ކ. މާލެ
|
13 ޖޫން 2024 | ބުރާސްފަތި 14:37
ރަފައެލް ވަރާން
ރަފައެލް ވަރާން
ރޮއިޓާސް
އިންޓަ މިއާމީ
ވަރާން ހޯދުމުގެ ޝައުޤުވެރިކަން މިއާމީން ގެންގުޅޭ
ޤައުމީ ޓީމަށް 93 މެޗު ކުޅެދީ، ފަސް ލަނޑު ޖަހާފައިވާ ވަރާން، ޤައުމީ ޓީމަށް ކުޅުން ހުއްޓާލީ މިދިޔަ އަހަރު

ފްރާންސްގެ ޑިފެންޑަރު ރަފައެލް ވަރާން ހޯދުމުގެ ޝައުޤުވެރިކަން އެމެރިކާގެ އިންޓަ މިއާމީން ގެންގުޅެމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 31 އަހަރުގެ ވަރާން މިވަގުތު ހުރީ ފްރީ އެޖެންޓެއްގެ ގޮތުގަ އެވެ. އެންމެ ފަހުން އޭނާ ކުޅުނީ މެންޗެސްޓަރ ޔުނައިޓެޑަށެވެ. ޔުނައިޓެޑާއެކު ވަރާން ސޮއި ކޮށްފައި އޮތް އެއްބަސްވުން ނިމުނު ސީޒަންގެ ނިޔަަލަށް ހަމަވީއިރު، އޭނާ ވަނީ އެއްބަސްވުން އައު ނުކޮށް ކުލަބު ދޫކޮށްލަން ނިންމައިފަ އެވެ.

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި އުރުގުއޭގެ ލުއިސް ސުއަރޭޒް އާއި ސްޕެއިންގެ ސާޖިއޯ ބުސްކެޓްސް އަދި ޖޯޑީ އަލްބާ ކުޅެމުން އަންނަ މިއާމީން ވަނީ، ވަރާން ހޯދުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން އިންޓަ މިއާމީން ވަރާންއާ މަޝްވަރާ ކުރަމުން އަންނަ ކަމުގައި ވެސް ބައެއް މީޑިއާ ތަކުގައި ބުނެފައިވެ އެވެ. އެހެން ނަމަވެސް، ވާހަކަ ދެކެވުން ފިޔަވައި އިތުރު އެހެން ކަމެއް ކުރިއަށް ނުދާ ކަމަށް ވެސް ބުނެފައިވެ އެވެ.

ލެންސް އިން ސީނިއާ ކެރިއަރު ފެށި ތަޖުރިބާކާރު ޑިފެންޑަރު ވަރާން ވަނީ، ސްޕެއިންގެ ރެއާލް މެޑްރިޑަށް ވެސް ކުޅެފަ އެވެ. ރެއާލްގައި ހުރުމަށްފަހު އޭނާ ޔުނައިޓެޑަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. ފްރާންސްގެ ޑިފެންސްގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ވަރާން، ޤައުމީ ޓީމަށް ކުޅެން ފެށީ 2013 ވަނަ އަހަރު އެވެ. ޤައުމީ ޓީމަށް 93 މެޗު ކުޅެދީ، ފަސް ލަނޑު ޖަހާފައިވާ ވަރާން، ޤައުމީ ޓީމަށް ކުޅުން ހުއްޓާލީ މިދިޔަ އަހަރު އެވެ. އޭނާ ވަނީ ފްރާންސް އާއެކު ފީފާ ވޯލްޑް ކަޕް އަދި ޔުއެފާ ނޭޝަންސް ލީގު ކާމިޔާބު ކޮށްފަ އެވެ.

މީގެ އިތުރުން ވަރާން ވަނީ ރެއާލް އަދި ޔުނައިޓެޑާއެކު ޖުމުލަ 20 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް