ކ. މާލެ
|
20 ޖޫން 2024 | ބުރާސްފަތި 16:24
ކެނެޑާގެ ކޯޗު ޖެސީ މާޝް
ކެނެޑާގެ ކޯޗު ޖެސީ މާޝް
ޓްވިޓަރ
ކޮޕާ އެމެރިކާ 2024
ކެނެޑާ އިން ނިކުންނާނީ އާޖެންޓީނާގެ ވަރުގަދަކަން އެނގި ތިބެގެން!
މާޝް ބުނީ އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި އާޖެންޓީނާއާ ދެކޮޅަށް ރޭވުންތެރި، އަދި ޑިސިޕްލިން ޓީމެއް މުހިންމު ކަމަށް.

ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށް ކެނެޑާ އިން ނިކުންނާނީ، އެ ޓީމުގެ ވަރުގަދަކަން އެނގި ތިބެގެން ކަަމަށް، ކެނެޑާގެ ކޯޗު ޖެސީ މާޝް ބުނެފި އެވެ.

އޭނާ މިހެން ބުނީ މުބާރާތުގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެ ފަތިހު އާޖެންޓީނާއާ ދެކޮޅަށް ކެނެޑާ އިން ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.

މާޝް ބުނީ އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި އާޖެންޓީނާއާ ދެކޮޅަށް ރޭވުންތެރި، އަދި ޑިސިޕްލިން ޓީމެއް މުހިންމު ކަމަށެވެ. އެ ވާހަކަތައް މީގެ ކުރިން ވެސް އޭނާ ދައްކާފައިވާނެ ކަމަށް ވެސް މާޝް ބުންޏެވެ. ބޭނުން ވަނީ އެގްރެސިވް ކުޅުމެއް ދެއްކުންކަން ފާހަގަކޮށް މާޝް ބުނީ، މެޗުން ފައިބައިގެންދާއިރު އެ ހިތްހަމަ ޖެހުމާއެކު ދާން އޭނާ ބޭނުންވާ ކަމަށެވެ.

މީގެ އިތުރުން މާޝް ބުނީ އާޖެންޓީނާގެ ފެންވަރަކީ ކޮބައިކަން އެންމެނަަށް ވެސް އިނގެން ވާނެ ކަމަށެވެ. ޚާއްސަކޮށް އާޖެންޓީނާގެ އަތުގައި ބޯޅަ އޮންނަ ވަގުތުގައި އެމީހުން ކުރިއަށް ޖެހިގެން، އިދިކޮޅު ޓީމަށް ވަރަށް ބޮޑަށް ނުރައްކާ ކުރާނެކަން މާޝް ފާހަގަ ކުރި އެވެ. އަނެއްކޮޅުން އާޖެންޓީނާގެ މެދު ތެރޭގައި ތިބި ކުޅުންތެރިންނަކީ، އެންމެ ރަނގަޅަށް ގޭމު ކޮންޓްރޯލް ކުރާނެ ކުޅުންތެރިން ކަމަށް ވެސް އޭނާ ބުންޏެވެ.

އަނެއްކޮޅުން، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަކީ މުޅި މެޗު އަނބުރާލާނެ ފެންވަރު ހުރި ކުޅުންތެރިޔެއްކަން ފާހަގަކޮށް މާޝް ބުނީ، އެންމެ ސަމާލުކަން ދޭން ޖެހޭނީ ވެސް މެސީ އަށް ކަމަށެވެ. ޚާއްސަކޮށް އާޖެންޓީނާ އަށް މާބޮޑަށް ޖާގަ ދިނުމަށް މަސައްކަތް ކޮށްގެން ނުވާނެ ކަމަށާއި، ކެނެޑާ އަށް ޕްރެޝަރު ކުޑަ ވާނީ ވެސް އެހެން މަސައްކަތް ކޮށްގެން ކަމަށް މާޝް ބުންޏެވެ.

އެހެންކަމުން އާޖެންޓީނާއާ ދެކޮޅަށް ކެނެޑާ އިން ނިކުންނާނީ ފުރިހަމަ އަށް ތައްޔާރުވެގެން ކަމަށާއި، ކުޅުންތެރިންގެ ރޫޙާއި ހިތްވަރު ހުރި ގޮތަށް ބަލާއިރު، އޭނާ އަށް އުންމީދު އޮތް ކަމަށް ވެސް މާޝް ވަނީ ބުނެފަ އެވެ.

ކެނެޑާ އިން އާޖެންޓީނާއާ ދެކޮޅަށް ނިކުންނާނީ ހުކުރު ދުވަހުގެ ފަތިހު ފަހެއް ޖަހާއިރު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް