ކ. މާލެ
|
22 ޖޫން 2024 | ހޮނިހިރު 06:49
މެޗުގައި ލަނޑު ޖެހުމަށްފަހު އޮސްޓްރިއާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އޮސްޓްރިއާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ޔޫރޯ 2024
އޮސްޓްރިއާ އިން ޕޮލެންޑުގެ މައްޗަށް ކުރި ހޯދައިފި
ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ތިން ޕޮއިންޓާއެކު އެ ޓީމު އޮތީ ތިން ވަނައިގައި.

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި އޮސްޓްރިއާ އިން ޕޮލެންޑުގެ މައްޗަށް ކުރި ހޯދައިފި އެވެ.

ހުކުރު ދުވަހުގެ ރޭ ގްރޫޕް ޑީ ގައި މި ދެ ޓީމު ބައްދަލު ކުރިއިރު، ދެ ޓީމު ވެސް ވަނީ ކުޅުނު ފުރަތަމަ މެޗުން ބަލިވެފަ އެވެ. އެހެންވެ، މުބާރާތުގައި ކުރިއަށް ދިޔުމަށް ދެ ޓީމަށް ވެސް އޮތީ މޮޅުވާން މަޖުބޫރުވެފަ އެވެ.

ޖުމުލަ ގޮތެއްގައި އޮސްޓްރިއާގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މެޗުގައި، ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް އެ ޓީމުންނެވެ. މެޗު ފަށައިގެން ނުވަ ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ގާނޯޓް ޓްރައުނާ އެވެ. ނަމަވެސް، އޭގެ ފަހުން ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ޕޮލެންޑުގެ ނަތީޖާ ހަމަހަމަ ކުރީ ކްރިސްޓޮފް ޕިއޮންޓެކް ޖެހި ލަނޑުންނެވެ.

ދެ ވަނަ ހާފުގައި ޕޮލެންޑުން ވަނީ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ ކުޅެން އަރުވައިފަ އެވެ. ޕޮލެންޑުން ލަނޑު ޖެހުމަށް މަސައްކަތް ކުރަމުން ދަނިކޮށް، އޮސްޓްރިއާ އިން ވަނީ 66 ވަނަ މިނެޓުގައި ދެ ވަނަ ފަހަރަށް ލީޑު ނަގައިފަ އެވެ. އެއީ ކްރިސްޓޮފް ބޯމްގާޓްނާ ޖެހި ލަނޑުންނެވެ. އޭގެ ފަހުން މެޗުގެ 78 ވަނަ މިނެޓުގައި އޮސްޓްރިއާ އިން ތިން ވަނަ ލަނޑެއް ޖެހީ އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. އެ ޕެނަލްޓީ ކާމިޔާބު ކޮށްދިނީ މާކޯ އާނައުޓޮވިޗް އެވެ.

މޮޅާއެކު އޮސްޓްރިއާ އިން ވަނީ މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ އުންމީދެއް ހޯދައިފަ އެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ތިން ޕޮއިންޓާއެކު އެ ޓީމު އޮތީ ތިން ވަނައިގަ އެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އޮސްޓްރިއާ ނިކުންނާނީ ފްރާންސްއާ ދެކޮޅަށެވެ. ގްރޫޕްގެ ފުލުގައި އޮތް ޕޮލެންޑު ވަނީ މުބާރާތުން ކަޓައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް