ކ. މާލެ
|
12 ޖޫން 2024 | ބުދަ 11:22
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 2ން ފުލުހުން އަތުލައިގަތް މަސްތުވާތަކެތި
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 2ން ފުލުހުން އަތުލައިގަތް މަސްތުވާތަކެތި
ޕޮލިސް
މަސްތުވާތަކެތީގެ މައްސަލަ
މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް 20 ދުވަހަށް ބަންދުކޮށްފި
އެޕާޓްމަންޓުގައި ހާމައަށް ހުރި މަސްތުވާތަކެއްޗަކީ އޭނާ ބޭނުންކުރާ މަސްތުވާތަކެތިކަމަށް ބުނެފައިވޭ
ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފައިވޭ

މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް 20 ދުވަހަށް ބަންދުކޮށްފިއެވެ.

މި މައްސަލައިގައި ބަންދުކޮށްފައިވަނީ އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދަށް 20 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ކަސްޓޯޑިއަލް ޖަލެއްގައެވެ. އަދި ތަހުގީގު ނިމުމުން ރިމާންޑް ޖަލަކަށް ބަދަލުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރުގެ ހެކި ގަރީނާ ހުށަހަޅާފައިވުމެވެ. އަދި ބަންދުގައި ބަހައްޓަންޖެހޭ ހާލަތެއް އޮތްކަމަށް ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ ކަމަށް ފެންނާތީއެވެ.

އަދި ބަންދުގައި ބަހައްޓަންޖެހޭ ހާލަތް އޮތްކަމަށް ދެކޭ ސަބަބުގެ ގޮތުގައި ބުނެފައިވަނީ ޝަރީއަތްކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވައިދުގެ 13 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރާއި (4) ވަނަ ނަންބަރުގައި ހުރިކަންކަން ފުރިހަމަވާކަމަށް ބެލެވޭތީ، ބަންދުގައި ބެހެއްޓުމަށް ނިންމާފައިވެއެވެ.

މީގެ އިތުރުން ފުލުހުން ހުށަހަޅާފައިވާ އިންޓެލިޖެންސް ރިޕޯޓާއި، ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި، ފޮޓޯ ރިޕޯޓާއި، ފިންގަރ ޕްރިންޓް އައިޑެންޓިފިކޭޝަން ނޯޓިސް، ކުޑަކަމުދާތަކެތީގެ ތަހުލީލު ރިޕޯޓަށް ބަލާއިރު ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިކަމަށް ގަބޫލުކުރެވޭކަމަށް އަމުރުގައި ބުނެފައިވެއެވެ. އަދި މި މައްސަލައިގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ. މި މައްސަލައިގައި ފެނިފައިވާ މަސްތުވާތަކެތީގެ ތެރެއިން އެޕާޓްމަންޓުގެ ތެރެއިން ހާމަކޮށް ފެންނަން ހުރި ތަކެތި އެއީ އޭނާ ބޭނުންކުރުމަށް ގެންގުޅޭ ތަކެތި ކަމަށާއި، ދަބަހުގައި ހުރީ ކޮން އެއްޗެއްކަން ނޭނގޭ ކަމަށް ބުނެފައިވެއެވެ.

Advertisement

އަދި ދަބަހަކީ މީހަކު ދިން ދަބަހެއް ކަމަށާއި، ވަތްގަނޑުގައި ހުރި ތަކެއްޗަކީ އޭނާގެ ތަކެތި ނޫންކަމަށް ބަންދު އަޑުއެހުމުގައި މި މީހާ ވަނީ ބުނެފައެވެ. އަދި މި މައްސަލައިގައި ފެނިފައިވާ ތަކެއްޗާއި ދެން މި މައްސަލައާއި ގުޅިގެން ހައްޔަރުކުރެވުނު މީހާއާއި އެއްވެސް ގުޅުމެއް ނޯންނާނެކަމަށް ބުނެފައިވެއެވެ.

މި މައްސަލައިގައި މީނާގެ ފަރާތުން ތަހުގީގަށް ފުރިހަމައަށް އެއްބާރުލުންދީ ތަފްސީލީ ބަޔާނެއް ދީފައިވާނެ ކަމަށާއި، އަދި އޭނާގެ ފޯނުގެ އެކްސެސް ދީފައިވާނެކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ތަހުގީގު ވީއެންމެ އަވަހަކަށް ފުރިހަމަކޮށްދީ، ތަހުގީގު ނިމުމުން ރިމާންޑް ޖަލަކަށް ބަދަލުކޮށްދިނުމަށް އެދިފައިވެއެވެ.

އަދި މީނާގެ ބަލިހާލަތު ހުރިގޮތުން، ބަންދު މަޖިލިސް ކުރިއަށް ގެންދެވިފައި ވަނީ މި މީހާގެ ޣައިރު ހާޒިރުގައެވެ. އަދި މުއްދަތު މަޖިލިސް ގެންދެވިފައިވަނީ ޝަރީއަތްކުރުމާއިބެހޭ ޖިނާއީ އިޖުރާއަތުގެ ގަވައިދުގެ 5 ވަނަ މާއްދާއަށް ރިއާޔަތްކޮށެވެ. ނަމަވެސް އޭނާގެ ވަކީލު ވަނީ މުއްދަތު މަޖިލީހުގައި ބައިވެރިވެފައެވެ.

މީގެ އިތުރުން އޭނާ ކޯޓަށް ހާޒިރުކުރެވޭ ގޮތް ވުމުން 24 ގަޑީއިރު ތެރޭގައި ހާޒިރުކުރުމަށް އައިއޯއަށް ވަނީ އަންގާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް