ކ. މާލެ
|
9 ޖޫން 2024 | އާދީއްތަ 15:45
ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު
ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު
ހާރިޖީ ވުޒާރާ
އިންޑިއާ އާއި ރާއްޖޭގެ ގުޅުން
އިންޑިއާ ވާނީ އަދި އަބަދުވެސް އޮންނާނީ އެންމެ ގާތް އެކުވެރިޔާ ކަމުގައި: ޚާރިޖީ ވަޒީރު ޒަމީރު
ޒަމީރު ވިދާޅުވީ، ޑރ މުއިއްޒުގެ ސަރުކާރުން ބޭނުންވަނީ އިންޑިއާ އާ އެކު ވަރަށް ބޮޑަށް ގުޅުން ބަދަހިވުމަށް ކަމަށް
ތަރައްގީގެ އެންމެ ގާތް ބައިވެރިއަކީ އަދި އެންމެ ގާތް އަވައްޓެރި އަކީ އިންޑިއާ ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވި
ޑރ މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން އިންޑިއާ އާ މެދު ދިވެހި ރައްޔިތުންގެ ހިތްތަކުގައި ވަރަށް ބޮޑަށް ނަފްރަތު އުފައްދާފައިވޭ

އިންޑިއާ ވާނީ އަދި އަބަދުވެސް އޮންނާނީ ރާއްޖޭގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ޒަމީރު މިހެން ވިދާޅުވީ، ރައީސް ޑރ މުއިއްޒު އަރިހުގައި އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ބެހޭ ގޮތުން ސްޓްރެޓްނިއުސް ގްލޯބަލް އަށް ދެއްވި ބަސްދީގަތުމެއްގައެވެ.

Advertisement

ނަރެންދްރަ މޯދީ އިންޑިއާގެ ބޮޑުވަޒީރު ކަމަށް 3 ވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޑރ މުއިއްޒު އަރިހުގައި އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައި އުޅުއްވަމުން ޒަމީރު މި ދަތުރުފުޅާ ގުޅޭ ގޮތުން ވިދާޅުވީ، މޯދީ އާ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަކީ ވަރަށް ތާރީޚީ ރަސްމިއްޔާތެއް ކަމަށެވެ. ޒަމީރު ވިދާޅުވީ، ރައީސް މުއިއްޒު ދެކެވަޑައިގަންނަވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަކީ ބޮޑު ޝަރަފެއް ކަމަށެވެ.

މި ތާރީޚީ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަކީ ރައީސް އަށް ލިބިވަޑައިގަންނަވާ ބޮޑު ޝަރަފެއް.
ޚާރިޖީ ވަޒީރު މޫސާ ޒަމީރު

އިންޑިއާ އާ ރާއްޖޭގެ ގުޅުން ކުރިއަށް ދާނެ ގޮތާބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޒަމީރު ވިދާޅުވީ، ޑރ މުއިއްޒުގެ ސަރުކާރުން ބޭނުންވަނީ އިންޑިއާ އާ އެކު ވަރަށް ބޮޑަށް ގުޅުން ބަދަހިވުމަށް ކަމަށެވެ.

އެގޮތުން މި ދަތުރުފުޅުގެ ސަބަބުން ޑރ މުއިއްޒުގެ ސަރުކާރާ އިންޑިއާ އާ އޮންނަ ގުޅުން އިތުރަށް ބަދަހި ވެގެންދާނެ ކަމަށް ވަޒީރު އުއްމީދު ކުރައްވާ ކަމަށް މި ބަސްދީގަތުމުގައި ވިދާޅުވެފައިވެއެވެ.

ރައީސް އުއްމީދު ކުރައްވަނީ ބޮޑުވަޒީރު މޯދީ އާ އެކުގައި މަސައްކަތް ކުރައްވާ އިންޑިއާ އާ އެކު އޮތް ގުޅުން އިތުރަށް ބަދަހި ވެގެން ދިއުން.
ޚާރިޖީ ވަޒީރު މޫސާ ޒަމީރު

އިންޑިއާ އާ މެދު ދިވެހި ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމުގެ ތެރޭއިން ނިމިދިޔަ އިންތިޚާބު ކާމިޔާބު ކުރެއްވި ރައީސް ޑރ މުއިއްޒުގެ މި ދަތުރުފުޅުގެ ސަބަބުން އިންޑިއާ ރާއްޖޭގެ ގުޅުން ރަނގަޅު މިސްރާބުގައި އޮތްކަން ހާމަ ވާނެ ކަމަށް ޒަމީރު ދެކެވަޑައިގަންނަވާ ކަމަށްވެސް އޭނާ މި ބަސްދީގަތުމުގައި ވިދާޅުވެފައިވެއެވެ.

