ބ. އަތޮޅުގެ ރިސޯޓަކަށް ޖައްސަން ދިޔަ ސީޕްލޭނެއް އެކްސިޑެންޓްވެއްޖެއެވެ.
މީސްމީޑިއާގައި ދައުރުވާ ވީޑީއޯއިން ފެންނަނީ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ސީޕްލޭނެއް އަރިއަޅާލާފައިވާ މަންޒަރެވެ.
އެކަމާއި ގުޅޭ ގޮތުން ސުވާލުކުރުމުން އެމްއެންޑީއެފުން ބުނީ އެ ހާދިސާ ހިނގިކަމުގައި މައުލޫމާތު ލިބުމުން އެކަމާއި ގުޅޭ ގޮތުން ސުވާލުކޮށް މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ. އެމްއެންޑީއެފުން ވަނީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަން ފާހަގަކޮށްފައެވެ.
އެމްއެންޑީއެފްގެ އޮފިޝަލް ރާއްޖެއެމްވީ އަށް ވިދާޅުވީ އެމްއެންޑީއެފުން އެކްސިޑެންޓްގެ ސީން އަށް އެޓެންޑްވެފައި ނުވާ ކަމަށެވެ. އެ މައުލޫމާތު އެމްއެންޑީއެފް އަށް ރަސްމީކޮށް ރިޕޯޓްކޮށްފައި ނުވާކަމަށް ވެސް އެމްއެންޑީއެފްގެ އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުންނާއި މިކަމާއި ގުޅޭގޮތުން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސީޕްލޭން ޖައްސަން އުޅުމުގެ ތެރޭގައި ހާދިސާއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މި ހާދިސާގެ އިތުރު މައުލޫމާތު އަދި ނުލިބޭ ކަމަށާއި މި ހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން ކަމާއި ގުޅުން ހުރި އެހެނިހެން ފަރާތްތަކުން ވެސް އަދި ހާދިސާ ހިނގި ގޮތުގެ ތަފްސީލް ހާމަކޮށްފައެއް ނުވެއެވެ.