ކ. މާލެ
|
11 ޖޫން 2024 | އަންގާރަ 19:28
ދުންފަތުން ސަލާމަތްކުރުމަށް ލޯންޗުކުރި ދަފަރާ ކެމްޕެއިން
ދުންފަތުން ސަލާމަތްކުރުމަށް ލޯންޗުކުރި ދަފަރާ ކެމްޕެއިން
ހެލްތު މިނިސްޓްރީ
ދަފަރާ ކެމްޕެއިން
ދުންފަތުން ސަލާމަތް ކުރުމަށް "ދަފަރާ" ކެމްޕެއިނެއް އިފްތިތާހުކޮށްފި
މިއީ އެއް އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކެމްޕެއިނެއް
އަހަރެއްގެ މައްޗަށް ސިނގިރޭޓު ގަތުމަށް 1.8 ބިލިއަން ރުފިޔާ ހޭދަކުރޭ

ދުންފަތުން ސަލާމަތް ކުރުމަށް "ދަފަރާ" ކެމްޕެއިނެއް އިފްތިތާހުކޮށްފިއެވެ.

މި ކެމްޕެއިން އިފްތިތާހްކޮށްދެއްވީ މިއަހަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް ނ. މަނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު ޑރ. އަބުދުﷲ ހަލީލްއެވެ.

ދަފަރާ ކެމްޕެއިންގެ މަގުސަދަކީ ބެލެނިވެރިން ބާރުވެރިކުރުވާ ދުންފަތުގެ ނުބައި އާދައިން ކުޑަކުދިންނާއި ޒުވާނުން ޖީލު ރައްކާތެރިކޮށް ދުރުހެލިވުމަށް މަސައްކަތް ކުރުމެވެ.

މި ކެމްޕެއިން އިފްތިތާޙްކޮށްދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވަނީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތައް ގިނަކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިހާރަކަށް އައިސް ވޭޕްކުރާ މީހުންވެސް ގިނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އެއީ ދުންފަތާއި އެއްވަރަށް ނުރައްކާތެރިއެއްޗެއްކަން ފާހަގަކުރައްވާ ޝީޝާ ބުއިން އިތުރުވެފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ކުޑަކުދިން، އަދި ސްކޫލްކުދިން ދުންފަތާއި ދުރުުވުމަށް މައިންބަފައިން އެކަމަށް ސަމާލުވުމަށް އެދިވަޑައިގެންފައެވެ.

"ދަފަރާ" ކެމްޕެއިން ކުރިއަށް ގެންދިއުމަށް ކޮންމެ އަތޮޅަކުންވެސް ވަކި ފަރާތްތަކެއް ތަމްރީނުކުރުމަށް ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އަދި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެކަމަށް ބޭނުންވާ ފަރުވާ ދިނުމުގެ ނިޒާމް ކޮންމެ އަތޮޅު ހޮސްޕިޓަލެއްގައި ދުރުނޫން މުސްތަގްބަލެއްގައި ގާއިމް ވެގެން ދާނެކަން މިނިސްޓަރ ވަނީ ރޭ ހާމަކުރައްވާފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރެއްގެ މައްޗަށް ސިނގިރޭޓު ގަތުމަށް 1.8 ބިލިއަން ރުފިޔާ ހޭދަކުރާކަން ހާމަވެއެވެ.

ދަފަރާ ކެމްޕެއިންނަކީ އެއް އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކެމްޕެއިނެކެވެ.

- ކޮމެންޓް