ކ. މާލެ
|
16 ޖޫން 2024 | އާދީއްތަ 20:19
މެޗުގައި ލަނޑު ޖެހުމަށްފަހު ނެދަލެންޑްްސްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ނެދަލެންޑްްސްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ޔޫރޯ 2024
ފަހަތުން އަރައި ނެދަލެންޑްސް އިން ޕޮލެންޑު ބަލިކޮށްފި
ނެދަލެންޑްސް އިން މެޗު ކާމިޔާބު ކުރީ ޕޮލެންޑުން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޕޮލެންޑާއި، ނެދަލެންޑްސް ބައްދަލު ކުރި މެޗު ނެދަލެންޑްސް އިން ކާމިޔާބު ކޮށްފި އެވެ.

ޖަރުމަނުގެ ވޮލްކްސްޕާކްސްޓާޑިއަން ގައި އާދިއްތަ ދުވަހުގެ ހަވީރު ކުޅުނު މެޗު ނެދަލެންޑްސް އިން ކާމިޔާބު ކުރީ ޕޮލެންޑުން ލަނޑު ޖަހާފައި ވަނިކޮށް، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ.

މި މެޗަށް ޕޮލެންޑުން ނިކުތީ އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ރޮބާޓް ލެވަންޑޯސްކީ ނުލަ އެވެ. ޔޫރޯ އަށް ތައްޔާރުވުމުގެ ގޮތުން ޕޮލެންޑުން ކުޅުނު މެޗެއްގައި ލެވަންޑޯސްކީ އަށް ވަނީ އަނިޔާވެފަ އެވެ. އެކަމުގެ ސަބަބުން އޭނާ އަށް ފުރަތަމަ މެޗުގައި ނުކުޅެވޭނެކަން ކުރިން ވެސް އޮތީ އެނގިފަ އެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ޕޮލެންޑުންނެވެ. މެޗު ފަށައިގެން 16 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ އެޑަމް ބުކްސާ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޕިއޮޓް ޒިއެލިންސްކީ އެވެ. ނަމަވެސް މެޗުގެ 29 ވަނަ މިނެޓުގައި ކޯޑީ ގަކްޕޯ ވަނީ ލަނޑު ޖަހައި، ނެދަލެންޑްސް އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ނަތަން އަކޭ އެވެ. އޭގެ ފަހުން މެޗުގެ 83 ވަނަ މިނެޓުގައި ނެދަލެންޑްސް މޮޅުކޮށްދިން ލަނޑު ޖެހީ ވައުޓް ވެހޯސްޓް އެވެ.

ގްރޫޕް ޑީ ގައި ނެދަލެންޑްސްގެ ދެ ވަނަ މެޗުގައި އެ ޓީމު ނިކުންނާނީ ފްރާންސްއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ. ޕޮލެންޑުގެ ދެ ވަނަ މެޗުގައި އެ ޓީމު ނިކުންނާނީ އޮސްޓްރިއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް