ކ. މާލެ
|
12 ޖޫން 2024 | ބުދަ 22:45
ބޮޑު ކަންނެލި މަސްވެރިކަން ކުރާ މަސްވެރިން ކުރަމުންދާ މުޒާހަރާގެ ތެރެއިން
ބޮޑު ކަންނެލި މަސްވެރިކަން ކުރާ މަސްވެރިން ކުރަމުންދާ މުޒާހަރާގެ ތެރެއިން
ރާއްޖެއެމްވީ
މަސްވެރިންގެ މުޒާހަރާ
ބޮޑު ކަންނެލީގެ އަގު ބޮޑު ކުރެވޭކަށް ނެތް، މިފްކޯ އަށް ބޮޑުކަންނެލި ކިރޭކަށްވެސް ނެތް: މިނިސްޓަރ ޝިޔާމް
މިފްކޯ އަށް ބޮޑު ކަންނެލި މިއަހަރު ނުގަނެވޭނެ، އެތަން އޮތީ ވަރަށް ހާލުގައި
ބޮޑު ކަންނެލީގެ އަގު މަތި ކޮށްދެވޭކަށް ނެތް، މާލީ ގޮތުން ސަރުކާރު އޮތީ ވަރަށް ހާލުގައި
ވައުދު ފުއްދޭނީ ފައިސާ ލިބިގެން، އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް މިދަނީ ބަލަމުން

ބޮޑުކަންނެލި ގަންނަ އަގު މި އަހަރު ބޮޑު ކޮށްދެވޭކަށް ނެތް ކަމަށާއި، އަދި ބޮޑު ކަންނެލި މިފްކޯ އަށް މިއަހަރު ކިރޭނެ ގޮތެއްވެސް ނެތް ކަމަށް ޑރ މުއިއްޒު ސަރުކާރުގެ މަސްވެރިކަމާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ބޮޑު ކަންނެލީގެ މަސްވެރިންނަށް ޑރ. މުއިއްޒުގެ ސަރުކާރުން ވީ ވައުދުތައް ނުފުއްދާތީ ބޮޑެތި ކަންބޮޑުވުން ތަކަކާއެކު ބުދަ ދުވަހު މާލޭ އެއް ނަމްބަރު ޖެޓީ ސަރަހައްދުގައި ބޭއްވި މުޒާހަރާ ގައި މަސްވެރިންގެ ހުރި ކަންބޮޑުވުންތައް އަޑު އައްސަވަން އެ ސަހަރައްދަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުން ވެފައިވާ ވައުދު ތައް ގުޅިފައި ހުރީ ފައިސާ އާ ކަމަށާއި، ރާއްޖޭގެ މާލީ ހާލަތު ހުރި ގޮތުން ބޮޑު ކަންނެލި ގަންނަ އަގު މިއަހަރު ބޮޑު ކޮށްދެވޭނެ ގޮތެއް ނެތް ކަމަށެވެ.

Advertisement

މަސްވެރިކަމާ ބެހޭ ވަޒީރު މިހެން ވިދާޅުވި އިރު ބޮޑު ކަންނެލި ގަންނަ އަގު 80ރ އާއި 100ރ އާ ދެމެދުގެ އަގަކަށް ބޮޑުކޮށްދެއްވާނެ ކަމަށް ޑރ. މުއިއްޒު ވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ވައުދުވެ ވަޑައިގަތްފައެވެ.

މަސްވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ، ކަންކަން ކުރެވޭނީ ފައިސާ ލިބިގެން ކަމަށެވެ. އަދި ސަރުކާރުން ގެންދަނީ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތަކަކީ ކޮބާތޯ ބަލަމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ އިތުރުން ފިނޭންސް މިނިސްޓަރާ މަޝްވަރާ ކޮށްގެން ސަރުކާރުގެ ޚަރަދުތައް ކުޑަ ކުރެވޭނެ ގޮތްތައް ސަރުކާރުން ހޯދަމުން ދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ހަތް މަސްތެރޭގައި މާލީ ގޮތުން ވަރަށް އުނދަގުލުގައި އުޅުނީ، އެ އަގަކަށް ނުގަނެވޭނެ.
މަސްވެރިކަމާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް

ވަޒީރުގެ މަސްވެރިންނަށް ދެންނެވީ، ސަރުކާރުގައި ވައުދު ތައް ފުއްދުމަށް ބޭނުންވާ ފައިސާ ނެތް ކަމަށެވެ. އެހެން ކަމުން އާމްދަނީ ހޯދޭނެ ގޮތްތަކާއި ޚަރަދު ކުޑަ ކުރެވޭނެ ގޮތްތައް ސަރުކާރުން ބަލަމުން ގެންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިފްކޯ އަށް ބޮޑު ކަންނެލި ގަތުމާ ބެހޭ ގޮތުންވެސް މަސްވެރިންނަށް ވަޒީރު ދެއްވި ޖަވާބަކީ އެކަންވެސް މިއަހަރު ތެރޭ ނުކުރެވޭނެ ކަމަށެވެ.

ވަރަށް ސާފުކޮށް މި ދަންނަވަނީ، މިއަހަރު ތެރޭ މިފްކޯ އަކަށް މަހެއް ނުގަނެވޭނެ، އެތަން އޮތީ ވަރަށް ހާލުގައި.
މަސްވެރިކަމާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް

ޑރ. މުއިއްޒު ބޮޑު ކަންނެލީގެ މަސްވެރިންނަށް ވީ ވައުދުތައް ފުއްދާނީ ކޮން އިރަކުންތޯ މަސްވެރިއަކު ވަޒީރުއާ ސުވާލު ކުރުމުން ސީދާ އެ ސުވާލަށް ޖަވާބު ދެއްވުމުގެ ބަދަލުގައި މިނިސްޓަރ ވިދާޅުވީ، ރައީސްގެ ވައުދުތައް ދައުރުގެ ކުރީ ކޮޅުގައި ފުއްދަވާނެ ކަމަށެވެ.

މުޒާހަރާގައި އަޑުއުފުލި މަސްވެރިއަކު ބުނީ، ކަންނެލި ކިރާފައި ފައިސާ ނުލިބޭތާ ދޮޅު މަސްދުވަސް ވެއްޖެ ކަމަށާއި، 3 ދަތުރު ޖެހިޖެހިގެން އެއްޗެއް ނުލިބި ކުރަން ޖެހުމުގެ ސަބަބުން މަސްވެރިން ތިބީ ވަރަށް ހާލުގައި ކަމަށެވެ.

ބައެއް މަސްވެރިން ތިބީ ބޭންކަށް ދަރާ، އަދި އެ ދަރަނި ދެއްކޭނެ އެއްވެސް ގޮތެއް ނެތް.
މަސްވެރިއެއް

މަސްވެރިންގެ ހިތްހަމަ ނުޖެހުންތަކުގެ ތެރޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމުގެ ހުއްދަ ބައެއް ކުންފުނިތަކަށް ދިނުމަށް ސަރުކާރުން ރާވަމުންދާތީ އެކަންވެސް ހިމެނެއެވެ.

އެކަމާ ބެހޭ ގޮތުން ވަޒީރު ވިދާޅުވީ، ދިވެހިންނަށް މަސްވެރިކަމާ ގުޅޭ މަސައްކަތްތަކުން އެންމެ ރަނގަޅު އާމްދަނީ އެއް ލިބޭނެ ގޮތްތައް ސަރުކާރުން ހޯދަން މަސައްކަތް ކުރާ ކަމަށެވެ. ލޭނު އަޅަން ސަރުކާރުން ހުއްދަ ދިނުމަކީ އަދައިގެ މަސްވެރިންނަށް ނުހަނު ބޮޑެތި ގެއްލުންވާނެ ކަމެއް ކަމަށް ވުމާއެކު އެކަމުގެ ހުއްދަ ނުދިނުމަށް މުޒާހަރާގައި ތިބި މަސްވެރިން ތަކުރާރު ކޮށް ގޮވަމުން ދިޔަ އިރުވެސް އެކަން ސަރުކާރުން ނުކުރާނެ ވާހަކަ އެއް ވަޒީރު ވިދާޅެއް ނުވެއެވެ.

ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް، ވެވަޑައިގެންނެވި ވައުދު ތަކުގެ ތެރޭގައި ބޮޑު ކަންނެލީގެ އަގު ބޮޑު ކޮށްދިނުމުގެ އިތުރުން، ހެޔޮ އަގުގައި ތެޔޮ ލިބޭނެ ގޮތް ހަދައި ދިނުމާއި، މިފްކޯ އަށް ބޮޑު ކަންނެލި ގަންނާނެ ކަމުގެ ޔަގީންކަން ދިނުން ހިމެނެއެވެ.

ބޮޑުކަންނެލި މަސްވެރިންގެ މުޒާހަރާ - ރާއްޖެއެމްވީ

މަސްވެރިން ބުނަނީ ސަރުކާރަށް 7 މަސް ފުރިގެން ދިޔައިރު މިއިން އެއްވެސް ކަމެއް މިހާތަނަށް ކޮށްފައި ނުވާ ކަމަށެވެ.

ސަރުކާރުން ބޮޑު ކަންނެލީގެ މަސްވެރިނަށް ވީ ވައުދު ނުފުއްދާތީ މަސްވެރިންގެ ކަންބޮޑުވުން ފާޅު ކޮށް ކުރަމުންދާ މުޒާހަރާގައި ގިނަ އަދަދެއްގެ ކަންނެލި އޮޑިފަހަރާއި ދިވެހި މަސްވެރިން ބައިވެރިވަމުންދާ ކަން ފާހަގަ ކުރެވެއެވެ.

މުޒާހަރާގެ ބައިވެރިން ބުނީ ސަރުކާރުން އެދެވޭ ޖަވާބެއް ލިބެންދެން މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް
13 ޖޫން 2024 | ބުރާސްފަތި 08:00
އަލީ
ޚަރަދުތައް ކުޑަކުރަންތޯ ޕޮލިސް އަދި އެމް.އެން.ޑީ.އެފް އަށް މުސާރަ ބޮޑު ތަނުން ބޮޑުކޮށްލީ؟ ޚަރަދު ކުޑަކުރަންތޯ އެތައް ސިޔާސީ ވަޒީފާއެއް އުފައްދަވަނީ؟
12 ޖޫން 2024 | ބުދަ 23:04
ތިމަންނަ
ވެރިކަން ލިބުމުގެ ކުރީގައި މަސްކޮޅު ވިއްކާލިނަމަ =/150 އަށް ކިލޯއެއް ވިކުނީސް