ކ. މާލެ
|
18 ޖޫން 2024 | އަންގާރަ 12:47
ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)
ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)
އިންޑިއާ ރާއްޖެ ގުޅުން
ފެންނަމުން ދަނީ މި ސަރުކާރަށް ވެސް އިންޑިއާގެ އެހީތެރިކަމާ ނުލައި ނޫޅެވޭ މަންޒަރު: ބިގޭ
ސަރަޙައްދީ ސުލްހަ ގާއިމު ކުރުމަށް ދުނިޔޭގެ ބާރުތަކުގެ ތެރެއިން އިންޑިއާ ބެލެނިވެރިއެއްގެ ރޯލު އަދާކުރޭ
އިންޑިއާ ކަނޑުގެ ސަރަޙައްދަކީ ދުނިޔޭގެ ސުލްހައަށް މުހިއްމު ސަރަޙައްދެއް
ރާއްޖެއަކީވެސް އިންޑިއާ އާއި އަވައްޓެރި ޤައުމުތަކާ ގުޅި ލާމެހިފައިވާ ޤައުމެއް

ފެންނަމުންދަނީ އިންޑިއާގެ އެހީތެރިކަމާ ނުލައި މި ސަރުކާރަށް ވެސް އުޅެވެން ނެތްކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ބިގޭ ވިދާޅުވީ، އިންޑިއާ ކަނޑުގެ ސަރަޙައްދަކީ ދުނިޔޭގެ ސުލްހައަށް މުހިއްމު ސަރަޙައްދެއް ކަމަށެވެ. އެހެންކަމުން ސަރަޙައްދީ ސުލްހަ ގާއިމު ކުރުމަށް ދުނިޔޭގެ ބާރުތަކުގެ ތެރެއިން އިންޑިއާ އިން ބެލެނިވެރިއެއްގެ ރޯލު އަދާކުރާކަމަށް ބިގޭ ވިދާޅުވިއެވެ.

އިންޑިއާ އައުޓޭ ގޮވާއިރު އިންޑިއާއަށް އެކަންޏެއް ނޫން އެ ގޮވެނީ އިނގޭތޯ، ދުނިޔޭގެ ސުލްހައަށްޓަކައި މި ސަރަޙައްދުގެ ސުލްހަ ގާއިމު ކުރުމަށްޓަކައި މި ސަރަޙައްދު ބެލެހެއްޓުމާ ހަވާލުވެ ތިއްބެވި އެންމެ އަވައްޓެރި ގައުމުތަކާ ދިމާއަށް އެހެން އެ ކިޔެނީ
އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

ބިގޭ ވިދާޅުވީ، ރާއްޖެއަކީވެސް އިންޑިއާ އާއި އަވައްޓެރި ގައުމުތަކާ ގުޅި ލާމެހިފައިވާ ގައުމެއް ކަމަށެވެ. އެގޮތުން ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައި ވެސް އެހީތެރިކަމުގެ ގޮތުން ބެލިނަމަވެސް އިންޑިއާއިން މިހާތަނަށް އެ އެހީތެރިކަން ފޯރުކޮށްދީފައި ވާކަން ބިގޭ ފާހަގަ ކުރެއްވިއެވެ.

ބިގޭ އިތުރަށް ވިދާޅުވީ، އިންޑިއާގެ އެހީތެރިކަމާ ނުލައި މި ސަރުކާރަށް ވެސް އުޅެވެން ނެތް ކަމަށާއި، އިންޑިއާއިން ބިލިއަން ޑޮލަރުގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދޭ ކަމަށެވެ. އެގޮތުން ދާދި ފަހުންވެސް އިންޑިއާއިން އެ ގައުމަށް ރާއްޖެއިން ދައްކަންޖެހޭ ލޯނު ދެއްކުން ފަސްކޮށްދިނުމުގެ ސަބަބުން ރާއްޖެއަށް އެކަމުގެ ފަސޭހަތައް ލިބިގެން ގޮސްފައިވާކަން ބިގޭ ފާހަގަ ކުރެއްވިއެވެ.

ބިގޭ އެހެން ވިދާޅުވެފައިވާއިރު، ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރުގައި އެދިގެން، ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ގަނެފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑަށް ފައިސާ ދެއްކުން އަހަރަކަށް ފަސްކޮށްދޭން އެ ގައުމުން ވަނީ ނިންމާފައެވެ.

ބިގޭ ވިދާޅުވީ، ސަރުކާރު ވެރިކަމަށް އައީ ވަކި ގައުމަކުން އެހީ ހޯދައިގެން އިންޑިއާ ދޫކޮށްލުމުގެ ނިޔަތުގައި ކަމަށާއި، ނަމަވެސް ރާއްޖެ އޮތީ ސަރަހައްދީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން އިންޑިއާއާއެކުވެސް ބަނދެވިފައި ކަމަށެވެ. އެހެންކަމުން ވިސްނަންވީ ހުރިހާ ގައުމަކާ އެކުވެސް ރަނގަޅު ގުޅުމެއް ބޭއްވުމަށް ކަމަށް ބިގޭ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
0%
0%
0%
0%
0%
0%
ކޮމެންޓް