ކ. މާލެ
|
12 ޖޫން 2024 | ބުދަ 11:34
މެންޗެސްޓަރ ޔުނައިޓެޑަށް އިރުޝާދު ދެމުން އަންނަ ޓެން ހާގް
މެންޗެސްޓަރ ޔުނައިޓެޑަށް އިރުޝާދު ދެމުން އަންނަ ޓެން ހާގް
ރޮއިޓާސް
މެންޗެސްޓަރ ޔުނައިޓެޑު
ޔުނައިޓެޑުން ނިންމީ ޓެން ހާގާއެކު ކުރިއަށް ދާން
ޔުނައިޓެޑުން މަޝްވަރާ ކުރަމުން އަންނަނީ އިތުރު ތިން އަހަރު ދުވަހަށް ޓެން ހާގްގެ އެއްބަސްވުން އައު ކުރުމަށް

މެންޗެސްޓަރ ޔުނައިޓެޑަށް އިރުޝާދު ދެމުން އަންނަ ނެދަލެންޑްސްގެ އެރިކް ޓެން ހާގް، އެ ކުލަބުގެ ކޯޗު ކަމުގައި ބަހައްޓަން ކުލަބުން ނިންމައިފި އެވެ.

އުމުރުން 54 އަހަރުގެ ޓެން ހާގް، ޔުނައިޓެޑުގެ ކޯޗުކަމާ ހަވާލުވީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އެ ކުލަބާއެކު އޭނާ ސޮއި ކޮށްފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވާ، ޔުނައިޓެޑުން ޓެން ހާގް ވަކި ކުރަން އުޅޭ ކަމުގެ ވާހަކަތަކެއް ވެސް ވަނީ ދެކެވިފަ އެވެ. ޓެން ހާގްގެ ކުރިމަގާ މެދު ޔުނައިޓެޑާ ދާދި ފަހުން ހަވާލުވި އިނިއޯސް ކުންފުނިން ނިންމާފައި ވަނީ އޭނާ ވަކިނުކޮށް، ކުލަބުގައި ބަހައްޓާށެވެ. މީގެ އިތުރުން ޓެން ހާގްގެ އެއްބަސްވުން އައު ކުރުމަށް ވެސް ކުލަބުން ވަނީ ނިންމައިފަ އެވެ. އަދި މިހާރު އަންނަނީ އެއްބަސްވުން އައު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އިނގިރޭސި މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ޔުނައިޓެޑުން މަޝްވަރާ ކުރަމުން އަންނަނީ އިތުރު ތިން އަހަރު ދުވަހަށް ޓެން ހާގްގެ އެއްބަސްވުން އައު ކުރުމަށެވެ. އެކަމާ ގުޅޭ އިތުރު މަޝްވަރާތައް ޔުނައިޓެޑުން ޓެން ހާގާ އެކު ކުރިއަށް ގެންދާނެ ކަމަށާއި، މުއްދަތަކާމެދު ގޮތެއް ނިންމާނީ އެއަށްފަހު ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޔުނައިޓެޑަށް މިހާތަނަށް އިރުޝާދު ދިން ދެ ސީޒަންގައި ވެސް އޭނާ ވަނީ އެ ކުލަބަށް ތަށި ހޯދައިދީފަ އެވެ. އެގޮތުން ކަރަބޯ ކަޕް އަދި އެފްއޭ ކަޕް ވަނީ ޔުނައިޓެޑަށް ކާމިޔާބު ކޮށްދީފަ އެވެ. ނަމަވެސް އިނގިރެސި ޕްރިމިއާ ލީގުގައި ޔުނައިޓެޑުގެ ނަތީޖާ ދަށްވުމުގެ ސަބަބުން ޓެން ހާގަށް ފާޑު ކިޔުން އަމާޒުވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް