ކ. މާލެ
|
12 ޖޫން 2024 | ބުދަ 09:07
ޕޮލެންޑުން ކުޅުނު މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ލެވަންޑޯސްކީ ދަނޑު މަތީގައި
ޕޮލެންޑުން ކުޅުނު މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ލެވަންޑޯސްކީ ދަނޑު މަތީގައި
ރޮއިޓާސް
ޕޮލެންޑު ޤައުމީ ޓީމު
ލެވަންޑޯސްކީ އަށް އަނިޔާވެއްޖެ
ޔޫރޯގެ ފުރަތަމަ މެޗުގައި ލެވަންޑޯސްކީ އަށް ނުކުޅެވޭނެ

ޕޮލެންޑު ޤައުމީ ޓީމުގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ އަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

ލެވަންޑޯސްކީ އަށް އަނިޔާވެފައި ވަނީ މި މަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާއް ތައްޔާރުވުމުގެ ގޮތުން ޕޮލެންޑުން ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ލެވަންޑޯސްކީ ވަނީ ބަދަލުކޮށްފަ އެވެ.

އެ މެޗަށްފަހު ޕޮލެންޑު ޤައުމީ ޓީމުގެ މެޑިކަލް ޓީމުން ކުރިއަށް ގެންދިޔަ އެންމެ ފަހުގެ ތަހުލީލުތަކުން ދައްކާ ގޮތުގައި، ލެވަންޑޯސްކީގެ ފައިގެ މަސްގަނޑަށް ވަނީ އަނިޔާވެފަ އެވެ. އަނިޔާގެ ސަބަބުން އޭނާ ކުޅުމާ ދުރުގައި ދުވަސްކޮޅެއް ވަންދެން ހުންނަން ޖެހޭނެ ކަމަށް މެޑިކަލް ޓީމާ ހަވާލާދީ މީޑިއާ ތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ.

އެހެންކަމުން ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ޕޮލެންޑުން ކުޅޭ ފުރަތަމަ މެޗުގައި ލެވަންޑޯސްކީ އަށް ނުކުޅެވޭނެ އެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މި މަހުގެ 16 ވަނަ ދުވަހު ޕޮލެންޑުން ނިކުންނާނީ ނެދަލެންްޑްސްއާ ދެކޮޅަށެވެ. އެ މެޗުގައި ލެވަންޑޯސްކީ އަށް ނުކުޅެވޭއިރު، ޕޮލެންޑުން މަސައްކަތް ކުރަމުން އަންނަނީ ދެން އޮތް ދެ މެޗަށްވާއިރަށް ލެވަންޑޯސްކީ ފިޓުވޭތޯ މަސައްކަތް ކުރަމުންނެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި މި މަހުގެ 21 ވަނަ ދުވަހު ޕޮލެންޑުން ނިކުންނާނީ އޮސްޓްރިއާއާ ދެކޮޅަށެވެ. ފަހު މެޗުގައި ނިކުންނާނީ 25 ވަނަ ދުވަހު ފްރާންސްއާ ދެކޮޅަށެވެ. ލެވަންޑޯސްކީ އަށް އަނިޔާވެފައިވާއިރު، މިއީ ޕޮލެންޑަށް ލިބޭނެ ބޮޑު ނުތަނަވަސްކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް