ކ. މާލެ
|
3 ޖޫން 2024 | ހޯމަ 16:02
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު
ޕީއެންސީ
މަގޭ ރިޕޯޓް
ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
ސަރުކާރުން އެއްވެސް ކަމެއް ރައީސް ވިދާޅުވެގެން ނޫނީ ނުކުރޭ

މިދުވަސްވަރު އެންމެ ބާރަށް ދެކެވޭ ވާހަކައަކީ ގޭގޭގެ ކަރަންޓް ބިލް ބޮޑު ވާހަކައެވެ. މިވާހަކަ އެކި މީހުން ދަނީ އެކިގޮތައް ދައްކަމުންނެވެ. ބިލް ބޮޑުވާން މެދުވެރިވި ސަބަބުގެ ގޮތުގައި އެކި މީހުން ފާޅުކުރަނީ އެކި ގޮތަށެވެ.

އެއްބަޔަކު ބުނަނީ ކުރިން ބޮޑުވަނީ ހޫނު ގަދަކަމުން ކަރަންޓް ބޭނުން ކުރެވޭ އަދަދު މަތީ ކަމަށެވެ. މިފަހަރު އެމީހުންގެ ވާހަކަ ތަފާތެވެ. އެމީހުން މިފަހަރު ބުނަނީ ވިއްސާރަވެ ފިނި ގަދަކަމުން ކަރަންޓް ބިލް ބޮޑުވީ ކަމަށެވެ. ކަރަންޓް ބިލް ބޮޑު ދުވަސްވަރަކީ ރާއްޖެއަށް އެންމެ ގަދައަށް ވައި ޖެހުނު ދުވަސްވަރު ކަމުން ބައެއް މީހުންގެ ބަހަކީ އެ ވައިގާ ފަންކާތަކާއި އޭސީތަކުގެ އައުޓްޑޯ ފޭންތައް އެނބުރުނީ ކަމަށެވެ. ކަރަންޓް ބިލް ބޮޑުވީ އެހެން ވެގެންނެވެ. އަނެއް ބަޔަކު ބުނާގޮތުން މިއީ ސަރުކާރުގައި ސުމާރެއް ނެތްހާ ގިނަ ސިޔާސީ މުވައްޒަފުންނަށް މުސާރަދޭން ސަރުކާރުގައި ލާރި ނެތިގެން ގަސްދުގައި ބޮޑުކުރި ބޮޑުކުރުމެކެވެ. ޚާއްޞަކޮށް ސްޓެލްކޯގައި ތިބި ގިނަ ސިޔާސީ މުވައްޒަފުންނަށް ބޮޑު މުސާރަދޭން ކުރި ކަމެކެވެ. މުޅި ދުނިޔެއަށްވެސް މިމަހަކީ ކަރަންޓް ބިލް ބޮޑު މަހެކޭ ބުނާ މީހުންވެސް އުޅުނެވެ. ދައުލަތުގެ ފައިސާއިން ކަމެއް ނުކޮށް މުސާރަލިބޭ ގޮތައް ސަސްޕެންޝަންގައި ތިއްބެވި ޑެޕިއުޓީ މިނިސްޓަރުންގެ ވާހަކައިންނަމަ ބޮޑުވެގެން އުޅެނީ ކަރަންޓް ބިލެއް ނޫނެވެ. ރައްޔިތުންގެ އަނގައެވެ.

މިއީ ކަރަންޓް ބިލް ބޮޑުވެގެން ވައިގާ ހިފާފައިވާ ބައެއް ވާހަކަތަކާއި ތުހުމަތުތަކެވެ. ކަރަންޓް ބިލް ބޮޑުވެގެން މުޒާހަރާއަށް ނުކުތް މީހުންގެ އެންމެ ބޮޑު ގޮވެލިފައްޗެވެ.

ކޮންމެ މީހަކުވެސް ކޮންމެ ކަމެއްގައިވެސް އެމީހެއްގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަ ބީދައިން ކަރަންޓް ބިލް ބޮޑުވި ގޮތްކަމަށް އަހަރެންނަށް ހީވާ މުޅިން އެހެން ސަބަބެއް އެބައޮތެވެ. އެއީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން ކަރަންޓް ބިލް ބޮޑު ކުރީ"އެވެ. ސީދާ އެމަނިކުފާނުގެ ދުރު ވިސްނުންފުޅުގެ ދަށުންނެވެ. ގައުމަށާއި ރައްޔިތުންނަށް ހެޔޮއެދޭލެއް ބޮޑުކަމުންނެވެ. ގައުމިއްޔަތާއި ވަތަނިއްޔަތާއި ވަހުދާނިއްޔަތަށް ޓަކައެވެ. އަދި އިސްލާމްދީން ނެގެހެއްޓުމަށްޓަކައިވެސް މެއެވެ.

ސަބަބުވެސް ބުނެލަމާ ބަހީއެވެ. އެގޮތުން މިސަރުކާރުގެ އެއްވެސް ކަމެއް ރައީސް ވިދާޅުވެގެން ނޫނީ ނުކުރާނެއެވެ. މިނިސްޓްރީއަކުން ސަރުކާރުގެ ކުންފުންޏަކުން އަދި އަމުދުން ސަރުކާރުގެ ބަސްވިކޭ އެއްވެސް މީހަކުވެސް ރައީސް މުއިއްޒު ވިދާޅުވެގެން ނޫނީ ކަމެއް ނުކުރައްވާނެއެވެ. އެއީ ރައްޔިތުންނަށްޓަކައެވެ. ގައުމަށްޓަކައެވެ. ބައެއް މިސާލުތައް ބުނެލުމުން މިބުނާ އެއްޗެއްގެ ހެކިކަމަށް ބަލައިގަންނަން ފަސޭހަވާނެއެވެ.

ސްޓެލްކޯއިން މާ ބޮޑު ރަސްމިއްޔާތެއް ބާއްވައިގެން ސްޓެލްކޯގެ ހުޅަނގުން އޮންނަ ގޯޅި ހުޅުވާލީ ކޮންމެހެން އާއްމު ރައްޔިތުންނަށް ފަސޭހައަށް ސްޓެލްކޯއަށް ފެނިގެނެއް ނޫނެވެ. ސީދާ ރައީސް މުއިއްޒުގެ ހިކުމަތު އަމަލީގެ ދަށުން އެމަނިކުފާނު ބޭނުންފުޅު ވެގެންނެވެ.

މިއަހަރު ހައްޖަށްދާ މީހުންނަށް ރަނގަޅު ގޮތް ހަދާން ޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް ވިދާޅުވީ ރައީސް މުއިއްޒު އެހެން އެކަން ކުރައްވަން ވިދާލުވެގެން ކަމަށެވެ. ކޮންމެހެނެއް އިސްލާމިކް މިނިސްޓްރީންނާއި ހައްޖު ކޯޕަރޭޝަންގެ ވިސްނުން އެހެން ހުރެގެނެއް ނޫނެވެ.

ސްކޫލްތަކުގައި ހޫނު ގަދަވެގެން ބެލެނިވެރިން ނުކުމެ ފަންކާ ގަންނަން އުޅެން ފެށީމާ ސަރުކާރުގެ ހުރިހާ ސްކޫލްތަކެއް އޭސީ ކުރާގޮތައް ނިންމެވީ އެޑިއުކޭޝަން މިނިސްޓްރީއަށް އެކަން ފެނިގެނެއް ނޫނެވެ. ސީދާ ރައީސް ޑރ މުއިއްޒު ބޭނުންފުޅުވެގެން އެމަނިކުފާނުގެ ހެޔޮފުޅު ކަމުންނެވެ.

އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގުން ލާރިކޮޅެއް ހެޔޮކޮށްލީ ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެންނެވެ. ކޮންމެހެން ދުނިޔޭގެ ބާޒާރުގެ ތެލުގެ އަގަށް އައި ބަދަލަކުން ނޫނެވެ. ރައީސްގެ ހެޔޮފުޅުކަމުންނެވެ.

ކޮންމެހެން ދިގުކުރާކަށް ގިނަ މިސާލުތައް ދެއްކުމުގެ ބޭނުމެއްނެތެވެ. ކުރުކޮށް ފޮނިކޮށް ބުނަންޏާ މިސަރުކާރުން އެއްވެސް ކަމެއް ރައީސް ބޭނުންފުޅުވެގެން ނޫން ގޮތަކަށް ނުކުރާނެއެވެ. އަމުދުން ރައްޔިތަކާ ގުޅުންހުރި ކަމެއްގައި މިސަރުކާރުގެ އެއްވެސް މުއައްސަސާއަކުން އެއްކަމެއްވެސް ނުކުރާނެއެވެ. އެއިން ތަނެއްގެ ވެރިއަކު ކުޑަމިނުން ކުޑަވައި އިނގިލިވެސް ރައީސް ބޭނުންފުޅުވެގެން ނޫނީ ހިއްލައެއް ނުލެވޭނެއެވެ. އެހެންކަމަށްވާނަމަ ކަރަންޓް ބިލް ބޮޑުކުރުމުގެ އިލްޒާމް ސްޓެލްކޯގެ އެމްޑީގެ ބޮލަށް ކަނޑާލައި، ސްޓެލްކޯއަށް ފާޑުކިޔަން ޖެހޭ ސަބަބެއް އޮތް ކަމަކަށް ނުފެނެއެވެ. އެހެންކަމުން މިއީ ސަރުކާރުން އެހެންކަންކަންވެސް ކުރަމުންދާގޮތައް ސީދާ ރައީސް ޑރ މުއިއްޒު ރައްޔިތުންނަށްޓަކައި ކުރެއްވި ކަމެކެވެ. ސީދާ އެމަނިކުފާނުގެ ނިންމެވުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް