ކ. މާލެ
|
21 ޖޫން 2024 | ހުކުރު 21:42
މިސްރުގެ ރައީސް ސީސީ އިސްރާއިލުގެ ބޮޑު ވަޒީރާއި ބައްދަލުކުރައްވަނީ
މިސްރުގެ ރައީސް ސީސީ އިސްރާއިލުގެ ބޮޑު ވަޒީރާއި ބައްދަލުކުރައްވަނީ
އޭޕީ
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ގާޒާ ގެ ހަނގުރާމަ ހިނގަމުން ދާއިރު މިސްރާއި އެމިރޭޓްސް އަދި އުރުދުން އިން އިޒްރޭލަށް ކުރި އެކްސްޕޯޓް ވިޔަފާރި މައްޗަށް
މި ތިން ގައުމުން އިޒްރޭލަށް އެކްސްޕޯޓް ކުރި މުދަލަށް އެތައް މިލިއަން ޑޮލަރެއް ލިބިފައި ވާއިރު އަރަބި އިސްލާމީ ގައުމުތަކުގެ އާއްމުން ގެންދަނީ އިޒްރޭލާ އެކު އޮންނަ ވިޔަފާރީގެ ގުޅުންތައް ކަނޑާލުމަށް އެ ގައުމުތަކުގެ ސަރުކާރު ތަކަށް ގޮވާލަމުން.

ގާޒާ ގައި އިޒްރޭލު ސިފައިން ހަނގުރާމަ ހިނގަމުން ގެންދާއިރު މިސްރާއި އެމިރޭޓްސް އަދި އުރުދުން އިން އިޒްރޭލާ އެކު ކުރި އެކްސްޕޯޓު ވިޔަފާރި މައްޗަށް ހިނގައްޖެ ކަމަށް އިޒްރޭލުގެ ސެންޓްރަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (ސީބީއެސް) އިން އާންމު ކުރި ތަފާސް ހިސާބު ރިޕޯޓުން ހާމަވެއްޖެއެވެ.

އިޒްރޭލުގެ ސީބީއެސް އިން ބުރާސްފަތި ދުވަހު އާއްމު ކުރި ތަފާސް ހިސާބާ ރިޕޯޓު ބުނާ ގޮތުން މެއި މަހު މިސްރުން އިޒްރޭލަށް 25 މިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓް ކޮށްފައިވާ ކަމަށާއި އެއީ ހުސްވި އަހަރުގެ މެއި މަހާއި އަޅާ ބަލާއިރު ދެ ގުނަ ބޮޑު އަދަދެއް ކަމަށެވެ.

މިސްރަކީ އިޒްރޭލާ އެކު 1979 ވަނަ އަހަރު ސުލްހައިގެ އެއްބަސްވުމާއެކު ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެކެވެ. އަދި އިޒްރޭލާ ހަމާސް އާ ދެމެދު ކުރެވޭ މުއާމަލާތްތަކުގައި މެދުވެރި އެއްގެ ރޯލު އަދާ ކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

މިސްރުގެ އެކްސްޕޯޓް ވިޔަފާރި މައްޗަށް ދިޔަކަން މި ހާމަވީ، އިޒްރޭލުން ގާޒާ ގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން މިސްރުގެ ސިނާއި ޕެނިންސުއެލާ އަށް ގަދަކަމުން ފޮނުވާލަން ރާވާފައިވާ ރޭވުމެއް ފަޅާ އެރުމާ ގުޅިގެން މިސުރުން އެކަމާ ހިތްހަމަ ނުޖެހުމުގެ ސަބަބުން ދެ ގައުމުގެ ސިޔާސީ ގުޅުން ހީނަރުވެފައިވާ ކަމަށް ބެލިވިފައިވާ ދަނޑިވަޅެއްގައެވެ.

އިޒްރޭލުން އާއްމު ކުރި ތަފާސް ހިސާބަށް ބަލާއިރު، އެމިރޭޓްސް އިން އިޒްރޭލަށް މި އަހަރުގެ މެއި މަހުގެ ތެރޭގައި 242 މިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓް ކޮށްފައިވެއެވެ. ހުސްވި އަހަރުގެ މެއި މަހު އިޒްރޭލަށް އެމިރޭޓްސް އިން ބޭރު ކުރި މުދަލުގެ އަގަކީ 238.5 މިލިއަން ޑޮލަރެވެ.

އުރުދުން އިން މި އަހަރުގެ މެއި މަހު އިޒްރޭލަށް ބޭރު ކުރި މުދަލުގެ އަގު ކަމަށް އިޒްރޭލުން ހާމަ ކޮށްފައިވަނީ 35.7 މިލިއަން ޑޮލަރެވެ. ހުސްވި އަހަރުގެ މެއި މަހު އުރުދުން އިން އެކްސްޕޯޓް ކޮށްފައިވަނީ 32.3 މިލިއަން ޑޮލަރުގެ މުދާ ކަމަށް އިޒްރޭލުން ހާމަ ކުރި ރިޕޯޓުގައި ބުނެފައިވެއެވެ.

އުރުދުން އިން އިޒްރޭލަށް އެކްސްޕޯޓް ކުރި މިންވަރު މެއި މަހުގެ ތެރޭގައި އިތުރުވެފައި ވާއިރު، އުރުދުންގެ އާއްމު ރައްޔިތުން ގެންދަނީ، އިޒްރޭލާ ދެކޮޅަށް މުޒާހަރާތައް ބާއްވާ، 1994 ވަނަ އަހަރު އެ ގައުމުން އިޒްރޭލާ އެކު ހަދާފައިވާ ސުލްހައިގެ އެއްބަސްވުން އުވާލާ އުރުދުން ގައި ހުންނަ އިޒްރޭލް އެމްބަސީ ބަންދު ކުރުމަށް ގޮވާލަމުންނެވެ.

އިޒްރޭލުން އާއްމު ކުރި ތަފާސް ހިސާބަށް ބަލާއިރު، ތުރުކީން އިޒްރޭލަށް އެކްސްޕޯޓް ކުރި މިންވަރު ހުސްވި އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ދެބައިކުޅަ އެއްބަޔަށް ދަށަށް ގޮސްފައިވާ ކަން ވަނީ ފާހަގަ ކުރެވިފައެވެ. މި ދަށްވުން އައީ ގާޒާ ހަނގުރާމަ އާ ގުޅިގެން ތުރުކީ ސަރުކާރުން ތުރުކީގެ އުފެއްދުންތައް އިޒްރޭލަށް އެކްސްޕޯޓް ކުރުމާ ދެކޮޅަށް ބައެއް ފިޔަވަޅު އެޅުމާ ގުޅިގެން ކަމަށް ބެލެވެއެވެ.

މި ފިޔަވަޅުތަކާ އެކުވެސް މި އަހަރުގެ މެއި މަހު ތުރުކީން 116.8 މިލިއަން ޑޮލަރުގެ އެކްސްޕޯޓް އިޒްރޭލަށް ކޮށްފައިވާކަން ފާހަގަވެއެވެ. އެކަމަކު އެއީ ހުސްވި އަހަރުގެ މެއި މަހު އެކްސްޕޯޓް ކުރި މުދަލަށް އެރި 376.6 މިލިއަން އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު ބޮޑު ދަށްވުމެއްކަން ފާހަގަ ކުރެވެއެވެ.

އަރަބި އަދި އިސްލާމީ ބައެއް ގައުމު ތަކުން އިޒްރޭލާ އެކު އޮންނަ ވިޔަފާރީގެ ގުޅުން ގާޒާގެ ހަނގުރާމައިގެ ތެރޭގައި މައްޗަށް ދިޔަކަން ފާހަގަ ކުރެވޭއިރު، އިޒްރޭލާ ވިޔަފާރީގެ ގުޅުން ކަނޑާލުމަށް އިސްލާމީ ގައުމުތަކުގެ އާއްމުން އެ ގައުމުތަކުގެ ސަރުކާރުތަކަށް ގޮވާލާ ބޮއިކޮޓް ކެމްޕޭން ހިންގަމުންދާތާ އެތައް ދުވަހެއް ވެއްޖެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް