ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގައި ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗުން ޕޯޗުގަލް މޮޅުވެއްޖެ އެވެ.
މި މަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، އަންގާރަ ދުވަހުގެ ރޭ ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗު ޕޯޗުގަލް އިން ކާމިޔާބު ކުރީ 4-2 އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލް އިން ވަނީ ދެ ލަނޑު ޖަހައި މެޗުގައި ލީޑު ނަގައިފަ އެވެ. މެޗު ފަށައިގެން 17 ވަނަ މިނެޓުގައި އެ ޓީމަށް ކުރި ހޯދައިދިނީ ރުބެން ޑިއާޒް އެވެ. އެގެ ފަހުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޕޯޗުގަލަށް ލީޑު ފުޅާ ކޮށްދިނީ ޑިއާގޯ ޖޮޓާ އެވެ. އޭނާ އެ ލަނޑު ޖެހީ ޕޯޗުގަލް އަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެންނެވެ.
ދެ ވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައި ޕޯޗުގަލްގެ ތިން ވަނަ ލަނޑު ޖެހީ ބްރޫނޯ ފެނާންޑޭސް އެވެ. އޭގެ ފަހުން ފިންލެންޑުން ވަނީ ދެ ލަނޑު ޖަހައި، ފަރަގު ކުޑަކޮށްފަ އެވެ. މެޗުގެ 72 ވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ ޓީމޫ ޕޫކީ އެވެ. އޭގެ ހަތަރު މިނެޓު ފަހުން އޭނާ ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ވެސް ޖަހައިފަ އެވެ. މެޗުގައި ޕޯޗުގަލްގެ ތިން ވަނަ ލަނޑު، 84 ވަނަ މިނެޓުގައި ޖެހީ ފެނާންޑޭސް އެވެ.
ޔޫރޯ މުބާރާތުގެ ކުރިން ޕޯޗުގަލް އިން އަދި އިތުރު ދެ މެޗު ކުޅޭނެ އެވެ. އެއީ މި މަހުގެ އަށް ވަނަ ދުވަހު ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ މެޗާއި، 11 ވަނަ ދުވަހު އަޔަލެންޑާ ދެކޮޅަށް ކުޅޭ މެޗެވެ.