ކ. މާލެ
|
9 ޖޫން 2024 | އާދީއްތަ 06:01
މެސީ، ނެމާ އަދި ސުއަރޭޒް، ތިން ކުޅުންތެރިން ވަނީ އެކުގައި ބާސެލޯނާ އަށް ކުޅެފައި
މެސީ، ނެމާ އަދި ސުއަރޭޒް، ތިން ކުޅުންތެރިން ވަނީ އެކުގައި ބާސެލޯނާ އަށް ކުޅެފައި
ރޮއިޓާރސް
މެސީ، ސުއަރޭޒް، ނޭމާ
މެސީ ޙިއްސާ ކުރީ ސުއަރޭޒް އާއި ނޭމާއާ އޮންނަ ގާތް ގުޅުން!
މެސީ ބުނީ، ތިން ކުޅުންތެރިން ވަރަށް ގިނައިން ވާހަކަ ދައްކައި، ކަންކަމުގައި މަޝްވަރާ ކުރާ ކަމަށް

ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާ އަދި އުރުގުއޭގެ ލުއިސް ސުއަރޭޒްއާ އޮންނަ ގާތް ގުޅުން، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ޙިއްސާކޮށްފި އެވެ.

މެސީ އެކަން ޙިއްސާ ކޮށްފައި ވަނީ ދާދި ފަހުން އޭނާ ދިން އިންޓަވިޔުއެއްގަ އެވެ. މެސީ، ސައަރޭޒް އަދި ނޭމާ އަކީ، ގާތް ގުޅުމެއް އޮންނަ ތިން ކުޅުންތެރިންނެވެ. ޚާއްސަކޮށް، ސްޕެއިންގެ ބާސެލޯނާގައި ތިން ކުޅުންތެރިންގެ އެކުގައި ކުޅުނުއިރު، އެ ގުޅުން އޮތެވެ. އޭގެ ފަހުން ތިން ކުޅުންތެރިން ވެސް ބާސެލޯނާ ދޫކޮށްލި ނަމަވެސް، ތިން ކުޅުންތެރިން ވެސް އައީ އެ ގާތް ގުޅުއް ބާއްވަމުންނެވެ.

މިވަގުތު އެމެރިކާގެ އިންޓަ މިއާމީ އަށް ކުޅެމުން އަންނަ މެސީ ބުނީ، ތިން ކުޅުންތެރިން ވަރަށް ގިނައިން ވާހަކަ ދައްކައި، ކަންކަމުގައި މަޝްވަރާ ކުރާ ކަމަށެވެ. ސުއަރޭޒް ހިމެނޭހެން، ތިން ކުޅުންތެރިން އެކުގައި ވާހަކަ ދައްކައި، ޗެޓު ކުރާ ގުރޫޕެއް އިންނަކަން ވެސް މެސީ ފާހަގަ ކުރި އެވެ. އިތުރަށް މެސީ ބުނީ، ސްޕެނިޝް ބަހުން ވަރަށް ފުރިހަމަ އަށް ވާހަކަ ދައްކަން ނޭމާ އަށް އިނގޭ ކަމަށެވެ.

މިވަގުތު މެސީ އާއި ސައަރޭޒް އަންނަނީ އެކުގައި މިއާމީ އަށް ކުޅެމުންނެވެ. މިވަގުތު ސައުދީ އަރަބިޔާގެ އަލް ޙިލާލަށް ކުޅެމުން އަންނަ ނޭމާ، މެސީ އާއި ސުއަރޭޒް އާއެކު އަލުން އެއް ޓީމަކަށް ކުޅުމަށް އެއްވެސް ބާރެއް އަޅަންތޯ ސުވާލު ކުރުމުން މެސީ ބުނީ، އެކަހަލަ ވާހަކައެއް ނުދެކެވޭ ކަމަށެވެ. ޚާއްސަކޮށް މިހާރު އޮތް ޙާލަތު ތަފާތު ކަމަށާއި، ނޭމާގެ ވިސްނުން ހުރި ގޮތެއް ނޭނގޭ ކަމަށް ވެސް މެސީ ވަނީ ބުނެފަ އެވެ.

މެސީ ބުނީ މިވަގުތު ނޭމާ ހުރީ ސައުދީގައި ކަމަށާއި، ނޭމާގެ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތް ކަމަށެވެ. އަލް ޙިލާލަށް ބަދަލުވި ފަހުން ނޭމާ އަށް ކުރިމަތިވީ އުނދަގޫ އަހަރެއްކަން ފާހަގަކޮށް މެސީ ބުނީ. ގިނަ ދުވަސްތަކެއް ވަންދެން ނޭމާ ހުރީ އަނިޔާގައި ކަމަށެވެ. އެހެންކަމުން، މިވަގުތު ނޭމާ ހުންނަނީ ވަރަށް އުނދަގޫ ޙާލަތެއްގައި ކަމަށް ވެސް މެސީ ބުންޏެވެ.

އިތުރަށް މެސީ އޭގެ ފަހުން ކަންތައް ކުރިމަތިވާނެ ގޮތެއް އޭނާ އަށް ބުނަން ނޭނގޭ ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ދިރިއުޅުމުގައި ކޮންމެ ކަމެއް ދިމާވަނީ، އެތައް ގިނަ ކަންތައްތަކެއް ކުރިމަތިވުމަށްފަހު އެވެ. އެހެން ނަމަވެސް، މިވަގުތަށް ބަލާއިރު، ނޭމާ މިއާމީ އަށް ގެންނަން އެއްވެސް ވާހަކައެއް ނުދެކެވޭ ކަމުގައި މެސީ ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.

މެސީ އާއި ސަުއަރޭޒްއާ އެއް ޓީމަކަށް ކުޅުމަށް، ނޭމާ އިންޓަ މިއާމީ އަށް ބަދަލުވާން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. މިވަގުތު ނޭމާ ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގަ އެވެ. އަލް ޙިލާލަށް ބަދަލުވެ، އެ ޓީމުގައި ނޭމާ އަށް ކުޅެވުނީ މަދު މެޗެކެވެ. އޭގެ ފަހުން ނޭމާ ހުންނަނީ އަނިޔާވެ، ކުޅުމާ ދުރުގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް