ކ. މާލެ
|
12 ޖޫން 2024 | ބުދަ 14:53
އިސްރާއިލުން ބޮމުގެ ހަމަލާދީ އަންދާލާފައިވާ ރެފިއުޖީ ކޭމްޕެއް ކައިރިއަށް ޣައްޒާގެ އާންމުން އެއްވެފައި
އިސްރާއިލުން ބޮމުގެ ހަމަލާދީ އަންދާލާފައިވާ ރެފިއުޖީ ކޭމްޕެއް ކައިރިއަށް ޣައްޒާގެ އާންމުން އެއްވެފައި
އޭއެފްޕީ
ފަލަސްތީން އިސްރާއީލް ހަނގުރާމަ
އެމެރިކާއިން ހުށަހެޅި ސުލްހައިގެ ޕްލޭނަށް ހަމާސް އިން ޖަވާބު ދީފި
އެމެރިކާގެ ސުލްހައިގެ ހުށަހެޅުމަށް އިޒްރޭލާއި ހަމާސް އެއްބަސް ކުރެވޭތޯ އެމެރިކާ އާއި މެދު އިރުމަތީގެ ގައުމުތަކުން މަސައްކަތްތަކެއް ކުރަމުންދާ މަންޒަރު ފެނޭ

ގާޒާގައި އިޒްރޭލުން ހިންގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާ އިން އިސްނަގައިގެން ހުށަހަޅާ ސުލްހައިގެ ޕްލޭނަށް ހަމާސް އާއި އިސްލާމިކް ޖިހާދުން ޖަވާބު ދީފި ކަމަށް އެފަރާތްތަކުން ބުނެފިއެވެ.

ހަމާސް އާ އިސްލާމިކް ޖިހާދުން ސުލްހައިގެ ޕްލޭނަށް ޖަވާބު ދިނީ މެދުވެރިއެއްގެ ރޯލު އަދާ ކުރާ ދެ ގައުމު ކަމަށްވާ ގަތަރާއި މިސްރުގެ މީޑީއޭޓަރުންނަށެވެ.

އެމެރިކާގެ ސުލްހައިގެ ހުށަހެޅުމަށް އިޒްރޭލާއި ހަމާސް އެއްބަސް ކުރެވޭތޯ އެމެރިކާ އާއި މެދު އިރުމަތީގެ ގައުމުތަކުން މަސައްކަތްތަކެއް ކުރަމުންދާ މަންޒަރު ފެންނައިރު އަނެއް ކޮޅުން ގާޒާގެ ރައްޔިތުންނަށް ޔަހޫދީ ސިފައިން ދެމުންދާ ހަމަލާތަކަށް ކުޑަ ނަމަވެސް ހެޔޮ ބަދަލެއް ނާންނަކަން މީޑިއާގެ އިތުރުން ގާޒާގައި ހަރަކާތްތެރިވާ އދ ގެ ޖަމާއަތްތަކުންވެސް އަންނަނީ ބުނަމުންނެވެ.

ދިރިއުޅޭ ގެ ތަކާއި، ހޮސްޕިޓަލްތަކާއި، ސްކޫލްތަކާއި، ޔުނިވަސިޓީތަކާއި، ދަނޑުވެރިކަމާއި އިގްތިސާދު މުޅިން ފުނޑުފުނޑުވެ ހިނގައްޖެ ކަމަށާއި، އެކަމަކު އަދިވެސް މަތިން ބޮން އޮހެނީ ކަމަށް ގާޒާގައި މަސައްކަތް ކުރާ ޔުނިސެފްގެ އޮފިޝަލަކު ގާޒާގެ ހާލަތު ބަޔާން ކޮށްދީ އަލްޖަޒީރާ އާ ވާހަކަ ދައްކަމުން ބުނެފައިވެއެވެ.

އަނެއްކޮޅުން، ލުބުނާން އަށް އިޒްރޭލުން ދެމުންދާ ހަމަލާ ތަކުގައި ހިޒްބުﷲ ގެ އިސް ކޮމާންޑަރަކު މަރުވެފައިވާ ކަމަށް އެ ޖަމާއަތުން ވަނީ ބުނެފައެވެ.

ހިފާފައިވާ ބިންތަކުގެ ތެރޭގައި ހިމެނޭ ހުޅަނގު އައްސޭރީގެ ކަފްރް ދާން ގައި އިޒްރޭލު ސިފައިން ހިންގި ރެއިޑެއްގައި ފަލަސްތީނުގެ 6 މީހުން އިޒްރޭލް ސިފައިން ވަނީ މަރާލާފައެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލް ސިފައިން ފަލަސްތީނުގެ ގާޒާ ސިޓީއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 37،164 ފަލަސްތީނު މީހުން ވަނީ މަރާލާފައެވެ. އޭގެ އިތުރުން 84،832 މީހުން ވަނީ އިޒްރޭލުގެ ހަމަލާތަކުގައި ޒަހަމްވެފައެވެ. އަނެއް ކޮޅުން ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ހަމަލާތަކުގައި މި މުއްދަތުގެ ތެރޭގައި އިޒްރޭލުން މަރުވި ކަމަށް ރެކޯޑް ކުރެވިފައިވަނީ 1،139 މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް