ކ. މާލެ
|
4 ޖޫން 2024 | އަންގާރަ 22:09
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
އިންޑިޔާ ޓުޑޭ
އިންޑިއާގެ އާއްމު އިންތިޚާބު
އިންޑިއާގެ އާއްމު އިންތިޚާބު ކާމިޔާބުވެއްޖެ ކަމަށް މޯދީ އިއުލާން ކުރައްވައިފި
މޯދީ ވިދާޅުވީ، ބީޖޭޕީ ހިމެނޭ އެލަޔަންސަށް ރައްޔިތުން ޖެހިޖެހިގެން 3 ފަހަރަށް އިތުބާރު ކޮށްފިކަން އިންތިޚާބުގެ ނަތީޖާއިން ހާމަވެއްޖެ ކަމުގައި

އިންޑިއާގެ އާއްމު އިންތިޚާބު ކާމިޔާބު ވެއްޖެ ކަމަށް ބޮޑު ވަޒީރު މޯދީ އިއުލާން ކުރައްވައިފިއެވެ.

ރަސްމީ ނަތީޖާ އިއުލާނު ކުރުމަށް އަދި ވަގުތު ނަގާނެ ކަމަށް ބެލެވިފައިވީ ނަމަވެސް މިހާތަނަށް ނަތީޖާ ނުކުމެފައިވާ ގޮތައް ބަލާއިރު ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ – ލޮކް ސަބާގެ އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރާނީ މޯދީގެ ޕާޓީ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ހިމެނޭ ނޭޝަނަލް ޑިމޮކްރަޓިކް އެލަޔަންސް (އެންޑީއޭ) އިން ކަމަށް ވަނީ ކަށަވަރު ވެފައެވެ.

އިންތިޚާބުގެ ނަތީޖާ ނުކުންނާނެ ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔަ ގޮތާ ޚިލާފަށް ބީޖޭޕީ އަށް ސަރުކާރެއް އެކުލަވާލަން ބޭނުންވާ މެޖޯރިޓީ އިންތިޚާބުގައި ލިބޭނެ ކަމަކަށް ނުބެލެއެވެ. އެހެން ކަމުން ބީޖޭޕީ އިން ސަރުކާރު އެކުލަވާލަން ބޭނުންވާ 272 ގޮނޑި ހޯދުމަށްޓަކައި ކޯލިޝަން ޕާޓީތަކަށް ބަރޯސާވާން މަޖުބޫރު ވާނެއެވެ.

އިންތިޚާބުގެ ނަތީޖާއާ ބެހޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުން އަންގާރަ ދުވަހުގެ ރޭގެ އިރާކޮޅު ސަޕޯޓަރުންނާ މުޚާތަބް ކުރައްވާ މޯދީ ވިދާޅުވީ، ބީޖޭޕީ ހިމެނޭ އެލަޔަންސަށް ރައްޔިތުން ޖެހިޖެހިގެން 3 ފަހަރަށް އިތުބާރު ކޮށްފިކަން އިންތިޚާބުގެ ނަތީޖާއިން ހާމަވެއްޖެ ކަމުގައެވެ. އަދި ރައްޔިތުން ކުރި އިތުބާރު ދެމެހެއްޓުމަށް، މި ފާއިތުވި 10 އަހަރު ޚިދުމަތް ކުރެއްވި ގޮތައް ރައްޔިތުންގެ އުއްމީދުތައް ހާސިލް ކޮށްދިނުގައި ކުރިއަށް އޮތްތާނގައިވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އިންޑިއާގެ އާއްމު އިންތިޚާބުގެ ނަތީޖާ އަންގާރަ ދުވަހު އިއުލާނު ކުރެވެމުންދާއިރު ވޯޓުކުން 6 ހަފްތާގެ މުއްދަތަށް ކުރިއަށް ގޮސްފައިވެއެވެ. އެންމެ ފަހު ފޭސްގެ ވޯޓުލުން އޮތީ ޖޫން މަހުގެ ފުރަތަމަ ދުވަހުއެވެ.

އިންޑިއާގެ އާއްމު އިންތިޚާބުގައި ލޮކްސަބާއަށް 543 މެމްބަރުން އިންތިޚާބު ކުރަނީ 5 އަހަރުގެ ދައުރަކަށެވެ. މި އިންތިޚާބުގައި ގާތްގަނޑަކަށް 970 މިލިއަން މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ ދުނިޔޭގެ އާބާދީގެ 10 އިން ސައްތައެވެ. ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 642 މިލިއަން މީހުން ވޯޓުލީ ކަމަށް ވަނީ ބެލެވިފައެވެ.

އިންތިޚާބު މޯދީ ކާމިޔާބު ކުރެއްވުމުން އެމަނިކުފާނު ވެވަޑައިގަންނަވާނީ އިންޑިއާގެ ފުރުތަމަ ބޮޑުވަޒީރު ޖަވާހިރުލާލް ނެހުރޫގެ ފަހުން އިންޑިއާގައި ޖެހިޖެހިގެން 3 ދައުރު ކާމިޔާބު ކުރެއްވި ބޮޑުވަޒީރު ކަމުގައެވެ.

- ކޮމެންޓް