ކ. މާލެ
|
11 ޖޫން 2024 | އަންގާރަ 19:32
ބޭންކް އޮފް މޯލްޑިވްސް އިން މާފުށީގައި ޔޫއެސް ޑޮލަރު އޭޓީއެމްއެއް ގާއިމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް އިން މާފުށީގައި ޔޫއެސް ޑޮލަރު އޭޓީއެމްއެއް ގާއިމްކޮށްފި
ބެންކް އޮފް މޯލްޑިވްސް
މާފުށީ ޑޮލަރު އޭޓީއެމް
ބޭންކް އޮފް މޯލްޑިވްސް އިން މާފުށީގައި ޔޫއެސް ޑޮލަރު އޭޓީއެމްއެއް ގާއިމްކޮށްފި
މިއީ މާލެ ސިޓީ އިން ބޭރުގައި ބެހެއްޓުނު ފުރަތަމަ ޔޫއެސް ޑޮލަރު އޭޓީއެމް

ބޭންކް އޮފް މޯލްޑިވްސް އިން ކ. މާފުށީގައި ޔޫއެސް ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށައިފިއެވެ.

މާފުށި ބްރާންޗުގައި އަލަށް ބެހެއްޓުނު މި އޭޓީއެމް މެދުވެރިކޮށް ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ޔޫއެސް ޑޮލަރު ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެއެވެ. މިއީ މާލެ ސިޓީ އިން ބޭރުގައި ބެހެއްޓުނު ފުރަތަމަ ޔޫއެސް ޑޮލަރު އޭޓީއެމް އެވެ. މި އޭޓީއެމް އަކީ މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ބެހެއްޓިފައި ހުރި އޭޓީއެމް ނެޓްވޯކް އަށް އިތުރުވެގެންދާ އެޓީއެމްއެކެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ މާފުށީގައި ޔޫއެސް ޑޮލަރު ނެގުމާއި ޖަމާކުރުމުގެ ހިދުމަތަށް އޮތް ޑިމާންޑް އަންނަނީ އިތުރުވަމުން ކަމަށެވެ. އެހެންކަމުން އެކަމަށް އެހީތެރިވުމުގެ ގޮތުން އެ ރަށުގައި ޔޫއެސް ޑޮލަރު އޭޓީއެމްގެ ހިދުމަތް ފެށޭކަމީ ލިބޭ އުފަލެއް ކަމަށެވެ. އިގްތިސާދީ ގޮތުން މާފުށި ކުރިއަރަމުންދާއިރު، ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލްއިން ތިބީ ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކިންގ ހިދުމަތް 24 ގަޑިއިރު ފޯރުކޮށްދިނުމަށް އެހީތެރިވާން ކަމަށް ނިމާލް ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ދާދި ފަހުންވަނީ މާފުށި ބްރާންޗުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުޅާކޮށްފައެވެ. މާފުށި ބްރާންޗުން ޑޮލަރު ޖަމާކުރުމާއި ނެގުން، ލޯނު އަދި ފައިނޭންސިންގ އަށް އެދި ހުށަހެޅުން، ޗެކް ޑިޕޮސިޓް ކުރުމުގެ ހިދުމަތް، ސްޓޭޓްމަންޓް ދޫކުރުމާއި ބޭރު ފައިސާ މާރުކުރުން ފަދަ ގިނަ ހިދުމަތްތަކެއް މިހާރު ލިބޭނެއެވެ.     

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 86 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 144 އޭޓީއެމް، ކޭޝް އޭޖެންޓުގެ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް