ކ. މާލެ
|
5 ޖޫން 2024 | ބުދަ 22:08
ރަޝިއާގެ ޚާރިޖީ ވަޒީރު ސަރުގޭ ލެވްރޯވް
ރަޝިއާގެ ޚާރިޖީ ވަޒީރު ސަރުގޭ ލެވްރޯވް
ރޮއިޓާސް
ޔޫކްރެއިން ރަޝިއާ ހަނގުރާމަ
ޔޫކްރޭނަށް ފޮނުވާ ފަރަންސޭސި އަސްކަރީ އިންސްޓްރަކްޓަރުންނަށް ރަޝިއާ އިން ހަމަލާ ދެވޭނެ: ރަޝިއާ
އެއީ އަސްކަރީ އޮފިޝަލުން ކަމަށް ވިޔަސް ނުވަތަ ކުލީ ސިފައިން ކަމަށް ވިޔަސް އެމީހުންނަކީ ރަޝިއާގެ އަސްކަރިއްޔާގެ ޓާގެޓްއަށް އަރާނެ މީހުން ކަމަށް އޭނާ ވިދާޅުވި

ޔޫކްރޭނަށް ފޮނުވާ ފަރަންސޭސި އަސްކަރީ އިންސްޓްރަކްޓަރުންނަށް ރަޝިއާ އިން ހަމަލާ ދެވޭނެ ކަމަށް ރަޝިއާގެ ޚާރިޖީ ވަޒީރު ސަރުގޭ ލެވްރޯވް ވިދާޅުވެއްޖެއެވެ.

ލެވްރޯވް މިހެން ވިދާޅުވީ، ޔޫކްރެއިނުން އަސްކަރީ ތަމްރީން ތަކަށް ފަރަންސޭސި ވިލާތުގެ އެހީ ހޯދާނެ ކަމަށް ޔޫކްރެއިނުގެ އޮފިޝަލުން ހާމަކުރުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ލެވްރޯވް މިކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވީ ރިޕަބްލިކް އޮފް ކޮންގޯގެ ޚާރިޖީ ވަޒީރާ އެކު ބޭއްވެވި ނޫސް ކޮންފަރެންސެއްގައި އަންގާރަ ދުވަހު ވާހަކަފުޅު ދައްކަވަމުންނެވެ.

ރަޝިއާގެ ޚަރިޖީ ވަޒީރު ވިދާޅުވި ގޮތުގައި ފަރަންސޭސި އިންސްޓްރަކްޓަރުން މިހާރު ތިބީ ޔޫކްރެއިންގެ ސަރަހައްދުގެ ތެރޭގައެވެ. ކޮންމެ ހައިސިއްޔަތަކުން އެމީހުން ތިބި ކަމުގައި ވިޔަސް، އެއީ އަސްކަރީ އޮފިޝަލުން ކަމަށް ވިޔަސް ނުވަތަ ކުލީ ސިފައިން ކަމަށް ވިޔަސް އެމީހުންނަކީ ރަޝިއާގެ އަސްކަރިއްޔާގެ ޓާގެޓްއަށް އަރާނެ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫކްރެއިން އަސްކަރީ އިސް އޮފިޝަލަކު ހުސްވި ހަފްތާގައި ބުނެފައިވަނީ، ފަރަންސޭސި ވިލާތާއެކު އަސްކަރީ ގާބިލް ކަން އިތުރު ކުރުމަށް ވެވޭ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. އެއާއެކު ފަރަންސޭސި އިންސްޓްރަކްޓަރުންނަށް ޔޫކްރެއިންގެ އަސްކަރިއްޔާގެ ތަމްރީން މަރުކަޒުތަކުގައި ހަރަކާތްތެރި ވެވޭނެ ކަމަށް އޭނާ ފާހަގަކޮށްފައި ވެއެވެ.

ފަރަންސޭސި ވިލާތުގެ ރައީސްގެ އޮފީހުން ރަޝިއާގެ ޚާރިޖީ ވަޒީރުގެ ވާހަކަފުޅަށް އެއްޗެއް ބުނަން ބޭނުން ނުވާކަމަށް ބައެއް މީޑިއާ ތަކުން ރިޕޯޓް ކޮށްފައިވެއެވެ. އެހެން ނަމަވެސް ޔޫކްރެއިންގައި ފަރަންސޭސި ސިފައިން އިންސްޓްރަކްޓަރުންގެ ގޮތުގައި ތިބި ކަމުގެ އެއްވެސް ހެތްކެއް ނެތް ކަމަށް ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް