ކ. މާލެ
|
17 ޖޫން 2024 | ހޯމަ 11:09
އޮސްޓްރިއާގެ ކޯޗު ރަންގްނިކް
އޮސްޓްރިއާގެ ކޯޗު ރަންގްނިކް
ރޮއިޓާރސް
ޔޫރޯ 2024
ފްރާންސް އަކީ މުބާރާތުގެ އެންމެ ބޮޑު ފޭވަރިޓުން: ރަންގްނިކް
ފުޓުބޯޅައިގައި ކޮންމެ ކަމެއް ވެސް ޙާސިލު ވާނީ މަސައްކަތް ކޮށްގެން، އެގޮތަށް ބަލާއިރު އޮސްޓްރިއާ އިން ޖެހިލުން ވާނެ އެއްވެސް ޓީމެއް ނޯންނާނެ

ފްރާންސް އަކީ މިހާރު ޖަރުމަނުގައި ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ އެންމެ ބޮޑު ފޭވަރިޓުން ކަމަށް، އޮސްޓްރިއާގެ ކޯޗު ރަލްފް ރަންގްނިކް ބުނެފި އެވެ.

އޭނާ މިހެން ބުނީ، މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ފްރާންސްއާ ދެކޮޅަށް އޮސްޓްރިއާ އިން ނިކުންނަ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.

ރަންގްނިކް ބުނީ، އޮސްޓްރިއާ އިން ކުޅެން ޖެހޭނީ މުބާރާތުގެ ފޭވަރިޓު ޓީމު ނުވަތަ އެންމެ ބޮޑު ފޭވަރިޓު ޓީމާ ދެކޮޅަށް ކަމަށެވެ. އަދި ފްރާންސް އަކީ އެންމެ ފަހު 2022 ވަނަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕްގެ ދެ ވަނަ ހޯދި ޓީމުކަން ވެސް އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ.

ފްރާންސް ޓީމަށް ބަލާއިރު، އެ ޓީމަކީ ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ސްކޮޑުގެ މައްޗަށް އެކުލެވިގެންވާ ޓީމު ކަމަށް ވެސް ރަންގްނިކް ވަނީ ބުނެފަ އެވެ. ޚާއްސަކޮށް ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅެތި ފޯވާޑުން ތިބީ ވެސް ފްރާންސްގައި ކަމަށް ރަންގްނިކް ޤަބޫލު ކުރެ އެވެ. އެހެންކަމުން، އެ ޓީމާ ދެކޮޅަށް ކުޅެން ޖެހޭނީ އެންމެ ރަނގަޅު ފެންވަރުގައި ކަމަށް ރަންގްނިކް ވަނީ ބުނެފަ އެވެ.

ފްރާންސް މެޗަށް ނިކުންނައިރު، އޮސްޓްރިއާ އިން އެ މީހުންގެ ހިތްވަރުގަދަ ކަމާއި، ޚަރުދަނާ ކަމުގެ މަތީގައި ޔަގީންކަމާ އެކު ތިން ޖެހޭނެ ކަމަށް ވެސް ރަންގްނިކް ވަނީ ބުނެފަ އެވެ. މިވަގުތަށް ބަލާއިރު، އޮސްޓްރިއާ ވެސް އޮތީ އޭނާ ހިތްހަމަ ޖެހޭ ފެންވަރެއްގައި ކަމަށް ރަންގްނިކް ބުންޏެވެ. ޓީމުގައި މިވަގުތު އަނިޔާގެ އެއްވެސް މައްސަލައެއް ނެތްއިރު، ހުރިހާ ކުޅުންތެރިން ވެސް ފިޓު ކަމަށް އޭނާ ބުންޏެވެ.

ރަަންގްނިކް ބުނީ، އޮސްޓްރިއާ އިން ފްރާންސް އަށް ފުރިހަމަ އަށް އިޙުތިރާމް ކުރާނެ ކަމަށެވެ. އެހެން ނަމަވެސް، ފުޓުބޯޅައިގައި ކޮންމެ ކަމެއް ވެސް ޙާސިލު ވާނީ މަސައްކަތް ކޮށްގެން ކަމަށާއި، އެގޮތަށް ބަލާއިރު އޮސްޓްރިއާ އިން ޖެހިލުން ވާނެ އެއްވެސް ޓީމެއް ނޯންނާނެ ކަމަށް ވެސް ރަންގްނިކް ވަނީ ބުނެފަ އެވެ.

އޮސްޓްރިއާގެ ކޯޗުކަމާ ރަންގްނިކް ހަވާލުވީ މީގެ ދެ އަހަރު ކުރިން، 2022 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އެ ޓީމާ ހަވާލުވެ ރަންގްނިކް ވަނީ ރަނގަޅު މަސައްކަތެއްކޮށް، ޓީމަށް ބަދަލުތަކެއް ގެނެސްފަ އެވެ. އޭނާގެ އިރުޝާދުގެ ދަށުން އޮސްޓްރިއާ އިން ރަނގަޅު ނަތީޖާތަކެއް ނެރެފައިވާއިރު، ޔޫރޯ އަށް އޭނާ ވަނީ ޚާއްސަ އަމާޒުތަކެއް ވެސް ކަނޑައަޅައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް