ކ. މާލެ
|
10 ޖޫން 2024 | ހޯމަ 08:02
އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް
އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް
ރޮއިޓާސް
އިންގްލެންޑުގެ ޤައުމީ ޓީމު
ސައުތުގޭތް އިންގްލެންޑުގެ ސްކޮޑު އަވަހަށް ފައިނަލް ކުރީ ގޯހެއް ވިޔަ ނުދޭން
ސައުތުގޭޓް ބުނީ، ކުޅުންތެރިން އިތުރު އިންތިޒާރެއް ކުރުވަން އޭނާ ބޭނުން ނުވީ ކަމަށް

ޔޫރޯ ފުޓުބޯޅަ މުބާރާތަށް އިންގްލެންޑުގެ ސްކޮޑު އަވަހަށް ފައިނަލް ކުރީ، ގޯހެއް ވާން ބޭނުން ނުވާތީ ކަމަށް، އިންގްލެންޑު ޤައުމީ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.

ޔޫރޯ އަށް ތައްޔާރުވުމުގެ ގޮތުން އިންގްލެންޑުން އެންމެ ފުރަތަމަ އެކުލަވާނީ 33 ކުޅުންތެރިންގެ ޕްރޮވިޝަނަލް ސްކޮޑެކެވެ. ޔޫރޯގެ ފައިނަލް ސްކޮޑުގައި 26 ކުޅުންތެރިން ހިމަނަން ޖެހޭއިރު، ޕްރޮވިޝަނަލް ސްކޮޑުން ހަތް ކުޅުންތެރިން އުނި ކުރަން އެންމެ ފުރަތަމަ ނިންމީ، އިންގްލެންޑުން އައިސްލެންޑާ ދެކޮޅަށް ކުޅުނު ރަޙުމަތްތެރިކަމުގެ މެޗަށްފަހު އެވެ.

ނަމަވެސް ސައުތުގޭޓް ވަނީ އެ މެޗުގެ ކުރިން ހަތް ކުޅުންތެރިން ޓީމުން ބާކީކޮށް، ފައިނަލް ސްކޮޑު އެކުލަވާލައިފަ އެވެ. އެއީ ޖޭމްސް މެޑިސަން، ޖެކް ގްރީލިޝް އަދި ހެރީ މެގުއާ، ޖެރާޑް ބްރެންޓްވައިޓް، ޖޭމްސް ޓްރަފޯޑް، ކާޓިސް ޖޯންސް އަދި ޖަރެލް ކުއަންސާ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސައުތުގޭޓް ބުނީ، ކުޅުންތެރިން އިތުރު އިންތިޒާރެއް ކުރުވަން އޭނާ ބޭނުން ނުވީ ކަމަށެވެ. އެކަމުން އިތުރު ގޯހެއް ވުމުގެ ފުރުސަތު ވެސް އޮތްކަން ފާހަގަކޮށް ސަައުތުގޭޓް ބުނީ، އަވަހަށް ސްކޮޑު ފައިނަލް ކުރީ އޭނާ އެ ގޮތް ބޭނުން ނުވާތީ ކަމަށެެވެ.

މީގެ އިތުރުން އޭނާ ބުނީ ބޭނުންވީ ހުރިހާ ކުޅުންތެރިންނާމެދު ވެސް އިންސާފުން ކަންތައް ކުރަން ކަމަށެވެ. އަދި ޓީމުގައި ތިބި ކުޅންތެރިންނަށް ވެސް އިންސާފަކަށް ވާނީ، އެންމެނަށް ޤަބޫލު ކުރެވޭނެ ހަމައަކުން އެކަން ކުރުމުން ކަމަށް ވެސް ސައުތުގޭޓް ވަނީ ބުނެފަ އެވެ.

އޭނާ ބުނީ އިންގްލެންޑުގައި ތިބި ކުޅުންތެރިންނަކީ އޭނާ ދަންނަ ކުޅުންތެރިން ކަމަށާއި، ކޮންމެ ކުޅުންތެރިޔަކީ ވެސް މޮޅު ކުޅުންތެރިޔެއް ކަމަށެވެ. ޚާއްސަކޮށް ޔޫރޯ އަށް ޓީމުގެ ސްކޮޑެއް އެކުލަވާލާއިރު، އެންމެ ފުރިހަމަ ކުޅުންތެރިންނަށް ފުރުސަތު ދިނުމަކީ ކޮންމެ މީހަކު ވެސް ބޭނުންވާނެ ކަމެއް ކަމަށް ސައުތުގޭޓް ބުންޏެވެ.

ސައުތުގޭޓްގެ އިރުޝާދުގެ ދަށުން 2021 ވަނަ އަހަރު އަމިއްލަ ޤައުމުގައި އޮތް ޔޫރޯގެ ފައިނަލްގައި ވެސް އިންގްލެންޑުން ވަނީ ވާދަކޮށްފަ އެވެ. އޭގެ ފަހުން މިއަހަރުގެ މުބާރާތަށް ވެސް އިންގްލެންޑުން އަންނަނީ ދުރާލާ ތައްޔާރުވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް