ކ. މާލެ
|
10 ޖޫން 2024 | ހޯމަ 09:48
މެޗުގައި ލަނޑު ޖެހުމަށްފަހު ސަސްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ސަސްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
އެފްއޭއެމް
އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް
ބުރު ބަލިކޮށް، ސަސް އިން މުބާރާތް ފެށީ މޮޅަކުން
ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗު ސަސް އިން ކާމިޔާބު ކުރީ 6-2 އިން

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ، 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި ސުޕަ ޔުނައިޓެޑު ސްޕޯޓްސް (ސަސް) އިން ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފި އެވެ.

އާދިއްތަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗު ސަސް އިން ކާމިޔާބު ކުރީ 6-2 އިންނެވެ.

މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ބުރުގެ ގޯލު ކީޕަރު އަލީ އަޝްހަމް އާތިފް އަތުން ބައި ކޮޅަށް ވަތް ލަނޑާއެކު، މެޗުގައި ސަސް އަށް ލީޑު ލިބުނެވެ. އޭގެ ހަ މިނެޓު ފަހުން ސަސް އަށް ލީޑު ފުޅާ ކޮށްދިނީ އަޙުމަދު ނަވާފް ފައުޒީ އެވެ. އޭގެ ފަހުން 33 ވަނަ މިނެޓުގައި އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ މުޙައްމަދު ހޫދު އަޙުމަދު އެވެ.

ސަސް އިން ތިން ލަނޑު ޖަހާފައި ވަނިކޮށް، ބުރުން ވަނީ ދެ ލަނޑު ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. އެ ދެ ލަނޑު ވެސް އެ ޓީމަށް ޖަހައިދިނީ މުޙައްމަދު ނިހާން އެވެ. އެއީ ފުރަތަމަ ހާފުގެ 39 ވަނަ މިނެޓާއި، 45 ވަނަ މިނެޓުގައި ނިހާން ޖެހި ދެ ލަނޑެވެ. މެޗުގެ ދެ ވަނަ ހާފުގައި ސަސް އިން ވަނީ ތިން ލަނޑު ޖަހައިފަ އެވެ. ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖެހީ މުޙައްމަދު އައިމަން އަލީ އެވެ.

މެޗުގައި ސަސްގެ ފަހު ދެ ލަނޑު ވެސް ޖެހީ މުޙައްމަދު އިޒާން އަލީ އެވެ. އެއީ މެެޗުގެ 71 ވަނަ މިނެޓުގައި އޭނާ ޖެހި ލަނޑާއި، ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އޭނާ ޖެހި ދެ ލަނޑެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް އޭނާ އެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި ހޯމަ ދުވަހުގެ ހަވީރު އަދި ރޭގަނޑު ވެސް މެޗު ކުޅޭނެ އެވެ. އެއީ ހަވީރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ކުލަބު ގްރީން ސްޓްރީޓްސް ބައްދަލު ކުރާ މެޗުގެ އިތުރުން، ރޭގަނޑު ކުލަބު އީގަލްސް އަދި ޔުނައިޓެޑު ވިކްޓްރީ ބައްދަލު ކުރާ މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް