
ޑިމާންޑްތަކާއެކު މަސްވެރިން އަދިވެސް މުޒާހަރާގައި، ފިޝަރީޒް މިނިސްޓަރު ވިދާޅުވީ ހުންނެވީ ބައްލަވަން ކަމަށް
މަސްވެރިންނަށް ފައިސާ ނުދޭތާ 3 މަސް ވެއްޖެ
މަސްވެރިން ބުނަނީ މުޒާހަރާއަށް 24 ގަޑީއިރު ވިއިރުވެސް ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައި ނުވާ ކަމަށް
ސަރުކާރުން ކަންކަން ބަލަމުންދާކަމަށް މިނިސްޓަރު ވިދާޅުވި

އައްޑޫ ސިޓީ ހުޅުމީދޫގައި ހުންނަ މިފްކޯގެ ފެކްޓަރީއަށް މަސްވެރިން ކިރި މަހަށް ފައިސާ ނުދީ މިލިއަނުން ފައިސާ ހިފަހައްޓާފައިވާ މައްސަލައިގައި ކުރަމުންދާ މުޒާހަރާގެ ޑިމާންޑުތައް ފުރިހަމަ ނުވަނީސް ހުއްޓާނުލާނެކަމަށް މަސްވެރިން ބުނެފިއެވެ.

ހުޅުމީދޫގައި ހުންނަ މަސްފެކްޓްރީ ކައިރިއަށް އެއްވެ މަސްވެރިން ދަނީ ހުކުރު ދުވަހުން ފެށިގެން މުޒާހަރާ ކުރަމުންނެވެ. އައްޑޫ ސިޓީގައި މަސްވެރިން މުޒާހަރާ ކުރަމުން އަންނަނީ މަސްވެރިން ބޭނި މަސް ކިރިތާ އެތައް ދުވަހެއް ވެގެން ދިޔައިރުވެސް މިފްކޯއިން ފައިސާ ދީފައި ނުވާތީއެވެ. އަދި މިފްކޯއިން ފައިސާ ނުދޭތީ އިތުރަށް ދަރަނިވެރިވެގެން މަހަށް ދެވެން ނެތްކަމަށް މަސްވެރިން ދަނީ ބުނަމުންނެވެ.

މަސްވެރިން ޑިމާންޑް ކުރަމުންދަނީ ކިރުވި މަހަށް ފައިސާ ދިނުމަށާއި، ސަރުކާރުގެ ވައުދުތައް ފުއްދުމަށެވެ. އަދި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމާއި ބައްދަލުކުރުމާއި، ދެންވެސް މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށެވެ.

ނަމަވެސް މަސްވެރިންގެ މުޒާހަރާއަށް 24 ގަޑީއިރު ވެގެންދިޔަ އިރުވެސް މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނެވިފައިނުވެއެވެ. އަދި މުޒާހަރާއާއި ގުޅިގެން މިނިސްޓަރ ޝިޔާމް އެކެސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ސަރަހައްދުގައި ކުރިޔަށްދާ އިހުތިޖާޖު ފެށުމުގެ ކުރިންވެސް އަދި މިހާރުވެސް ސަރުކާރުން ވަރަށް ގާތުން އެކަން ބަލަމުން އަންނަ ކަމަށާއި، މަސްވެރިންގެ އަޑުއަހާ އެކަމުގައި މިފްކޯ އަދި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތަފްސީލުވެސް ހިއްސާކުރަމުން ކަމަށެވެ.

ނަމަވެސް މަސްވެރިން ބުނެފައިވަނީ މިހާތަނަށް އައި އިރުވެސް ކަމާއިބެހޭ އެއްވެސް އިދާރާއަކުން އަދި މަސްވެރިންގެ ޑިމާންޑްތަކާއި ގުޅިގެން އެއްވެސް އެއްޗެއް ބުނެފައި ނުވާ ކަމަށެވެ.

ހުޅުމީދޫ މިފްކޯ މަސް ފެކްޓްރީގައި މުޒާހަރާ ކުރަމުންދާ މަސްވެރިން ބުނެފައިވަނީ އެތަނަށް މަސްވެރިން އައީ ސަރުކާރާއި ފުލުހުންނާއި ކުރިމަތިލާން ނޫން ކަމަށާއި، އެތަނަށް މަސްވެރިން އެއްވެފައިވަނީ ހައްގު ހޯދުމަށް ކަމަށެވެ.

3 މަސް މި ވަނީ އަހަރުމެންނަށް ލާރިއެއް ނުލިބި، އާއިލާތައް ބިކަވެ، ކަރަންޓު ބިލް ނުދެއްކި މިތިބީ ދަރަނިވެރިވެފައި. މިތާ ތިބޭތާ 24 ގަޑީއިރު 2 ޖަހާއިރަށް މިވީ. ސަރުކާރުން އެއްވެސް ހިސާބަކުން ޖަވާބުދާރީވެފައި ނުވޭ މިކަންކަން ހައްލު ކޮށްދޭނަމޭ ބުނެ.
މުޒާހަރާކުރަމުންދާ މަސްވެރިއެއް

އައްޑޫގައި މުޒާހަރާ ކުރަމުންދާ މަސްވެރިން ބުނެފައިވަނީ މި ސަރުކާރު ވެރިކަމަށް އަންނަންވި ވައުދުތަކުގެ ތެރޭގައި މަސްވެރިން ބާނާ މަހަށް 48 ގަޑީއިރު ތެރޭގައި ފައިސާ ލިބޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިނަމަވެސް، މިހާތަނަށްވެސް މަސްވެރިންނަށް ފައިސާ ލިބިފައިވަނީ ކޮންމެވެސް ހިސާބަކުން މުޒާހަރާކޮށްގެން ކަމަށެވެ.

މުޒާހަރާ ކުރަމުންދާ މަސްވެރިން ބުނަމުންދަނީ މަސްދޯނިތަކުން ކިރާ މަހަށް ލިބެން ޖެހޭ ފައިސާތަކުގެ އަދަދަށް ބަލާއިރު ކޮންމެ ދޯންޏަކަށް މިލިއަނުން ފައިސާދޭން އެބަހުރި ކަމަށެވެ. ނަމަވެސް އެއިން ކޮންމެ ދޯންޏަކަށް ވެސް ދެމުންދަނީ ލައްކައެއްހާ ރުފިޔާ ކަމަށާއި، އެ ފައިސާ ފަޅުވެރިންނަށް ބަހާލުމުން، ގޭގެ ކޮއްތުބިލު ދެއްކުމަށްފަހު ދެން ބާކީ އެހެންކަމަކަށް ކުރާނެ ހަރަދެއް ނޯންނަ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް