ކ. މާލެ
|
11 ޖޫން 2024 | އަންގާރަ 10:10
މެޗުގައި ލަނޑު ޖެހުމަށް ފަހު ޕޮލެންޑުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
މެޗުގައި ލަނޑު ޖެހުމަށް ފަހު ޕޮލެންޑުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ރޮއިޓާރސް
ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗު
ތުރުކީ އަތުން މޮޅުވެ ޕޮލެންޑުން ޔޫރޯ އަށް ތައްޔާރު
ޔޫރޯ ގައި ޕޮލެންޑު އޮތީ ނެދަލެންޑްސް، އޮސްޓްރިއާ އަދި ފްރާންސް އާއެކު ގްރޫޕް ޑީގައި

ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަަމުގައި ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ޕޮލެންޑުން ޔޫރޯ ފުޓުބޯޅަ މުބާރާތަށް ތައްޔާރުވެއްޖެ އެވެ.

މިމަހު ޖަރުމަނުގައި ފަށާ ޔޫރޯ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޕޮލެންޑުން ވަނީ ރަޙުމަތްތެރިކަމުގެ ދެ މެޗު ކުޅެފަ އެވެ. ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ ޔޫކްރެއިންގެ މައްޗަށް ކުރި ހޯދައިފަ އެވެ. ދެ ވަނަ މެޗުގައި ހޯމަ ދުވަހުގެ ރޭ ޕޮލެންޑުން ވަނީ 2-1ން ތުރުކީ ބަލިކޮށްފަ އެވެ.

މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ޕޮލެންޑުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ކަރޮއި ސްވިޑާސްކީ އެވެ. ނަމަވެސް މެޗުގެ ދެ ވަނަ ހާފުގައި ތުރުކީން ވަނީ ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގެ 77 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ، ބާރިސް ޔިލްމަޒް އެވެ. މެޗުން ޕޮލެންޑު މޮޅުވީ، މެޗުގެ 90 ވަނަ މިނެޓުގައި ނިކޮލާ ޒަލެވްސްކީ ޖެހި ލަނޑުންނެވެ.

ޔޫރޯ ގައި ޕޮލެންޑު އޮތީ ނެދަލެންޑްސް، އޮސްޓްރިއާ އަދި ފްރާންސް އާއެކު ގްރޫޕް ޑީގަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އެ ޓީމު ނިކުންނާނީ ނެދަލެންޑްސްއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
ކޮމެންޓް