ކ. މާލެ
|
15 ޖޫން 2024 | ހޮނިހިރު 00:05
ރަޝިއާގެ ރައީސް ވުލެޑިމިއަރ ޕުޓިން
ރަޝިއާގެ ރައީސް ވުލެޑިމިއަރ ޕުޓިން
ރޮއިޓާސް
ޔޫކްރެއިން ރަޝިއާ ހަނގުރާމަ
ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ޕުޓިންގެ ހުށަހަޅުއްވާ ގޮތް ހާމަކޮށްފި
ސުލްހައިގެ ވާހަކަތައް ފެށުމަށް ރަޝިއާގެ ރައީސްގެ އަނެއް ހުށަހެޅުއްވުމަކީ، ޔޫކްރެއިނުން ނޭޓޯ އާ ގުޅުމަށް ކުރަމުންދާ މަސައްކަތްތައް މުޅިން ހުއްޓާލުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް އެންމެ ފުރަތަމަ ކަމަކަށް ރަޝިއާ އިން ހިފާފައިވާ ޔޫކްރެއިންގެ ސަރަހައްދު ތަކުން ޔޫކްރެއިން ސިފައިން ފައިބަން ޖެހޭނެ ކަމަށް ރަޝިއާގެ ރައީސް ވުލެޑިމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ.

އަނެއް ކޮޅުން ޔޫކްރެއިންގެ ރައީސް ވިދާޅުވަމުން ގެންދަވަނީ ހިފާފައިވާ ޔޫކްރެއިންގެ ބިންތަކުން ރަޝިއާ ސިފައިން ނުފައިބަނީސް ރަޝިއާ އާ އެކު ސުލްހައިގެ ވާހަކަތައް ނުބާއްވާނެ ކަމަށެވެ.

ސުލްހައިގެ ވާހަކަތައް ފެށުމަށް ރަޝިއާގެ ރައީސްގެ އަނެއް ހުށަހެޅުއްވުމަކީ، ޔޫކްރެއިނުން ނޭޓޯ އާ ގުޅުމަށް ކުރަމުންދާ މަސައްކަތްތައް މުޅިން ހުއްޓާލުމެވެ.

ހަނގުރާމަ ހުއްޓާލާ ސުލްހައިގެ ވާހަކަތައް ފެށުމަށް ޕުޓިންގެ ޝަރުތުތައް މި ހާމަ ކުރެއްވީ، ޔޫކްރެއިނަށް ސުލްހަ ހޯދުމާ ގުޅޭ ގޮތުން ދުނިޔޭގެ 90ށް ވުރެ ގިނަ ގައުމުތަކުގެ ލީޑަރުން ބައިވެރިވާ ސުލްހައިގެ ސަމިޓް ސްވިޓްޒަރލޭންޑްގައި ހޮނިހިރު ދުވަހު ފެށުމަށް ކުޑަތަން ވެފައި ވަނިކޮށްނެވެ.

ސުލްހައިގެ ސަމިޓަށް ރަޝިއާ އަށް ދައުވަތު ދީފައެއް ނުވެއެވެ.

ރަޝިއާގެ ސަފީރުންނާ ހުކުރު ދުވަހު ބައްދަލު ކުރައްވާ މޮސްކޯގައި ޕުޓިން ދެއްކެވި ވާހަކަ ފުޅުގައި ރަޝިއާގެ ސިފައިން މިހާރު ތިބި ޔޫކްރެއިންގެ 4 ސަރަހައްދަކުން ޔޫކްރެއިންގެ ސިފައިން ފޭބުމަށް ވަނީ ގޮވާ ލައްވާފައެވެ. އެ ސަރަހައްދު ތަކަކީ، ޑާންޔެސްކް، ލުހާންސްކް، ޚެރްސޯން އަދި ޒުޕޯރީޒޭ އެވެ.

ޕުޓިން ވިދާޅުވީ، މިކަންކަމާ ޔޫކްރެއިނުން އެއްބަސްވާހާ އަވަހަކަށް ހަނގުރާމަ ހުއްޓާލުމަށާއި، ވާހަކަތައް ފެށުމުގެ އަމުރު ރަޝިއާ އިން ވަގުތުން ނެރޭނެ ކަމަށެވެ.

ޕުޓިންގެ ހުށަހެޅުއްވުމާ ބެހޭ ގޮތުން ހުކުރު ދުވަހު ޒެލެންސްކީ އިޓަލީގެ ސްކައި ޓީޖީ24 ޓީވީ އާ ވާހަކަފުޅު ދައްކަވަމުން ޕުޓިންގެ ހުށަހެޅުއްވުން ސިފަކުރެއްވީ ހިޓްލަރު ކުރި ޒާތުގެ ކަމެއްގެ ގޮތުގައެވެ. ހިޓްލަރުވެސް ޗެކޮސްލާވާކިޔާގެ ބައެއް ދެނިކޮށް ހަނގުރާމަ ހުއްޓާލާނެ ކަމަށް ބުނި ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ވެސް ވަނީ ޕުޓިންގެ ހުށަހެޅުން ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ޕުޓިން އުޅުއްވަނީ ޔޫކްރެއިންގެ ސަރަހައްދުތައް ގާނޫނާ ޚިލާފަށް ހިފައިގެން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ޕުޓިން ހުންނެވީ ޔޫކްރެއިނަށް ގޮތް ކިޔައިދެއްވޭނެ މަގާމެއްގައި ނޫން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
100%
0%
0%
0%
0%
0%
ކޮމެންޓް