އިޒްރޭލް ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިޔުން ނުއިއްވާތީ ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް އެ ގަރާރުގެ ފުރަތަމަކިޔުން އިއްވައިފިއެވެ.
އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައި ވަނީ ހޯމަ ދުވަހުއެވެ.
އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަ ބިލެއް މަޖިލީހަށް ހުށަހަޅާފައި ވަނީ ނިމިދިޔަ މޭއި މަހުގެ ތެރޭގައެވެ.
އިޒްރޭލް ޕާސްޕޯޓް މަނާކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިޔުން ނުއިއްވާތީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީ އިން ވަނީ ހޯމަ ދުވަހު ކަންބޮޑުވުން ފާޅުކޮށްފައެވެ. ހޯމަ ދުވަހު އެމްޑީޕީގެ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވަނީ މަޖިލީހުގެ އިތުރު މަސައްކަތެއް ނެތް ނަމަ ހޯމަ ދުވަހަކީ އެ ބިލުގެ ފުރަތަމަ ކިޔުން އިއްވަން ޖެހޭ ދުވަސްކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން އެ ބިލުގެ ފުރަތަމަ ކިޔުން ހޯމަ ދުވަހު ނުއިއްވި ސަބަބާއި މެދު އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ. އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށް ގާނޫނު އިސްލާހު ކުރަން ސަރުކާރުން ވަނީ އާދިއްތަ ދުވަހު ނިންމާފައެވެ. އެހެންކަމުން މީކާއިލް ހުށަހެޅި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައި ނުވަނީ ގަސްތުގައި އެ މަސައްކަތް ދިގުދަންމާލުމަށް ނޫންތޯ މައުރޫފް ސުވާލު އުފެއްދެވިއެވެ. މައުރޫފް ވަނީ ސަރުކާރުގެ ނިޔަތް ރަނގަޅު ނަމަ އިތުރު ބިލެއް ހުށަނާޅާ މީކާއިލް ހުށަހެޅުއްވި ބިލާއި އެކު ކުރިއަށް ގޮސް، އެ ބިލަށް އިސްލާހު ހުށަނޭޅީ ކީއްވެގެންތޯ ސުވާލުކުރައްވާފައެވެ.
ސަރުކާރުންވެސް ވަނީ އިޒްރޭލް ޕާސްޕޯޓް މަނާކުރަން ޤާނޫނަށް އިސްލާހު ހުށަހަޅާނެކަން ހާމަކޮށްފައެވެ.
އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމާއި މެދު ބިލު ހުށަހެޅި ސަބަބާއި މެދު މީކާއިލް ވިދާޅުވީ އެ ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ އިސްރާއީލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންދާ ގަތުލުއާންމާއި ދެކޮޅަށް ރާއްޖެއިން ފިޔަވަޅުތަކެެއް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށެވެ.
އަދި ރާއްޖެއަށް އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުކީ ވެސް އެ ބިލުގެ މަޤްސަދެއް ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ސަރުކާރުން މިހާތަނަށް މިކަމުގައި އަމަލުކުރާނެ ގޮތެއް ސާފުކޮށްދިފައިނުވާތީ އެކަން ސާފުކުރުމަކީ ވެސް ބިލުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ހަމައެހެންމެ އިސްރާއީލް ޕާސްޕޯޓު މަނާކުރެވޭނެ ވަކި މުއްދަތެއްވެސް އެނގެން ނެތުމުން، ގާނޫނީ ފިޔަވަޅު އެޅުމަށް އަވަސްކުރުމަށް ވެސް އެ އިސްލާހުގައި ގޮވާލާފައިވެއެވެެ.
އެ އިސްލާޙުގައި ބުނެފައި ވަނީ އިސްރާއީލުގެ ޕާސްޕޯޓު ހިމެނޭހެން އެހެން ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުން ވެސް ރާއްޖެ އެތެރެވުން މަނާ ކަމަށެވެ.