ކ. މާލެ
|
16 ޖޫން 2024 | އާދީއްތަ 11:34
ޕޮލެންޑުގެ ކޯޗު މައިކަލް ޕްރޮބިއާޒް
ޕޮލެންޑުގެ ކޯޗު މައިކަލް ޕްރޮބިއާޒް
ރޮއިޓާސް
ޔޫރޯ 2024
ޕޮލެންޑުން، ނެދަލެންޑްސް އަށް އިޙުތިރާމް ކުރާނެ
ނެދަލެންޑްސްއާ ދެކޮޅަށް ކުޅޭ މެޗުގައި ޕޮލެންޑުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ، ރޮބާޓް ލެވަންޑޯސްކީ އަށް ނުކުޅެވުމަކީ އެމީހުންނަށް އޮތް ގޮން ޖެހުމެއް

ޖަރުމަނުގައި ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ނެދަލެންޑްސްއާ ދެކޮޅަށް ނިކުންނައިރު، ޕޮލެންޑުން އެ ޓީމަށް ފުރިހަމަ އަށް އިޙުތިރާމް ކުރާނެ ކަމަށް، ޕޮލެންޑުގެ ކޯޗު މައިކަލް ޕްރޮބިއާޒް ބުނެފި އެވެ.

އޭނާ މިހެން ބުނީ އާދިއްތަ ދުވަހުގެ ހަވީރު ނެދަލެންޑްސްއާ ދެކޮޅަށް ޕޮލެންޑުން ނިކުންނަ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.

ޕްރޮބިއާޒް ބުނީ ނެދަލެންޑްސް އަކީ ކިހާ ފެންވަރެއްގެ ޓީމެއްކަން އެމީހުންނަށް އިނގޭ ކަމަށެވެ. އެއާއެކު، ނެދަލެންޑްސް އަށް ފުރިހަމަ އަށް އިޙުތިރާމް ކުރާނެ ކަމަށާއި، އެހެން ނަމަވެސް އެއީ އެ ޓީމު ދެކެ ޖެހިލުންވުން ނޫން ކަމަށް ވެސް ޕްރޮބިއާޒް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޕްރޮބިއާޒް ބުނީ ނެދަލެންޑްސްއާ ދެކޮޅަށް ކުޅޭ މެޗުގައި ޕޮލެންޑުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ، ރޮބާޓް ލެވަންޑޯސްކީ އަށް ނުކުޅެވުމަކީ އެމީހުންނަށް އޮތް ގޮން ޖެހުމެއް ކަމަށެވެ. އަނިޔާގެ ފަހުން ލެވަންޑޯސްކީ ވަނީ ވަކިން ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައި ކަމަށާއި، އެހެންކަމުން އޮސްޓްރިއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ފެނުމުގެ އުންމީދު ބޮޑު ކަމަށް ވެސް ޕްރޮބިއާޒް ވަނީ ބުނެފަ އެވެ.

ނެދަލެންޑްސްއާ ދެކޮޅަށް ޕޮލެންޑުން ގެންގުޅޭ އުކުޅާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޕްރޮބިއާޒް ބުނީ، ހަމައެކަނި ސަލާމަތުގެ އައްސޭރިއެއްގައި ތިބެން ބޭނުން ވެގެން މެޗަށް ނިކުމެއްޖެ ނަމަ، ލަނޑެއް ލިބިދާނެ ކަމަށެވެ. އޭގެ ބަދަލުގައި ޕޮލެންޑުން ރޭވުންތެރިކަމާއެކު ގެންގުޅޭ ވިސްނުމެއް އޮތް ކަމަަށް ވެސް އޭނާ ބުންޏެވެ.

ޕްރޮބިއާޒްގެ އުންމީދަކީ ފުރަތަމަ މެޗަށް ނިކުންނައިރު، ޕޮލެންޑުން އެކުލަވާލާފައިވާ ޕްލޭންގައި ދެމި ތިބުމާއެކު އެކަން ކާމިޔާބުވުމެވެ. ޚާއްސަކޮށް ނެދަލެންޑްސްގެ ކުޅުންތެރިން ދެނެ ގަތުމާއި، އެ ޓީމުން ގެން ގުޅޭނެ އުކުޅުތައް ދެނެ ގަތުމުގައި ޕޮލެންޑުގެ ކުޅުންތެރިން ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށް ވެސް ޕްރޮބިއާޒް ބުންޏެވެ. އެގޮތުން ނެދަލެންޑްސް އިން މީގެ ކުރިން ކުޅެފައިވާ މެޗުތައް އޭނާގެ ކުޅުންތެރިންނަށް ދައްކާފައިވާނެ ކަމަށް ވެސް އެނާ ވަނީ ބުނެފަ އެވެ.

ގްރޫޕް ޑީ ގައި ޕޮލެންޑުން ނެދަލެންޑްސްއާ ދެކޮޅަށް ނިކުންނާނީ އާދިއްތަ ދުވަހުގެ ހަވީރު 18:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް