ކ. މާލެ
|
10 ޖޫން 2024 | ހޯމަ 17:58
މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަަކަ ދައްކަވަނީ - ގާސިމް ވަނީ އިޒްރޭލްގެ ޕާސްޕޯޓް މަނާ ކުރާތީ ހިތްހަމަ ނުޖެހުމުގެ ރާގުގައި ވާހަކަ ދައްކަވާފައި
މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަަކަ ދައްކަވަނީ - ގާސިމް ވަނީ އިޒްރޭލްގެ ޕާސްޕޯޓް މަނާ ކުރާތީ ހިތްހަމަ ނުޖެހުމުގެ ރާގުގައި ވާހަކަ ދައްކަވާފައި
މަޖިލިސް
އިޒްރޭލު ޕާސްޕޯޓް މަނާކުރުން
ޔަހޫދީންނަކީ ﷲ ބާވާލެއްވި ދީނެއްގައި ރަސޫލުންނަށް އީމާން ވެފައިތިބި ބައެއް، ޕާސްޕޯޓް މަނާކުރުމުގައި ފުންކޮށް ވިސްނަންޖެހޭ - ގާސިމް
 
މި ނޫނަސް އިސްލާމީ ގައުމު އެބަހުރި އެކަމަކު ޕާސްޕޯޓް މަނާ ކުރާ ވާހަކަ ދައްކަނީ މި މަޖިލިހުގައި އެކަނި

ޔަހޫދީންނަނީ ﷲ ބާވާލެއްވި ދީނެއްގައި ރަސޫލުންނަށް އީމާންވެފައިތިބި ބަޔަކަށްވާތީ ޕާސްޕޯޓް މަނާކުރުމުގައި ވިސްނަންޖެހޭ ކަމަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ، މި ބަހުސްއަކީ ޖަޒުބާތީ އަދި ދީނީ އަދި ގައުމީ ވަންތަކަން އެކުލެވިފައިވާ މައްސަލައެއް ކަމަށެވެ. ގާސިމް ވިދާޅުވީ އެމްޑީޕީން މި މައްސަލަ ހުށަހަޅާފައިވާ ގޮތާއި މެދު ފާޑުކިޔަން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު 241 ކޮމިޓީއަށް މައްސަލަ ފޮނުވަން ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއިދުކުރައްވާ ކަމަށެވެ.

ގާސިމް ވިދާޅުވީ އިސްލާމުން އެތަނަކަށް އުމްރާ ކުރުމަށްދާ ތިން މިސްކިތުގެ ތެރެއިން އެއް މިސްކިތް އެތަނުގައި ހުންނަ ކަމަށެވެ. އަދި އިސްރާއިލުގެ ރައްޔިތަކަށް ރާއްޖެއަށް ނާދޭވޭ ގޮތަށް ނިންމާލާއިރު، ކުރުގޮތަކަށް އެ ބުނެވެނީ ޔަހޫދީންނަށް ނާދެވޭނެ ވާހަކަ ކަމަށެވެ.

ގާސިމް ވިދާޅުވި ޔަހޫދީންނަކީ އެއީ ﷲ ބާވާލައްވާފައިވާ ދީނެއްގައި، ރަސޫލުންނަށް އީމާންވެފައިތިބި ބަޔަކަށް ވާހިދު އެފަދަ ކަމެއް ކުރުމުގެ ފުރުސަތާމެދު ވަރަށް ފުންކޮށް އެ ނަޒަރިއްޔާތާމެދު ވިސްނާލަންޖެހޭނެ ކަމަށެވެ.

