ކ. މާލެ
|
16 ޖޫން 2024 | އާދީއްތަ 08:33
އަރަފާތު ބިމުގައި ޙައްޖުވެރިއަކު އޭނާގެ މޫނާ ބޯ ފެނުން ތެއްމާލަނީ - ހައްޖު މޫސުމުގެ ދުވަސްވަރަކީ އާދަޔާ ޚިލާފަށް ހޫނު ގަދަ ދުވަސް ވަރެއް، ދުވާލުގެ ފިނިހޫނު މިން ހުރީ 48 ޑިގުރީ ސެލްސިއަށް
އަރަފާތު ބިމުގައި ޙައްޖުވެރިއަކު އޭނާގެ މޫނާ ބޯ ފެނުން ތެއްމާލަނީ - ހައްޖު މޫސުމުގެ ދުވަސްވަރަކީ އާދަޔާ ޚިލާފަށް ހޫނު ގަދަ ދުވަސް ވަރެއް، ދުވާލުގެ ފިނިހޫނު މިން ހުރީ 48 ޑިގުރީ ސެލްސިއަށް
ގެޓީ އިމޭޖަސް
ޙައްޖު 1445
ހީޓް ސްޓްރޯކް ގެ ސަބަބުން 6 ހައްޖުވެރިން ނިޔާވެއްޖެ
ނިޔާވި އެންމެންނަކީ ވެސް އުރުދުންގެ ރައްޔިތުން
ނިޔާވި މީހުންގެ ހަށިތައް ގައުމަށް ގެންދިއުމުގެ އިންތިޒާމް ސައުދީ ސަރުކާރާ ގުޅިގެން ކުރިއަށް ގެންދާ ކަމަށް އުރުދުންގެ ޚާރިޖީ ވުޒާރާއިން ބުނެފައިވޭ
ސިއްހީ ކަންކަމަށް ވަގުތުން ފިޔަވަޅު އަޅަން ސައުދީ ސަރުކާރުން ވަނީ 1600 ސިފައިން މެޑިކަލް ޔުނިޓް ތަކާއެކު ހަމަޖައްސާފަ

ހީޓް ސްޓްރޯކް ގެ ސަބަބުން މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން 6 މީހުން ނިޔާވެއްޖެއެވެ.

މި ހިތާވެރި ހާދިސާ ހިނގިއިރު، މި އަހަރުގެ ހައްޖު މޫސުމުގެ ދުވަސްވަރަކީ އާދަޔާ ޚިލާފަށް ހޫނު ގަދަ ދުވަސް ވަރަކަށް ވާނެ ކަމަށާއި ދުވާލުގެ ފިނިހޫނު މިން 48 ޑިގުރީ ސެލްސިއަށް މައްޗަށް ދާނެ ކަމަށް ބުނެ ސައުދީ ސަރުކާރުން ގެންދިޔައީ ހޫނަށް ސަމާލު ވުމަށް ހައްޖުވެރިންނަށް ވަރަށް ބޮޑަށް އިރުޝާދު ދެމުން ކަން ފާހަގަ ކުރެވެއެވެ.

ސައުދީ އޮފިޝަލުންނާ ހަވާލާދީ ސީއެންއެން އިން ބުނެފައިވަނީ ނިޔާވި އެންމެންނަކީ ވެސް އުރުދުންގެ ރައްޔިތުން ކަމަށެވެ. ނިޔާވި މީހުންގެ ހަށިތައް ގައުމަށް ގެންދިއުމުގެ އިންތިޒާމް ސައުދީ ސަރުކާރާ ގުޅިގެން ކުރިއަށް ގެންދާ ކަމަށް އުރުދުންގެ ޚާރިޖީ ވުޒާރާއިން ހޮނިހިރު ދުވަހު ބުނެފައިވެއެވެ.

މީހުން ނިޔާވި ޚަބަރު ހާމަވީ އަރަފާތު ބިމުގައި ހައްޖުވެރިން ތިއްބާ ކަމަށް ނިޔާވި މީހެއްގެ އާއިލާ މީހަކާ ހަވާލާދީ ސީއެންއެން އިން ބުނެފައިވެއެވެ.

ސައުދީ އަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ އޮފް ސްޓެޓިސްޓިކްސް އިން ހާމަކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މި އަހަރު 1.8 މިލއަން މީހުންނަށް ވުރެ ގިނަ މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވެފައި ވެއެވެ.

ހޫނުން ރައްކައުތެރި ވުމަށް ކުޑަ ހިފައިގެން އުޅުމަށާއި، ކަރު ހިއްކުމުގެ އަސަރު ނުކުރިޔަސް ގިނައިން ފެން ބުއިމަށް ސައުދީ ސަރުކާރުން ހައްޖުވެރިންނަށް މި އަހަރު ދީފައިވާ ޚާއްސަ އިރުޝާދުތަކުގެ ތެރޭގައި ހިމެނެއެވެ. އަރަފާތުގެ މައިދާނުގައި މާހައުލު ފިނި ކުރުމަށް ވައިގެ ތެރެއަށް ފެން ސްޕްރޭ ކުރާ ނިޒާމެއް މި އަހަރު އޮޕަރޭޓް ކުރަމުން ދިޔަކަންވެސް ފާހަގަ ކުރެވެއެވެ.

ސިއްހީ ކަންކަމަށް ވަގުތުން ފިޔަވަޅު އަޅަން ސައުދީ ސަރުކާރުން ވަނީ 1600 ސިފައިން މެޑިކަލް ޔުނިޓް ތަކާއެކު ހަމަޖައްސާފައެވެ. ވަކިން ޚާއްސަކޮށް ހީޓް ސްޓްރޯކް އަށް ޚާއްސަ ކޮށް 30 ރެޕިޑް ރެސްޕޮންސް ޓީމް ވެސް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން 5000 ފަސްޓް އެއިޑް އޮފިޝަލުންނާއި ވޮލަންޓިއަރުންވެސް ގެންދަނީ ހަރަކާތްތެރި ވަމުން ކަން ސައުދީ އަރަބިއްޔާ އިން ވަނީ ހާމަ ކޮށްފައެވެ.

ނިޔާވި މީހުންނާ ބެހޭ ގޮތުން އުރުދުން ސަރުކާރުން ބުނެފައިވަނީ މިއަހަރު އުރުދުން އިން ހައްޖަށް ދިޔަ މީހުންގެ ރަސްމީ ލިސްޓުގައި ހިމެނެނީ 4000 މީހުން ކަމަށާއި، ނިޔާވި އެއްވެސް މީހަކު ރަސްމީ ލިސްޓުގައި ހިމެނިފައި ނުވާކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
100%
0%
0%
0%
ކޮމެންޓް