ސިޔާސީ ޙަރަކާތްތަކާ ދުރުގައި ހުންނެވި އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން، ޑިމޮކްރަޓިކް ޕާޓީގެ އެއްވެސް ކެމްޕެއިން ޙަރަކާތަކުން ފެނިވަޑައިގެންފައި ނުވާއިރު، ވާޖިނިއާގެ އާލިންޓަންގެ ރެސްޓޯރެންޓެއްގައި އިންނަވަނިކޮށް ފެނިއްޖެ އެވެ.
އަންގާރަ ދުވަހު ވާޖިނިއާ ސަރަހައްދުގެ އިންތިޚާބު ކުރިއަށް ދިޔައިރު، އެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ އެއްވެސް ސިޔާސީ ޙަރަކާތަކުން ބައިޑަން ފެނިފަ އެއް ނުވެ އެވެ. ނަމަވެސް ބައިޑަންގެ ދައުރުގައި ސެކްރެޓަރީ އޮފް ޑިފެންސްގެ މަޤާމުގައި ހުންނެވި ލޮއިޑް އޮސްޓިން އާ އެކު ފަރިއްކުޅުވުމެއްގައި އިންނަވަނިކޮށް ފެންނަ ފޮޓޯ ތަކެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ.
ބައިޑަން އާއި އޮސްޓިންގެ އިތުރުން، ބައިޑަންގެ ދައުރުގައި ރިޔާާސީ ގަނޑުވަރު ވައިޓް ހައުސްގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފްގެ މަޤާމުގައި ހުންނެވި އެނީ ޓޮމަސިނީ ވެސް ބައިޑްންގެ އަރިހުގައި އިންނެވި ކަމަށް މީޑިއާ ތަކުގައި ވަނީ ރިޕޯޓު ކޮށްފަ އެވެ.
ވާޖިނިއާގެ އިޓާލިއަން ރެސްޓޯރެންޓެއް ކަމަށްވާ، ކާބޮރާނާގައި ބައިޑަން އާއި، އޮސްޓިން އަދި ޓޮމަސިނީ ތިއްބަވަނިކޮށް ފެނިފައިވާ ކަމަށް ސޯޝަލް މީޑިގާގައި ވަނީ ޕޯސްޓު ކޮށްފަ އެވެ. މީގެ އިތުރުން ކާބޮނާރާ ރެސްޓޯރެންޓުގެ އިންސްޓަގްރާމް ސްޓޯރީގައި ވެސް ވަނީ، ބައިޑަން އެ ރެސްޓޯރެންޓަށް ވަޑައިގެންނެވި ކަމަށް ހާމަ ކޮށްފަ އެވެ.
އެ ވީޑިއޯ ތަކުން ފެންނަ ގޮތުގައި ބައިޑަން ވަނީ ރެސްޓޯރެންޓަށް ވަޑައިގެން، އެ ވަގުތު ރެސްޓޯރެންޓުގައި ތިބި ބައެއް އާންމު ރައްޔިތުންނާ ވެސް ބައްދަލު ކުރައްވައި، ވާހަކަ ދައްކަވައިފަ އެވެ. އަދި އެ މީހުންނާ އެކު ބައިޑަން ވަނީ ފޮޓޯ ވެސް ނަންގަވައިފަ އެވެ. މީގެ އިތުރުން އެ ރެސްޓޯރެންޓުގެ އިސްވެރިން ބައިޑަން އަރިހަށް އައިސް، ފަރިއްކުޅުވުމުގެ ކަންކަން އިންތިޒާމު ކުރާ މަންޒަރު ވެސް ފެނިފައިވެ އެވެ.
