ކ. މާލެ
|
19 ޖޫން 2024 | ބުދަ 20:32
އަލްބޭނިއާ އިން މެޗުގެ ފަހު ވަގުތުގައި ލަނޑު ޖަހަނީ
އަލްބޭނިއާ އިން މެޗުގެ ފަހު ވަގުތުގައި ލަނޑު ޖަހަނީ
ޓްވިޓަރ
ޔޫރޯ 2024
އަލްބޭނިއާއާ އެއްވަރުވެ، ކްރޮއޭޝިއާ ޕްރެޝަރަށް
މެޗު އެއްވަރުވެ ކްރޮއޭޝިއާ އޮތީ ގްރޫޕް ބީގެ އެންމެ ފުލުގައި.

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އަލްބޭނިއާއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ، ކްރޮއޭޝިއާ އަށް ޕްރެޝަރާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ކްރޮއޭޝިއާ ވަނީ ސްޕެއިން އަތުން ބަލިވެފަ އެވެ. އެހެންކަމުން، ބުދަ ދުވަހުގެ ހަވީރު އަލްބޭނިއާއާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމަށް އޮތީ މޮޅުވާން މަޖުބޫރުވެފަ އެވެ.

ޖަރުމަނުގެ ވޮލްކްސްޕާ ކްސްޓާޑިއަން ގައި ކުޅުނު މެޗު އެއްވަރުވީ 2-2 އިންނެވެ. މެޗުގައި އަލްބޭނިއާ އިން ލީޑު ނަގާފައި ވަނިކޮށް، ކްރޮއޭޝިއާ އިން ވަނީ ފަހަތުން އަރައި ލީޑު ވެސް ނަގައިފަ އެވެ. ނަމަވެސް މެޗުގެ ފަހު ވަގުތު އަލްބޭނިއާ އިން ވަނީ ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ.

މެޗު ފަށައިގެން 11 ވަނަ މިނެޓުގައި އަލްބޭނިއާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ޤާޒިމް ލަސީ އެވެ. އޭނާ އެ ލަނޑު ޖެހީ ޖާސިރު އަސަނީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މެޗުގައި ކްރޮއޭޝިއާ އިން ވަނީ ދެ ވަނަ ހާފުގައި ދެ ލަނޑު ޖަހައިފަ އެވެ. މެޗުގެ 74 ވަނަ މިނެޓުގައި ކްރޮއޭޝިއާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެންޑްރެޖް ކްރަމަރިޗް އެވެ. އޭނާ އެ ލަނޑު ޖެހީ އަންޓޭ ބުޑިމީރް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ދެ މިނެޓު ފަހުން ކްރޮއޭޝިއާ އަށް ލީޑު ލިބުނީ އަލްބޭނިއާގެ ކްލައުސް ޖަސުލާ އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އަލްބޭނިއާ އަށް ނަތީޖާ ހަމަހަަމަ ކޮށްދިނީ ވެސް ޖަސުލާ އެވެ.

މެޗު އެއްވަރުވެ ކްރޮއޭޝިއާ އޮތީ ގްރޫޕް ބީގެ އެންމެ ފުލުގަ އެވެ. މިހާތަނަށް ކުޅުނު ދެ މެޗުން ކްރޮއޭޝިއާ އަދި އަލްބޭނިއާ އަށް ވެސް ލިބެނީ އެންމެ ޕޮއިންޓެކެވެ. ނަމަވެސް ތިން ވަނައިގައި އަލްބޭނިއާ އޮތީ ލަނޑުންނެވެ. އެއް ވަނައިގައި އޮތް ސްޕެއިން އާއި ދެ ވަނައިގައި އޮތް އިޓަލީ ކުޅެފައި ވަނީ އެންމެ މެޗެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް