ކ. މާލެ
|
10 ޖޫން 2024 | ހޯމަ 07:53
މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ އަލްވަރޭޒް
މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ އަލްވަރޭޒް
ރޮއިޓާސް
މެންޗެސްޓަރ ސިޓީ
ސިޓީން އޮތީ އަލްވަރޭޒް ދޫކޮށްލާ ގޮތަކަށް ނޫން!
ކުރިއަށް އޮތް ޓްރާންސްފާ މާކެޓުގައި އަލްވަރޭޒް ހޯދުމަށް، ކުލަބުތަކުން ލޯނު އުސޫލުން ހުށަހެޅިޔަސް، ސިޓީން އެކަމަށް އެއްބަސް ނުވާނެ

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ހޫލިއަން އަލްވަރޭޒް ދޫކޮށްލަން އެ ކުލަބުން ބޭނުން ނުވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އަލްވަރޭޒް ހޯދުމުގެ ޝައުޤުވެރިކަން ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ( އާއި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑުން ގެން ގުޅޭ ކަމަށް ދާދި ފަހުން ވަނީ މީޑިއާ ތަކުގައި ރިޕޯޓުކޮށްފަ އެވެ. ޕީއެސްޖީން އަލްވަރޭޒް ހޯދުމަށް ޝައުޤުވެރި ވަނީ، އެ ކުލަބަށް ކުޅެމުން އައި ފްރާންސްގެ ކީލިއަން އެމްބާޕޭ އެ ކުލަބު ދޫކޮށްލުމުން، އޭނާގެ ބަދަލަށް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އެހެން ނަމަވެސް ސިޓީން އޭނާ ދޫކޮށްލަން ބޭނުން ނުވާ ކަމަށް އިނގިރޭސި މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. ކުރިއަށް އޮތް ޓްރާންސްފާ މާކެޓުގައި އަލްވަރޭޒް ހޯދުމަށް، ކުލަބުތަކުން ލޯނު އުސޫލުން ހުށަހެޅިޔަސް، ސިޓީން އެކަމަށް އެއްބަސް ނުވާނެ ކަމަށް ވެސް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. އަނެއްކޮޅުން އަލްވަރޭޒް ސިޓީގައި ހުންނަން ބޭނުންވާކަން ކުލަބަށް އަންގާފައިވާ ކަމަށާއި، ސިޓީން އޮތީ އަލްވަރޭޒް ދޫކުރާ ވިސްނުމުގައި ނޫން ކަމަށް ވެސް މީޑިއާ ތަކުން ބުނެ އެވެ.

އުމުރުން 24 އަހަރުގެ ކުޅުންތެރިޔާ ސިޓީ އަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އޭނާ ސޮއި ކުރީ ފަސް އަހަރާ، ބައިގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރު އެވެ. ސިޓީ ގައި އަލްވަރޭޒް މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އޭނާ ހޯދުމުގެ ޝައުޤުވެރިކަން ގިނަ ކުލަބުތަކުން ގެން ގުޅޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އަލްވަރޭޒް ވަނީ ސިޓީ އަށް މިހާތަނަށް ކުޅެދިން 103 މެޗުގައި 36 ލަނޑު ޖަހައިފަ އެވެ. ސިޓީ އާއެކު އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން އަލްވަރޭޒް ވަނީ ސިޓީ އާއެކު، އިނގިރޭސި ޕްރިމިއާ ލީގު، އެފްއޭ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް