މިއަހަރުގެ ހައްޖު މޫސުމަށް 1 މިލިއަން ހައްޖު ވިސާ ދޫކޮށްފައިވާ ކަމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ބުނެފިއެވެ.
ސައުދީ އަރަބިއްޔާގެ ޑެޕިއުޓީ މިނިސްޓަރ އޮފް ހައްޖު އެންޑް އުމުރާ ޑރ. އަބްދުލް ފައްތާހް މަޝާތް ވިދާޅުވީ، މިއަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހުން ފެށިގެން ސައުދީ ސަރުކާރުން ދޫކުރި ހައްޖު ވިސާގެ އަދަދު 1 މިލިއަނަށް އަރާ ކަމަށެވެ.
އޭނާ މިހެން ވިދާޅުވީ މިއަހަރުގެ ހައްޖުގެ އިންތިޒާމްތަކާ ބެހޭ ގޮތުން ބޭއްވި "ގްރޭންޑް ހައްޖު ސިމްޕޯސިއަމް" ގައި ހައްޖުގެ އިންތިޒާމް ތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.
ރޯޔަލް ކޮމިޝަން ފޯ މައްކާ ސިޓީން ވެސް ވަނީ މިއަހަރުގެ ހައްޖު މޫސުމަށް ތައްޔާރު ވުމުގެ ގޮތުން ޚިދުމަތްތައް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެ ކޮމިޝަންގެ ސީއީއޯ ސޯލިހް އަލް-ރަޝީދު ވިދާޅުވީ، މައްކާ ވަށައިގެން ތަރައްގީ ކުރެވުނު ރިންގް ރޯޑްގެ ސަބަބުން ހައްޖުވެރިންނަށް ވަރަށް ބޮޑަށް ފަސޭހަތަކެއް ވެގެން ދާނެ ކަމަށެވެ. އޭނާ ވިދާޅުވީ، 7 ބިލިއަން ސައުދީ ރިޔާލް، ހައްޖުވެރިންނަށް ދޭ ޚިދުމަތްތައް ރަނގަޅު ކުރުމުގެ ގޮތުން އިންފްރާސްޓްރަކްޗަރ އާއި ކަރަންޓުގެ ޚިދުމަތް ތަރައްގީ ކުރުމަށް ހޭދަ ކުރެވިފައިވާ ކަމަށެވެ.
މިއަހަރުގެ ހައްޖު މޫސުމުގައި 1 މިލިއަނަށް ވުރެ ގިނަ ކަންބަޅި ގުރުބާން ކުރެވޭނެ ކަމަށް ސައުދީ އޮފިޝަލުން އަންދާޒާ ކުރެއެވެ. ގުރުބާން ކުރާ ތަކެތީގެ މަސް 27 ގައުމަކަށް ސައުދީ ސަރުކާރުން ބެހުމަށް ވަނީ ހަމަޖެހިފައެވެ.
ހައްޖު މޫސުމުގެ ތައްޔާރީ ތަކާ ބެހޭ ގޮތުން މި ސިމްޕޯސިއަމްގައި ވާހަކަ ދައްކަވަމުން މައްކާ ސިޓީގެ މޭޔަރ މުސައިދު އަލް-ދާއޫދު ވިދާޅުވީ، ހައްޖުވެރިންގެ ކެއުމުގެ އިންތިޒާމްތަކާއި ތިބުމުގެ އިންތިޒާމްތައް ފުރިހަމަ ކުރުމަށް މައްކާގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މީހުން ގިނައިން ޖަމާވާ ތަންތަނުގެ ސާފު ތާހިރުކަން ބެލެހެއްޓުމަށާއި މާހައުލުގެ ހިތްފަސޭހަކަން ދެމެހެއްޓުމަށް ވެސް ގިނަ މަސައްކަތްތަކެއް ސައުދީ ސަރުކާރުން ކޮށްފައިވާ ކަމަށެވެ.
މައްކާ ސިޓީގެ މޭޔަރ ވިދާޅުވީ، ހައްޖުވެރިންނަށް ކެއްކުމަށް 328 ބަދިގެ އަކަށް ލައިސަންސް ދީފައިވާ ކަމަށެވެ. އަދި އެތަންތަނުގެ ސާފު ތާހިރު ކަމުގެ މިންގަނޑުތައް ބެލެހެއްޓުމަށް ބާރު އެޅުމަށް 450 އޮބްޒާވަރުންނާއި މޮބައިލް ލެބޯޓަރީތައް ހަރަކާތްތެރިވާނެ ކަމަށެވެ. ކައްކާ ތަކެތީގެ ސާމްޕަލް މޮބައިލް ލެބޯޓަރީތަކުން ތަހުލީލު ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.