ރެސްޓޯރެންޓުގައި ފަރިއްކުޅުވުމަށް ފަހު ބައިޑަން ބޭރަށް ނިކުމެ ވަޑައިގެންނެވިއިރު، އެތައް ބަޔަކު ވަނީ އޭނާ އަަށް ހިތްވަރު ދިނުމުގެ ގޮތުން އަތް ޖަހައިފަ އެވެ. އަދި ބައިޑަންގެ ވެރިކަމުގެ ދުވަސްތައް މަތިން ހަނދާންވާ ކަމަށް ބުނެ، އޭނާ އަށް މީހުން ތައުރީފު ކުރާ އަޑު ވެސް އިވެ އެވެ.
މިދިޔަ އަހަރު ތަކުގެ ތެރޭގައި ވެސް ބައިޑަން ވަނީ ވަރަށް ގިނަ އިން އާލިންޓަން އަށް ޒިޔާރަތް ކުރައްވައިފަ އެވެ. އެގޮތުން އެމެރިކާގެ ރައީސް ކަމުގައި ބައިޑަން ހުންނެވި މުއްދަތުގެ އިތުރުން، ކުރީގެ ރައީސް ބަރަކް އޮބާމާގެ ރިޔާސީ ދެ ދައުރުގައި ނައިބު ރައީސް ކަމުގައި ހުންނެވިއިރު ވެސް ބައިޑަން ވަނީ ވަރަށް ގިނައިން އެ ސަރަހައްދަށް ޒިޔާރާތް ކުރައްވައިފަ އެވެ.
މިއަހަރުގެ ޖަނަވަރީ މަހު ބައިޑަންގެ ރިޔާސީ ދައުުރު ހަމަވީ ފަހުން، އެއްވެސް ސިޔާސީ ޙަރަކާތެއްގައި އޭނާ ބައިވެރިވެ ވަޑައިގެންފައި ނުވެ އެވެ. ބައެއް ފަރާތްތަކުން ފާހަގަ ކޮށްފައިވާ ގޮތުގައި ޑިމޮކްރަޓިކް ޕާޓީގެ ބައެއް އިސްވެރިންނާއި ބައިޑަންއާ ދެމެދު ނުތަނަވަސް ކަމެއް ވެސް އުފެދިފައިވެ އެވެ. 2024 ވަނަ އަހަރުގެ ރިޔާސީ ރޭހުގައި ވާދަ ކުރަން ނިންމި ނަމަވެސް، ވަކި ހިސާބަކުން ބައިޑަން ވަނީ ރިޔާސީ ރޭހުން ވަކިވެ ވަޑައިގެންފަ އެވެ.
ސްޕެންބާގާގެ ކެމްޕެއިންގައި އެހީތެރިކަން ދީފައި ވަނީ ކުރީގެ ރައީސް، އަދި ޑިމޮކްރަޓިކް ޕާޓީގެ މެމްބަރުންގެ މެދުގައި މަޤުބޫލު ކަމެއް އޮންނަ އޮބާމާ އެކަންޏެއް ނޫނެވެ. ކުރީގެ ރައީސް ބިލް ކްލިންޓަން އާއި، އޭނާގެ އަނބިކަނބަލުން އަދި ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަން ވެސް ވަނީ، އޮކްޓޫބަރު މަހުގެ ކުރީ ކޮޅު ސްޕެންބާގާގެ ކެމްޕެއިން އަށް ބޭއްވި ފަންޑުރައިޒިން ޙަރަކާތުގައި ބައިވެރިވެ ވަޑައިގެންފަ އެވެ.
ވެރިކަމުގެ ދައުރަށް ފަހު ސިޔާސީ ކަންކަމުގައި ބައިޑަން މިހާތަނަށް އުޅުއްވާފައި ނުވާއިރު، ބައެއް އާންމު ތަންތަނަށް ބައިޑަން ވަޑައިގަންނަވަ އެވެ. ވެރިކަމުގެ ފަހުން މިހާރު ބައިޑަން ގެންދަވަނޯ ޕްރޮސްޓޭޓް ކެންސަރަށް ވެސް ފަރުވާ ހޯއްދަވަމުންނެވެ.