މިއަހަރުގެ ފުރަތަމަ ކުއަރޓާގައި ރާއްޖޭން ބޭރު ކުރި މަހުން ލިބުނު އާމްދަނީ 22.2 މިލިއަން ޑޮލަރު ދަށަށް ހިނގައްޖެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަ ކޮށްފިއެވެ.
އެމްއެމްއޭ އިން ޝާއިއު ކުރި މިއަހަރުގެ ފުރަތަމަ ކުއަރޓާލީ އިކޮނޮމިކް ބުލެޓިން ގައި ބުނެފައިވަނީ މި އަހަރުގެ ފުރަތަމަ ކުއަރޓާގައި ރާއްޖޭން މަސް ބޭރުކޮށްގެން ލިބިފައިވަނީ 31.5 މިލިއަން އެމެރިކާ ޑޮލަރު ކަމަށާއި، އެ އަދަދަކީ 2023 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓާގައި ލިބުނު އާމްދަނީ އާ އަޅާ ބަލާއިރު 41 އިން ސައްތަ ދަށް މިންވަރެއް ކަމަށެވެ.
އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި ފިނިކުރި ކަޅުބިލަމަސް އެކްސްޕޯޓު ކޮށްގެން ލިބުނު އާމްދަނީވެސް ވަރަށް ބޮޑުތަނުން ވަނީ ދަށަށް ގޮސްފައެވެ. ފުރަތަމަ ކުއަރޓާގައި ފިނިކުރި ކަޅުބިލަމަހުން ރާއްޖެއަށް ލިބިފައިވަނީ 19.9 މިލިއަން ޑޮލަރު ކަމަށް ވާއިރު އެއީ 2023 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓާގައި ރާއްޖޭން ފިނިކުރި ކަޅުބިލަ މަސް ބޭރުކޮށްގެން ލިބުނު އާމްދަނީ އަށް ވުރެ 64 އިން ސައްތައިގެ ދަށްވުމެއް ކަމަށް އެމްއެމްއޭގެ ހިސާބުތަކުން ދަށްކައެވެ.
އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބުތަކުގެ ގޮތުގައި އެމްއެމްއޭ އިން ފާހަގަ ކޮށްފައިވަނީ މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖެއިން މަސް އެކްސްޕޯޓު ކުރި މިންވަރު ކުރީ އަހަރުގެ ނިސްބަތުން 57 އިން ސައްތަ ދަށްވުމާއި ބެންކޮކްގެ ފިނިކުރި މަހުގެ ބާޒާރުގައި ކަޅުބިލަ މަސް ކިލޯއެއް 1.4 އެމެރިކާ ޑޮލަރަށް ދަށް ވުން ކަމަށެވެ. 2023 ވަނަ އަހަރުގެ ކުރީކޮޅު ތައިލެންޑުގައި ފިނިކުރި މަސް ކިލޯއަކަށް ލިބެމުން އައީ 1.8 އެމެރިކާ ޑޮލަރެވެ.
މީގެ އިތުރުން، އެމްއެމްއޭ އިން ހާމަކޮށްފައިވާ މައުލޫމާތައް ބަލާއިރު 2024 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓާގައި ރާއްޖޭން ބޭރު ކުރި ރީނދޫ އުރަހަ ކަންނެއްޔަށް ލިބުނު އާމްދަނީ 3.3 މިލއަން ޑޮލަރު ދަށަށް ގޮސްފައިވެއެވެ. އެއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު އާމްދަނީން 57 އިން ސައްތައިގެ ދަށްވުމެއް ކަމަށް އެމްއެމްއޭ އިން ފާހަގަ ކުރެއެވެ. ރާއްޖޭން ރީނދޫ އުރަހަ ކަންނެލި މި އަހަރުގެ ފުރަތަމަ ކުއަރޓާގައި ބޭރު ކުރި މިންވަރުވެސް 2023 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓާ އާ އަޅާ ބަލާއިރު 55 އިން ސައްތަ ދަށަށް ގޮސްފައިވާ ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.