ކ. މާލެ
|
7 ޖޫން 2024 | ހުކުރު 01:05
ރެއާލަށް ކުޅެމުން އަންނަ ލޫކާ މޮޑްރިޗް
ރެއާލަށް ކުޅެމުން އަންނަ ލޫކާ މޮޑްރިޗް
ރޮއިޓާސް
ރެއާލް މެޑްރިޑް
ރެއާލްގެ އައު އެއްބަސްވުމުގައި މޮޑްރިޗް ސޮއިކޮށްފި
2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެ ކުލަބުގައި މަޑުކުރާނެ

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ ހުނަރުވެރި މިޑްފީލްޑަރު، ލޫކާ މޮޑްރިޗް އެ ކުލަބާއެކު އައު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އުމުރުން 38 އަހަރުގެ ކުޅުންތެރިޔާ ރެއާލާ އެކު ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ މި މަހުގެ ނިޔަލަށެވެ. ނަމަވެސް މޮޑްރިޗް ވަނީ އޭނާ ރެއާލްގައި މަޑު ކުރަން ބޭނުންވާކަން ކުލަބަށް އަންގައިފަ އެވެ. އެއާއެކު ރެއާލުން ވަނީ މޮޑްރިޗާ އެކު އައު އެއްބަސްވުމުގެ މަޝްވަރާތައް ފަށައިފަ އެވެ.

މޮޑްރިޗް ވަނީ ރެއާލާ އެކު އިތުރު އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. އެހެންކަމުން 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެ ކުލަބުގައި މަޑު ކުރާނެ އެވެ. އޭނާ އަކީ ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ އެ ކުލަބުގައި ހުންނަން އެދޭ ކުޅުންތެރިޔެކެވެ. އަދި ރެއާލްގެ މެދު ތެރޭގައި އެންމެ އިސް ދައުރެއް އަދާ ކުރަމުން އަންނަ އެއް ކުޅުންތެރިޔަކީ ވެސް މޮޑްރިޗް އެވެ.

ޓޮޓެންހަމް ދޫކޮށްލުމަށްފަހު މޮޑްރިޗް ރެއާލަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އޭގެ ފަހުން މިވީ މުއްދަތުގައި އޭނާ ވަނީ ރެއާލަށް 534 މެޗު ކުޅެދީ، 39 ލަނޑު ޖަހައިދީފަ އެވެ. ރެއާލާ އެކު މޮޑްރިޗް ވަނީ، 25 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު ހަތަރު ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު ހަ ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ.

މީގެ އިތުރުން މޮޑްރިޗް ވަނީ ފްރާންސް ފުޓުބޯޅަ އިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑިއޯ އެވޯޑު 2018 ވަނަ އަހަރު ކާމިޔާބު ކޮށްފަ އެވެ. މޮޑްރިޗް އަކީ، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ފަހަތަށް ޖައްސާލުމަށްފަހު، ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ.

- ކޮމެންޓް