އެއީ ﷲ ބާވާލައްވާފައިވާ ދީނެއްގައި، ރަސޫލުންނަށް އީމާންވެފައިތިބި ބަޔަކަށް ވާހިދު އަޅުގަނޑުމެންނަނަށް އެފަދަ ކަމެއް ކުރުމުގެ ފުރުސަތާމެދު އަޅުގަނޑުމެން ވަރަށް ފުންކޮށް އެ ނަޒަރިއްޔާތާމެދު ވިސްނާލަންޖެހޭނެ. ވަރަށް ފިކުރުވެރިކަމާއެކު ވިސްނާލަންޖެހޭނެ. އެއީ އެއްގޮތަކަށް ވެސް އަޅުގަނޑުމެން ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާވެރިކަމާއި، އަދި ލިބިމެންދާ ނިކަމެތިކަމުގައި އަޅުގަނޑުމެން ހިތަށް ނުގެންނާތީކީ ނޫން ކަމަށެވެ. އަދި ހަމަ އެހެންމެ އިސްރޭލުގެ ރައްޔިތަކު އަދި ޕާސްޕޯޓް ގެންގުޅޭ މީހަކު އަދި ޔަހޫދީއަކު ރާއްޖެއަށް އައުން މަނާކުރުމުގައި ކަންތައްތައް ކުރިއަށް ނެރެ ކުރާކަަށް އަދި ނުކުރާކަށްވެސް ނޫން. މިކަމުގައި ވަރަށް ވިސްނުންތެރިކަމާއެކު ފިޔަވަޅު އެޅުން މުހިންމު.
މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް

ގާސިމް ވިދާޅުވީ ދުނިޔޭގައި ރާއްޖެ ފިޔަވައި ވަރަށް ބައިވަރު އިސްލާމީ ގައުމުތައް އެބަހުރި ކަމަށެވެ. ނަމަވެސް މިފަދަ ފިޔަވަޅެއް އަޅަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިގެން ވާހަކަދެކެވޭ މަޖިލީހަކީ މިއީ ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުން ހުރިގޮތާއި މެދު އެއްޗެއް ދަންނަވަން ބޭނުންވަނީ ނޫން ކަމަށާއި، ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ހޮވިފައިތިބި ބަޔަކީ މަޖިލީހުގެ މެންބަރުން ކަމަށެވެ.

އަދި އެ މެންބަރުން ނިންމާ ނިންމުން ވާނީ ދިވެހިރާއްޖޭގެ މުސްތަގުބަލަށާއި، ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން މެނުވީ ކަންކަން ނުކުރެވޭނެ ކަމަށެވެ. ގާސިމް ވިދާޅުވީ ސަލާމަތުން ތިބެގެން މެނުވީ އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ.

ވިސްނާފައި ވަރަށް ކެތްތެރިކަމާއެކީގައި މި ފިޔަވަޅު އަޅަންޖެހޭނީ. އަޅުގަނޑުމެންނަކީ ނޮން އެލަޔަންޓް މޫވްމެންޓުގައި ބައިވެރިވާ ގައުމަަކަށްވުމާއެކީގައި އެކަމާއި މެދުވެސް އަޅުގަނޑުމެން ވިސްނާލަންޖެހޭ. އެއީ އަނެއްހެން މާބޮޑުކަމެއް ނޫންކަންނޭނގެ. އެހެންނަމަވެސް މިއަށްވުރެ މާ ޖަޒުބާތީ މާގިނަ ކަންތައްތަކެއް އެކުލެވިގެންވާ ކަމަކަށްވާތީ އެމްޑީޕީން އެ މައްސަލަ ހުށަހެޅި މެންބަރު ދެއްކެވި ވާހަކަފުޅާއި އަޅުގަނޑު ދެކޮޅު. އެކަމާއި މެދު ވަރަށް ދިރާސާކޮށް ވިސްނާފައި ނެތްކަމަށް ފާހަގަކުރެވުނީ. އެއީ ސިޔާސީ ގޮތުން ޕީއެންސީގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި ރައްޔިތުންގެ ހިތުގައި ރައްޔިތުންގެ ހިތުގައި ނަފްރަތު އުފައްދަން ހުށަހެޅި މައްސަލައެއްކަމަށް ދެކެން.
މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް

އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ހުށަހަޅާފައިވާ ބިލު ބަލައިގަނެ، އެ ބިލު ދިރާސާ ކުރުމަށް ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަ ބިލެއް މަޖިލީހަށް 30 މެއި 2024 ގަައި ވަނީ ހުށަހަޅާފައެވެ. އެ ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.

ހޯމަ ދުވަހު ކުރިއަށް ގެންދިޔަ މަޖިލީހުގެ ޖަލްސާގައި އިބްތިދާއީ ބަހުސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި އެ ބިލުގެ ބަހުސް ނިންމާ ބިލު ބަލައިގަތުމަށް ފެނޭތޯ ނެގި ވޯޓުގައި 88 މެންބަރުންގެ ތާއީދާ އެކު ބިލު ވަނީ ބަލައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
100%
0%
0%
ކޮމެންޓް