ކ. މާލެ
|
12 ޖޫން 2024 | ބުދަ 12:38
ބޮޑު ކަންނެލި މަސްވެރިކަން ކުރާ މަސްވެރިން މުޒާހަރާގައި
ބޮޑު ކަންނެލި މަސްވެރިކަން ކުރާ މަސްވެރިން މުޒާހަރާގައި
ރާއްޖެއެމްވީ
މަސްވެރިންގެ މުޒާހަރާ
ސަރުކާރުން މަސްވެރިންނަށް ވީ ވައުދު ނުފުއްދާތީ މުޒާހަރާ ކުރަނީ
ބޮޑު ކަންނެލި މިފްކޯ އަށް ގަންނާނެ ކަމަށް ބުނި ނަމަވެސް އެކަމެއް ނުކުރޭ
ބޮޑު ކަންނެލީގެ އަގު 80-100ރ އާ ދެމެދު ބޮޑު ކޮށްދޭނެ ކަމަށް ބުނި އެކަމެއްވެސް ނުކުރޭ
މަސްވެރިން ތިބީ ވަރަށް ހާލުގައި

ސަރުކާރުން ބޮޑު ކަންނެލީގެ މަސްވެރިނަށް ވީ ވައުދު ނުފުއްދާތީ މަސްވެރިންގެ ކަންބޮޑުވުން ފާޅު ކޮށް މުޒާހަރާ ކުރަމުން އެބަދެއެވެ.

ބުދަ ދުވަހު މެންދުރު ކުރިން ފެށުނު މަސްވެރިންގެ މުޒާހަރާ ރާއްޖޭގެ މަސްވެރިކަން އެންމެ ބޮޑު އެއް އަތޮޅު ހުވަދު އަތޮޅާއި، ހުޅުމާލޭ ކަންނެލި ޖެޓީ ސަރަހައްދުގައި ކުރިއަށް އެބަ ގެންދެއެވެ.

މަސްވެރިން ގޮވަމުން ދަނީ މަސްވެރިން ތިބީ ވަރަށް ހާލުގައި ކަމަށެވެ.

މުޒާހަރާގައި އަޑުއުފުލި މަސްވެރިއަކު ބުނީ، ބައެއް މަސްވެރިން ތިބީ ބޭންކަށް ދަރާ ކަމަށެވެ. އަދި އެ ދަރަނި ދެއްކޭނެ އެއްވެސް ގޮތެއް ނެތް ކަމަށްވެސް މަސްވެރިން ބުނެއެވެ.

މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި މަސްވެރި ބައެއް އާއިލާތައް ތިބީ ގޮތް ހުސްވެފައެވެ.

މަސްވެރިންގެ ކަންބޮޑު ވުން ތަކުގު ތެރޭގައި 2 ދޯނި 3 ދޯނި ގެންގުޅޭ އާއިލާތަކުން ދޯނިތައް މަހައް ފުރޭނެ ގޮތެއް ނެތި ފަޅުގައި އޮޑި އަޅައިގެން ތިބުމަކީ ބޮޑު ހިތްދަތި ކަމެކެވެ.

މަސްވެރިންގެ ހިތްހަމަ ނުޖެހުންތަކުގެ ތެރޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމުގެ ހުއްދަ ބައެއް ކުންފުނިތަކަށް ދިނުމަށް ސަރުކާރުން ރާވަމުންދާތީ އެކަންވެސް ހިމެނެއެވެ.

ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތީ މަސްވެރިންނަށް ވަރަށް ބޮޑެތި ވައުދުތަކަކާ އެކުގައެވެ.

ބޮޑު ކަންނެލީގެ މަސްވެރިން ބާނާ މަހަށް 80-100ރ އާ ދެމެދުގެ މިންވަރެއް ކިލޯ އަކަށް ދޭނެ ކަމަށް ވެސް ޑރ މުއިއްޒު ބޮޑު ކަންނެލީގެ މަސްވެރިންނަށް ވީ ވައުދުތަކުގެ ތެރޭގައި ހިމެނެއެވެ.

އެއާއެކު ސަރުކާރަށް ތެޔޮ ލިބޭ އަގުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ ގޮތް ހަދައިދޭނެ ކަމަށްވެސް ޑރ މުއިއްޒު ވައުދުވެވަޑައިގަތްފައި ވެއެވެ.

މިފްކޯ އަށް ބޮޑު ކަންނެލި ގަންނަން ފަށާނެ ކަމަށް ވެސް ޑރ މުއިއްޒުގެ ވައުދުނާމާ ގައި ވެއެވެ.

މަސްވެރިން ބުނަނީ މިއިން އެއްވެސް ކަމެއް ސަރުކާރުން މިހާތަނަށް ކޮށްފައި ނުވާ ކަމަށެވެ.

ސަރުކާރުން ބޮޑު ކަންނެލީގެ މަސްވެރިންނަށް އެއްވެސް ވައުދެއް މިހާތަނަށް ފުއްދާފައި ނުވާއިރު އާއްމު މަސްވެރިކަމާ ގުޅޭ ގޮތުން ވެފައިވާ ވައުދުތައް ވެސް ހުރީ ހުރި ގޮތައްކަން މަސްވެރިން ފާހަގަ ކުރެއެވެ.

މުއިއްޒު ވިދާޅުވީ ވެރިކަން ލިބިއްޖެ ނަމަ، މަސްކިރާތާ 48 ގަޑީއިރު ތެރޭ މަސްވެރިން ކިރާ މަހަށް ޑޮލަރުން ފައިސާދީ ޚަލާސް ކުރާނެ ކަމަށެވެ.

ވެރިކަމަށް 7 މަސް ފުރިގެން އަންނަ އިރު މި ވައުދަށް ވީ ގޮތެއް ނޭނގޭ ކަމަށް މަސްވެރިން އަންނަނީ ބުނަމެވެ.

މަސްވެރިން ބުނަނީ އެމީހުންނަށް މިފްކޯ އިން ދޭން ޖެހޭ އެތައް ބައިވަރު ފައިސާ ނުދީ ހުރި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް