ކ. މާލެ
|
6 ޖޫން 2024 | ބުރާސްފަތި 09:59
އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ސައުލް ނިގޭޒް
އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ސައުލް ނިގޭޒް
ރޮއިޓާސް
އެތުލެޓިކޯ މެޑްރިޑް
އެތުލެޓިކޯ އާއެކު ހަދާފައިވާ އެއްބަސްވުން ސައުލް އުވާލަނީ
ސައުލް ދޫކޮށްލުމަށްފަހު، އެތުލެޓިކޯ އިން އެހެން މިޑްފީލްޑަރެއް ހޯދަން ބޭނުންވޭ

ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ މިޑްފީލްޑަރު ސައުލް ނިގޭޒް އާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން، އެ ކުލަބުން މަޝްވަރާ ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ އެތުލެޓިކޯ އަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް، އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮއްވާ، ސައުލް ބޭނުން ވަނީ އެތުލެޓިކޯ ދޫކޮށްލުމަށެވެ.

އެތުލެޓިކޯ އަށް ބަދަލުވުމަށްފަހު ސައުލް ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ދެ ކުލަބަކަށް ކުޅެފަ އެވެ. އެންމެ ފުރަތަމަ ލޯނު އެއްބަސްވުމެއްގެ ދަށުން 2013 ވަނަ އަހަރު އޭނާ ކުޅުނީ ސްޕެއިންގެ ރަޔޯ ވަޔެކާނޯ އަށެވެ. އޭގެ ފަހުން 2021 ވަނަ އަހަރު އޭނާ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ޗެލްސީ އަށް ވެސް ކުޅެފަ އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގެ ތެރޭގައި، އެތުލެޓިކޯ އިން ސައުލް އާއެކު ހަދާފައިވާ އެއްބަސްވުން އުވާލާނެ އެވެ. އެއީ ސައުލް އެހެން ކުލަބަކަށް ބަދަލުވެ، އައު ތަޖުރިބާއެއް ކުރަން ބޭނުންވާތީ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަނެއްކޮޅުން ސައުލް ދޫކޮށްލުމަށްފަހު، އެތުލެޓިކޯ އިން އެހެން މިޑްފީލްޑަރެއް ހޯދަން ބޭނުންވާ ކަމުގައި ވެސް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ސައުލް ވަނީ އެތުލެޓިކޯ އަށް ކުޅެދިން 12 ސީޒަންގެ ތެރޭގައި 427 މެޗު ކުޅެދީ 48 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު އޭނާ ވަނީ ހަ ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު، ކޮޕާ ޑެލް ރޭ، ސްޕެނިޝް ސުޕަ ކަޕް، ޔުއެފާ ޔޫރޮޕާ ލީގު އަދި ޔުއެފާ ސުޕަ ކަޕް ހިމެނެ އެވެ. މީގެ ތެރެއިން ޔޫރޮޕާ ލީގު ވަނީ ދެ ފަހަރެއްގެ މަތީން ކާމިޔާބު ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް