އިންގްލެންޑު ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗަކަށް ޖަރުމަނުގެ ތަޖުރިބާކާރު ކޯޗު، ތޯމަސް ޓުޗެލް ހަމަޖައްސަން އިނގިރޭސި އެފްއޭ އިން ނިންމައިފި އެވެ.
އިންގްލެންޑުގެ ކޯޗުކަމުގެ މަޤާމުގައި އެންމެ ފަހުން ހުރީ ގަރެތު ސައުތުގޭޓް އެވެ. ނަމަވެސް، މިއަހަރު ޖަރުމަނުގައި ކުރިއަށް ދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތަށްފަހު، ސައުތުގޭޓް ވަނީ ކޯޗުކަމުގެ މަޤާމުން ދުރަށް ދާން ނިންމައިފަ އެވެ. އޭގެ ފަހުން އިންގްލެންޑުގެ ވަގުތީ ކޯޗަކަށް ހަމަޖައްސާފައި ވަނީ އިންގްލެންޑުގެ ޒުވާން ޓީމުގައި މަސައްކަތް ކުރަމުން އައި ލީ ކާސްލީ އެވެ. އެހެން ނަމަވެސް، އިންގްލެންޑުން ވަނީ ދާއިމީ ކޯޗެއް ހޯދުމުގެ މަސައްކަތް ކޮށްފަ އެވެ. އެގޮތުން މިހާރު ވަނީ އިންގްލެންޑުގެ ކޯޗަކަށް ޓުޗެލް ހަމަޖައްސަން ނިންމައި، އެކަން ރަސްމީކޮށް އިއުލާން ކޮށްފަ އެވެ.
ޓުޗެލްގެ އެސިސްޓެންޓު ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ވަނީ އެންތަނީ ބެރީ ހަމަޖައްސަން ވެސް އިނގިރޭސި އެފްއޭ އިން ނިންމާފައިވެ އެވެ. އިންގްލެންޑު ޤައުމީ ޓީމުގައި ރަސްމީކޮށް މަސައްކަތް ކުރަން ޓުޗެލް ފަށާނީ ކުރިއަށް އޮތް 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ. އިންގްލެންޑު ޤައުމީ ޓީމާ ޓުޗެލް ހަވާލުވީ 18 މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
އުމުރުން 51 އަހަރުގެ ޓުޗެލް އެންމެ ފަހުން ހުރީ ޖަރުމަނުގެ ބަޔާން މިއުނިކްގެ ކޯޗުކަމުގެ މަޤާމުގަ އެވެ. ނަމަވެސް، މިދިޔަ ސީޒަނަށް ފަހު އޭނާ ވަނީ ބަޔާންގެ ކޯޗުކަން ދޫކޮށްލަން ނިންމައިފަ އެވެ. އެއީ އޭނާގެ އިރުޝާދުގެ ދަށުން ބަޔާންގެ ނަތީޖާތައް ދަށްވުމުގެ ސަބަބުންނެވެ. ޓުޗެލްގެ އިރުޝާދުގެ ދަށުން ބަޔާނުން މިދިޔަ ސީޒަން ނިންމާލީ އެއްވެސް ތައްޓެއް ކާމިޔާބު ނުކުރެވި އެވެ.
މިއީ ގިނަ ކުލަބުތަކަކަށް އިރުޝާދު ދީފައިވާ ޓުޗެލް ޤައުމީ ޓީމަކަށް އިރުޝާދު ދޭނެ ފުރަތަމަ ފަހަރެވެ. މީގެ ކުރިން މުޅިން ވެސް ޓުޗެލް މަސައްކަތް ކޮށްފައި ވަނީ އެކި ކުލަބުތަކުގަ އެވެ. އޮގްސްބާގް އިން ކޯޗިން ކެރިއަރު ފެށި ޓުޗެލް ވަނީ، މައިންޒް، ބޮރޫޝިއާ ޑޯޓްމަންޑު، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)، ޗެލްސީ އަދި ބަޔާނަށް އިރުޝާދު ދީފަ އެވެ. ދާދި ފަހުން މެންޗެސްޓަރ ޔުނައިޓެޑުން ވެސް ވަނީ އެ ކުލަބުގެ ކޯޗަކަށް ޓުޗެލް ގެންނަން މަޝްވަރާކޮށްފަ އެވެ.