ކ. މާލެ
|
15 ޖޫން 2024 | ހޮނިހިރު 14:47
މާލޭގެ ގެއެއް ބަލައި ފާސްކުރުމުގައި ފުލުހުން ހަރަކާތްތެރިވަނީ
މާލޭގެ ގެއެއް ބަލައި ފާސްކުރުމުގައި ފުލުހުން ހަރަކާތްތެރިވަނީ
ޕޮލިސް
ކެނެބިސް ޓްރެފިކް ކުރުން
ކެނެބިސް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު އުމުރަށް ޖަލަށް ލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި
އޭނާ ދިރިއުޅޭ ގެއިން މަސްތުވާތަކެތި ވަނީ ފެނިފައި
220 ގްރާމް ކެނެބިސް ފެނިފައިވޭ
ޝަރީއަތުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ހުކުމްކޮށްފައި

ކެނެބިސް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ކެނެބިސް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެފައިވަނީ މުހައްމަދު ލަމްއާން ސަބާޙްގެ މައްޗަށެޗެ.

އޭނާގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ 31 އޯގަސްޓު 2023 ގައި އޭނާ ދިރިއުޅޭ ގެއިން މަސްތުވާތަކެތި ފެނުނު މައްސަލައެއްގައެވެ. އެގޮތުން 220 ގްރާމް ކެނެބިސް ފެނިފައިވާކަމަށް އެ ތަކެއްޗާ ގުޅޭ ތަހުލީލު ރިޕޯޓުން ދައްކައެވެ.

އޭނާ ދިރިއުޅޭ ގެއަށް ފުލުހުން ދިއުމުން އޭނާ ފުލުހުންނަށް އެއްބާރުލުން ދީފައިވެއެވެ. އެގޮތުން އޭނާ ދިރިއުޅުނު ކޮޓަރީގައި ޤާނޫނާ ޚިލާފު އެއްވެސް އެއްޗެއް ހުންނާނެތޯ އެހުމުން އޭރު އޭނާ ވަނީ އެ ކޮޓަރީގައި މަސްތުވާތަކެތި ހުރިކަމަށް ބުނެ އެ ތަކެތި ހުރިތަން ފުލުހުންނަށް ދައްކާފައެވެ.

ނަމަވެސް ޝަރީއަތުގައި އޭނާ ވަނީ ދައުވާއަށް އިންކާރުކޮށް، އެތަކެތި ހުރިކަން ނޭނގޭކަމަށް ބަޔާންކޮށް ދައުވާއަށް އިންކާރުކޮށްފައެވެ. އެހެންކަމުން ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ވަނީ ނަގާފައެވެ.

އޭނާވެސް ދިފާއުގައި 4 ހެއްކެއް ހުށަހެޅިއެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ހެކިންނަކީ އޭނާގެ ދިފާއަށް ބާރު ދިނުމަށް އުފައްދާފައިވާ ހެކިންކަމަށް ބުރަވެވޭކަމަށް ޝަރީއަތުން ވަނީ ބަޔާންކޮށްފައެވެ. އަދި ހެކިވެރިންގެ ހެކިބަސްތަކުގައިވެސް ސުވާލު އުފެދޭ ކަންކަން ގިނަކަން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން ޝަރީއަތުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ހުކުމްކޮށްފައެވެ.

އަދި އެ ކުށުގެ އަދަބެއްގެ ގޮތުން އޭނާ އުމުރަށް ޖަލަށް ލުމާއެކު، އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށްވެސް ވަނީ ހުކުމްކޮށްފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވައި ނިޔާ ކަނޑައެޅުއްވީ އެ ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
0%
0%
0%
0%
0%
0%
ކޮމެންޓް