ފަހުގެ ތާރީޚުގައި ރާއްޖޭގެ ރައީސް ކަމަށް ވަޑައިގަންނަވާ ކޮންމެ ވެރިއަކުވެސް އެންމެ ފުރަތަމަ ޒިޔާރަތް ކުރައްވާ ގައުމެއްގެ ގޮތުގައި އިންޑިއާ ހެއްދެވި ނަމަވެސް، ޑޮކްޓަރ މުއިއްޒު އެކަން ބަދަލު ކުރައްވާ ހުސްވި އަހަރުގެ ނޮވެމްބަރ މަހު ފުރަތަމަ ދަތުރުފުޅު ކުރެއްވީ ތުރުކީ ވިލާތަށެވެ. އޭގެ ފަހުން މިއަހަރުގެ ޖެނުއަރީ މަހު ޗައިނާ އަށް ދަތުރުފުޅެއް ކުރެއްވުމަށްފަހު، ހުސްވި އަހަރުގެ ނޮވްމެބަރ މަހު ރައީސް ކަމަށް ވަޑަގެންނެވި ޑރ މުއިއްޒު އިންޑިއާ އަށް ކުރައްވާ މިއީ ފުރަތަމަ ދަތުރުފުޅެވެ.

ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވަނީ ހުސްވި މެއި މަހުގެ ތެރޭގައި ވެސް އިންޑިއާ އަށް ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅަށް އިޝާރާތް ކުރައްވާ ޒަމީރު ވިދާޅުވީ، އެ ދަތުރުފުޅުން ވެސް ދެގައުމުގެ ގުޅުމާ މެދު އެއް ބަޔަކު އަނެއް ބަޔަކަށް އޮތް އިތުބާރު ބޮޑުވެގެން ދިޔަކަމަށެވެ. އެ ދަތުރުފުޅަށް ފަހު އިންޑިއާ އިން ވަނީ ރާއްޖޭން އަނބުރާ ދައްކަން ޖެހޭ ލޯނެއް ދެއްކުން ފަސްކޮށްދިންކަން ހާމަ ކޮށްފައެވެ.

ރާއްޖޭގެ ޚާރިޖީ ވަޒީރު ވިދާޅުވީ ތަރައްގީގެ އެންމެ ގާތް ބައިވެރިއަކީ އަދި އެންމެ ގާތް އަވައްޓެރި އަކީ އިންޑިއާ ކަމަށެވެ. އެ ގާތްކަމުގެ މުހިންމުކަން ޑރ މުއިއްޒުގެ ސަރުކާރުން އިންޑިއާ އަށް ދައްކައިދޭން ބޭނުންވާ ކަމުގައި ޒަމީރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. ރައީސްގެ އަރިހުގައި އިންޑިއާ އަށް ވަރަށް އިސް ވަފުދެއް ގެންދަވާކަން އެއީ އޭގެ ހެއްކެއް ކަމަށް ޒަމީރު ވިދާޅުވިއެވެ.

ވަރަށް މަތީ ފެންވަރުގެ ވަފުދަކާ އެކީ ރައީސް މި ދަތުރުފުޅު މި ކުރައްވަނީ، އެއިން އެނގޭ މި ގުޅުމުގެ މުހިންމުކަން، މިއިން އެނގޭ އިންޑިއާ އާ އޮތް ގުޅުމަށް ރާއްޖޭން ދޭން މުހިންމުކަން.
ޚާރިޖީ ވަޒީރު މޫސާ ޒަމީރު

ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ރައީސް މުއިއްޒުގެ ސިޔާސަތަކީ އިންޑިއާ އާ އެކީ އޮތް ގުޅުން އިތުރަށް ބަދަހި ކުރުން ކަމަށެވެ. އިންޑިއާ އިން ރާއްޖެއަށް ދޭ އެހީ ބަލައިގަންނަ ކަމަށާއި އެކަމަށް ޝުކުރު އަދާ ކުރާ ކަމަށް ވަޒީރު އާ ހަވާލާ ދީ ސްޓްރެޓްނިއުސް ގްލޯބަލްގައި ބުނެފައިވެއެވެ.

މޯދީ ބޮޑު ވަޒީރު ކަމުގެ މަގާމާ 3 ވަނަ ދައުރަކަށް ހަވާލުވެ ވަޑައިގަތުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑިގަތުމަށް ރައީސް މުއިއްޒު އާއި އަރިހުގައި ގެންދެވި ވަފުދު އިންޑިއާ އަށް ދަތުރު ކުރެއްވީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އިންޑިއާގެ ބޮޑުވަޒީރު ކަމުގެ މަގާމާ ފުރަތަމަ ހަވާލުވެ ވަޑައިގެންނެވި ރަސްމިއްޔާތުގައި އޭރުގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައިގެންނެވި ކަން ފާހަގަ ކުރެވޭއިރު، މޯދީގެ 3 ވަނަ ދައުރުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި މުއިއްޒު ބައިވެރިވެ ވަޑައިގަންނަވަނީ މުއިއްޒުގެ އެދުރު، ރައީސް ޔާމީން އެޅުއްވި ފިޔަވަޅުފުޅު ތަކުގެ މަތިން ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުގައި ވެއެވެ.

- ކޮމެންޓް