ދަސްވެނިން ތިބެންވާނީ އަދުގެ ދުނިޔެއަށް އަންނަމުންދާ ބަދަލުތަކަށް ލޯ ހުޅުވިފަކަމަށާއި، ގައުމަށް ފާގަތި ބަދަލެއް ގެނައުމަށް ތައްޔާރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އިލްތިމާސް ކުރައްވައިފިއެވެ.
އޭނާ އެފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޖަލްސާކުރާ މާލަމުގައި ބޭއްވި އެ ޔުނިވަރސިޓީގެ 2024 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ދަސްވެނިން ތިބެންވާނީ ގައުމަށް ބޭނުންވާ ފާގަތި ބަދަލުތަކަށް ބޭނުންވާ ކަންތައްތައް ދެނެގަނެ، އެ ކަންކަމުގެ ބޭނުން ހިފުމަށް ތައްޔާރަށް ކަމަށެވެ. އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ މަނިކުފާނު ވަނީ ލިބިފައިވާ ޢިލްމާ ފަންނީ ހުނަރުން، ޤައުމަށް ކޮންމެވެސް ޚިދުމަތެއް ކުރުމަކީ ކޮންމެ ދިވެހިދަރިއެއްގެ ޤައުމީ ވާޖިބެއް ކަމުގައި ދެކިވަޑައިގަތުމަށް ގޮވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތަޢުލީމުގެ ކަންކަމަށް ޚާއްސަ އިސްކަމެއް ދެއްވާކަމަށް ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ސަރުކާރުގެ އެއް އަމާޒަކީ، މަތީ ތަޢުލީމު އުނގެނުމުގައި ދަރިވަރުންނަށް ކުރިމަތިވާ ދަތިތައް ދެނެގަނެ، ދަރިވަރުންނަށް ލުއިފަސޭހަތަކެއް ހޯދައިދެއްވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ދަރިވަރުން ދަސްވެނިވުމަށްފަހު ކޮންމެ މައިދާނެއްގައި މަސައްކަތް ކުރި ކަމުގައިވިޔަސް، ޤައުމީ މަޞްލަޙަތު ޙިމާޔަތްކުރުމަށް އިލްތިމާސްކުރެއްވިއެވެ. މީގެ އިތުރުން، މުޖުތަމަޢުގެ ހަމަޖެހުމަށް މަސައްކަތް ކުރުމަކީ އެންމެ އިސް ވާޖިބެއްކަމުގައި ދެކެންޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެހެންމެ ޢިލްމީ ދިރާސާތައް ކުރުން ހުއްޓާ ނުލާ ކުރިއަށް ގެންދިއުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އިސްލާމީ ތަރުބިއްޔަތު ފެތުރުމާއި، ސައްހަ އަގީދާ އަށަގަންނަވާ ޒުވާނުން ތަރުބިއްޔަތުކުރުމަށް ގައުމީ ޔުނިވަރސިޓީން ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އެ ޔުނިވަރސިޓީން ދަަސްވެނިވާ މީހުންނަކީ ޤާބިލް ބަޔަކަށް ހެދުމަށް އެ ޔުނިވަރސިޓީން މުހިންމު މަސައްކަތްތަކެއް ކުރާ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މަތީ ތައުލީމު އުނގެނޭ ކޮންމެ މީހެއްގެ ފަހަތުގައި ގިނަ ގުރުބާނީތަކެއް ވާކަމަށް ވެސް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.
އެ ޙަފްލާގައި ދަސްވެނިވި ބައެއް ދަރިވަރުންނަށް ސަނަދު ހަވާލުކޮށްދެއްވައި އަދި މި ދަންފަޅީގެ ޚާއްސަ އެވޯޑުތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.