ކ. މާލެ
|
14 ޖޫން 2024 | ހުކުރު 13:58
ރަފަހް ސިޓީ - ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލް ސިފައިން ދެމުންދާ ހަމަލާތަކުގައި ޝަހީދު ވަމުންދާ ފަލަސްތީނު ރައްޔިތުން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން
ރަފަހް ސިޓީ - ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލް ސިފައިން ދެމުންދާ ހަމަލާތަކުގައި ޝަހީދު ވަމުންދާ ފަލަސްތީނު ރައްޔިތުން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން
ބީބީސީ
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ހުއްޓުމެއްނެތި ރަފަހް އަށް ބޮން އަޅަނީ، އިޒްރޭލުން ހަނގުރާމަ ހުއްޓާލަފާނެ ކަމުގެ ނިޝާނެއް ނެތް
ވައިގެ މަގުންނާއި އެއްގަމު މަގުން އިޒްރޭލުން ގެންދަނީ ރަފަހް އަށް ހަމަލާ ދެމުން

ފަލަސްތީނުގެ ރަފަހް ސިޓީ އަށް އިޒްރޭލު ސިފައިން ދެމުންދާ ހަމަލާތަކަށް ކުޑަވެސް ލުޔެއް ނުދޭ ކަމަށާއި، ހުއްޓުމެއް ނެތި އެ ސިޓީ އަށް ބޮން އަޅަމުންދާ ކަމަށް އަލް ޖަޒީރާ އިން ބުނެފިއެވެ.

އަލްޖަޒީރާ އިން ބުނެފައިވާ ގޮތުގައި، ވައިގެ މަގުންނާއި އެއްގަމު މަގުން އިޒްރޭލުން ގެންދަނީ ރަފަހް އަށް ހަމަލާ ދެމުންނެވެ.

އަނެއްކޮޅުން ރަފަހްގެ މަގުތަކުގައި ފަލަސްތީނުގެ ހަނގުރާމަވެރިން ގެންދަނީ އިޒްރޭލު ސިފައިންނާ ކުރިމަތިލާ ހަމަލާތައް ދެމުންނެވެ.

ޖީ-7 ގެ އެންމެ މަތީ ވެރިންގެ ބައްދަލުވުމަށް ވަޑައިގެން އުޅުއްވަމުން ނޫސްވެރިން ކުރި ސުވާލަކަށް އެމެރިކާގެ ރައީސް ޖަވާބު ދެއްވަމުން ވިދާޅުވީ، ގާޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އަވަހަށް އާދެވިދާނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އެހެން ނަމަވެސް އުއްމީދު ކަނޑާ ނުލައްވާ ކަމަށްވެސް ބައިޑެން ވިދާޅުވިއެވެ.

ފާއިތުވި 24 ގަޑީއިރުގެ ތެރޭގައި ގާޒާގެ އުތުރުގެ ސަރަހައްދެއްގައި މީހުން ދިރިއުޅޭ އިމާރާތްތަކަކަށް ހަމަލާދީ ފަލަސްތީނުގެ 14 މީހުން އިޒްރޭލް ސިފައިން ވަނީ މަރާލާފައެވެ.

ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލް ސިފައިން ދެމުންދާ ހަމަލާތަކުގައި ޝަހީދު ވަމުންދާ ފަލަސްތީނު ރައްޔިތުން ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާއިރު ފަލަސްތީނު ރައްޔިތުނާ އެކުގައި ތިބިކަން ހާމަ ކުރުމުގެ ގޮތުން ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުން އިޒްރޭލަށް ދެމުންދާ ހަމަލާތައް ވަރުގަދަ ކޮށްފައިވާ ކަން ފާހަގަ ކުރެވެއެވެ.

އިޒްރޭލުގެ އުތުރުގައިވާ އަސްކަރީ މަރުކަޒަކަށް ޑްރޯން އާއި ރޮކެޓް ބޭނުން ކޮށްގެން ހިޒްބުﷲ އިން ބުރާސްފަތި ދުވަހު ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން އިޒްރޭލުން ވަނީ ދެކުނު ލުބްނާނަށް ހަނގުރާމަ މަތީ ބޯޓުތަކުން ބޮން އަޅާފައެވެ.

ގާޒާގައި އިޒްރޭލުން ހިންގާ އުދުވާނު ތަކަށް އަވަސް ހުއްޓުމުއް އަތުވެދާނެ ކަމަށް ނުބެލެވޭ އިރު ލުބްނާނުގެ ހިޒްބުﷲ އާއި އިޒްރޭލުގެ ހަމަލާތައް އިތުރު ވަމުން ދިއުމާއެކު ހަނގުރާމަ ފެތުރި މުޅި ސަރަހައްދު ހަނގުރާމައިގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމަށް މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ގާޒާގައި އިޒްރޭލް ސިފައިން ހިންގަމުންދާ ހަނގުރާމައިގައި ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ ފަހުން ފަލަސްތީނުން 37،232 މީހުން ވަނީ މަރާލާފައެވެ. އިޒްރޭލުގެ ހަމަލާތަކުން 85،232 މީހުން ވަނީ ޒަޚަމްވެފައެވެ. ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ހަމަލާތަކުން މި މުއްދަތުގެ ތެރޭގައި އިޒްރޭލުން މަރުވެފައި ވަނީ 1،139 މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 މިނެޓު ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް