ކ. މާލެ
|
9 ޖޫން 2024 | އާދީއްތަ 21:35
ރުހުން ހޯދަން ފޮނުވާފައިވާ 3 ވަޒީރުން
ރުހުން ހޯދަން ފޮނުވާފައިވާ 3 ވަޒީރުން
ރައީސް އޮފީސް
ރުހުން ނުލިބޭ ތިން ވަޒީރުން
ކުރިން ރުހުން ނުލިބޭ ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާ އަށް ތާވަލްކޮށްފި
19 ވަނަ މަޖިލީހުން ނިންމާފައި ވަނީ 22 ވަޒީރުންގެ ތެރެއިން 19 ވަޒީރުންނަށް ރުހުން ދިނުމަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަޒީރުންގެ ތެރެއިން ކުރިން ރުހުން ނުލިބޭ ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ހޯމަ ދުވަހަށް ތާވަލްކޮށްފިއެވެ.

މަޖިލީހުގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ އެޖެންޑާގައި، ކޮމިޓީތަކުން ހުށަހަޅާ ކަންކަމުގެ ތެރޭގައި ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފަވާ 3 ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރި މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް ހުށަހެޅުމަށް ވަނީ ހިމަނާފައެވެ.

އެ ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާފައި ވަނީ ޖޫން މަހުގެ ތިން ވަނަ ދުވަހުއެވެ.

އަލުން ރުހުން ހޯދުމަށް ފޮނުވާފައި ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވަޒީރު ޑރ. އަލީ ޙައިދަރުގެ އިތުރުން ބަންޑާރަ ނައިބު އަލްއުސްތާޛް އަހުމަދު އުޝާމް އަށް ރުހުން ދިނުމާއި މެދު ގޮތެއް ނިންމުމަށެވެ.

ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަށް ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ދެވަނަ ފަހަރަށް މަޖިލީހަށް ފޮނުއްވެވީ މިދިޔަ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ.

19 ވަނަ މަޖިލީހުން ނިންމާފައި ވަނީ 22 ވަޒީރުންގެ ތެރެއިން 19 ވަޒީރުންނަށް ރުހުން ދިނުމަށެވެ. އޭރު ރުހުން ނުދޭ 3 ވަޒީރުންގެ ނަން، އެ ވަޒީރުންނަށް ރުހުން ނުލިބުނުތާ ސައުވީސް ގަޑީއިރުވެސް ނުވެ މަޖިލީހަށް އަނބުރާ ފޮނުވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ނިންމެވިއެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުން ފާސްކުރާނީ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާމިންވަރު ބަލާ ކޮމިޓީން އެ މައްސަލަ ދިރާސާކޮށް ނިންމުމަށް ފަހު މަޖިލީހުގެ ތަޅުމަށް އެ ރިޕޯޓް ހުށަހެޅުމުން މަޖިލީހުގެ ޖުމްލަ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.


Advertisement
- ކޮމެންޓް