ކ. މާލެ
|
9 ޖޫން 2024 | އާދީއްތަ 02:34
ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް
ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް
އަވަސް
ޙައްޖު 1445
ނިކަމެތިން ހައްޖަށް ފޮނުވުމުގެ ނަމުގައި އޮޅުވާލުމުގެ ތުހުމަތު - ހައްޖު ކޯޕަރޭޝަނުން ބުނަނީ އެފަދަ ކަމެއް ހިނގާފައި ނުވާނެ ކަމަށް
އޮންނަ އުސޫލުގެ ބޭރުން އެއްވެސް ކަމެއް ހައްޖު ކޯޕަރޭޝަނުން ކޮށްފައި ނުވާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނޭ
އެއްވެސް ފަރާތަަކަށް ނުފޫޒު ފޯރުވުމުގެ ބާރު ނޯންނާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށް ޝަކީލް ވިދާޅުވި

ނިކަމެތިން ހިލޭ ހައްޖަށް ފޮނުވާކަމަށް ބުނެ ސަރުކާރުން އޮޅުވާލާފައިވާ ކަމަށް ތުހުމަތުކޮށް އާއްމުން ސަރުކާރުން ފާޑުކިޔަން ފަށާފައި ވަނިކޮށް، ހައްޖަށް މީހުން ގެންދިއުމުގައި އޮޅުވާލާފައި ނުވާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތުދެއްވަމުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަކީލް ވިދާޅުވީ ހައްޖަށް މީހުން ގެންދިއުމުގެ މަސައްކަތް ކުރަމުން ދަނީ އިޚުލާސްތެރިކަމާއި އެކުގައި ކަމަށެވެ.

އަދި ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށްދާ މީހުންގެ ތަރުތީބު ކަނޑައެޅިފައިވާ ހައްޖު ކިއުއަށް އެއްވެސް ފަރާތަަކަށް ނުފޫޒު ފޯރުވުމުގެ ބާރު ނޮއޮންނާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށް ޝަކީލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އޮންނަ އުސޫލުގެ ބޭރުން އެއްވެސް ކަމެއް ހައްޖު ކޯޕަރޭޝަނުން ކޮށްފައި ނުވާނެ ކަމަށެވެ.

މިއަހަރު ހައްޖަށް ދިއުމަށް ލިސްޓުގައި ތިބި ބައެއް ފަރާތްތަކަށް ފުރުސަތު ގެއްލުވާލުމަށް ފަހު، ހައްޖު ކިއުގެ ތަރުތީބާއި ހިލާފަށް ބައެއް ފަރާތްތަކަށް ފުރުސަތު ދީގެން ހައްޖަށް ގެންގޮސްފައިވާކަމަށް ކުރާ ތުހުމަތުތައް އޭނާ ވަނީ ދޮގުކުރައްވާފައެވެ.

އަޅުގަނޑުގެ ބެލުމުގެ ދަށުން އާ މެނޭޖްމެންޓުގައި އެއްވެސް ކަމެއް އުސޫލުން ބޭރުން ނުކުރާނެކަމުގެ ޔަޤީންކަން ދެން. އުންމީދަކީ އާއްމުންނަށް މިހާރަށް ވުރެ އަގު ހެޔޮކޮށް ހައްޖަށް ދެވޭނެ މަގު ފަހިކޮށްދިނުން. އިންޝާﷲ. އުސޫލުން ބޭރުން އެއްވެސް ކަމެއް ކޮށްފަ އެއް ނުވާނެ.
ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް

1445 ވަނަ އަހަރުގެ ރަސްމީ 1000 ކޯޓާއިން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިއުމަށް ހަމަޖެހިފައިވާ ހުރިހާ ހައްޖާޖީންވެސް މައްކާއަށް ގޮސްފައިވާ ކަމަށް ޝަކީލް ވިދާޅުވިއެވެ. އަދި ހުރިހާ ހައްޖާޖީންވެސް އުމްރާގެ އަޅުކަން ފުރިހަމަކޮށްފައިވާކަމަށް ޝަކީލް ވިދާޅުވިއެވެ.

ޝަކީލް އެފަދައިން ވިދާޅުވެފައިވާ އިރު ނިކަމެތިންގެ ގޮތުގައި ހައްޖަށް ފޮނުވި މީހުންގެ ތެރޭގައި ފުދުންތެރި އެއް ހިމެނޭކަމަށް ބުނާ މައްސަަލަ އެއް ވަނީ ފެންމަތިވެފައެވެ. ރާއްޖެ އެމްވީ އަށް އެނގިފައިވާ ގޮތުން އެކަން އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް ވެސް މިހާރު ވަނީ އައިސްފައެވެ.

މި މައްސަލަ ފެންމަތިވުމާއި ގުޅިގެން އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ކިއު ފަޅާފައި އެއްވެސް ބަޔަކަށް ޖާގަ ހޯދައިދީފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ. ބައެއް މީޑީއާ ތަކަށް މައުލޫމާތުދެއްވަމުން ޝަހީމް ވަނީ ރުކާރުގެ ބޭނުމަށް ޖާގަތަކެއް ކަށަވަރުކުރާ ކަމަށާއި ހައްޖު ކޯޕަރޭޝަން އުފެއްދުމުގެ ކުރިންވެސް ކަން އޮންނަ ގޮތަކީ އެއީ ކަމަށް ވެސް ވިދާޅުވެފައެވެ.

މި ސަރުކާރުން ވަނީ ސަރުކާރުގެ ޚަރަދުގައި 50 މީހުން ހައްޖަށް ފޮނުވަން ނިންމާ އެ 50 މީހުން ކަނޑައެޅުމަށް ގުރުނަގާފައެވެ. ސަރުކާރުން ބުނެފައި ވަނީ ސަރުކާރުގެ ޚަރަދުގައި ހައްޖަށް ފޮނުވަނީ ފަގީރުންކަމަށެވެ.

ސަރުކާރުގެ ޚަރަދުގައި ހައްޖަށް ފޮނުވި މީހުންގެ ތެރޭގައި ޝަރުތު ހަމަނުވާ މީހަކު ހުރިކަމަށް އާއްމުން ތުހުމަތުކުރަން ފެށީ ދައުލަތުގެ މީޑިއާ އިން އާއްމު ކުރި ވީޑިއޯ އެއްގައި ފެންނަ މީހާ އަކީ ފަގީރެއް ނޫން ކަަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރަން ފެށުމުންނެވެ. ދައުލަތުގެ ހަރަދުގައި ހައްޖަށްދާ މީހެއްގެ ޝުއޫރު ކަމަށް ބުނެ އާންމުކޮށްފައިވާ އެ ވީޑިއޯ އާއި އެކު އާއްމުންގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އަދި އެ ވީޑިއޯއާ އެކު ގިނަ ބަޔަކު ދަނީ އޭނާއަކީ ފަގީރެއް ނޫން ކަމަށާއި ފަގީރުންގެ ގޮތުގައި އޭނާ ބެލީ ކޮން ހަމައަކުންތޯ ސުވާލު އުފައްދަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް