ކ. މާލެ
|
3 ޖޫން 2024 | ހޯމަ 15:39
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސް އޮފީސް
ރައީސް މުއިއްޒުގެ ސަރުކާރު
ރައީސް މުއިއްޒުގެ ސަރުކާރު ހިންގަނީ ޕޭޕަރުގައި، އެކްޝަނެއް ނުފެނޭ: މެންބަރު އަހުމަދު ދީދީ
މަސައްކަތް ކުރަން ތިއްބެވި ގާބިލް ބޭފުޅުންނަށް ވެސް ފުރިހަމަ މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތެއް ނެތް
އެމްޑީޕީގެ ސަރުކާރުގައި ރާއްޖޭގައި ވަރަށް ގިނަ މަޝްރޫއުތައް ފަށާފައިވޭ
އަމަލީ މަސައްކަތްތައް ނުފެނުނު ނަމަވެސް ބޮޑެތި ހެޑްލައިންތަކުން މަޝްރޫއުތައް ފަށާފައިވޭ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރު ހިންގަނީ ކަރުދާހުގައި ކަމަށް ރައްޔިތުން މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު ވިދާޅުވީ މިސާރުކާރުގެ މިހާތަނަށް ހިންގާފައިވާ ކަންކަމަށް ބަލާއިރު، ބޮޑަށް ފެނިގެންދަނީ ކަރުދާހުގައި ސަރުކާރު ހިންގާތަން ކަމަށާއި، އެކްޝަން ނުފެންނަ ކަމަށެވެ. މެންބަރު ވިދާޅުވީ އަމަލީ މަސައްކަތްތައް ނުފެނުނު ނަމަވެސް ބޮޑެތި ހެޑްލައިންތަކުން މަޝްރޫއުތައް ފަށާފައިވާ ކަމަށެވެ.

އެމްޑީޕީގެ ސަރުކާރުގައި ރާއްޖޭގައި ވަރަށް ގިނަ މަޝްރޫއުތަކެއް ފަށާފައިވާކަން ފާހަގަކުރައްވައި މެންބަރު ވިދާޅުވީ އެމަޝްރޫއުތައް މިސަރުކާރުން ހުއްޓުވާފައިވާ ކަމަށެވެ. އެ މަޝްރޫއުތައް ކުރިއަށް ކުރިއަށް ގެންދިއުމަކީ ރައްޔިތުންނަށް ފައިދާ ހުރި ގޮތްކަމުގައިވީ ނަމަވެސް މިސަރުކާރުން އެގޮތަށް އަމަލުނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މަޝްރޫއުތައް ހުއްޓުވުމުން ދެރަ ލިބެނީ ރައްޔިތުންނަށް ކަމަށެވެ.

ސަރުުކާރުގެ ހިންގުން ދަށްވާ ސަބަބުތަކަށް އިޝާރާތް ކުރައްވައި މެންބަރު ވިދާޅުވީ މަސައްކަތް ކުރަން ތިއްބެވި ގާބިލް ބޭފުޅުންނަށް ވެސް ފުރިހަމަ މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ނެތް ކަމަށެވެ.

ބޮޑަށް ލަފާ ކުރެވޭ މީހުންނަށް ވެސް މިނިވަންކަން ދަށީކަމަށް. ވަކި ބައެއްގެ އިންސްޓްރަކްޝަނަށް ވަކި ގޮތަކަށް ކަންތައް ކުރަންވީމަ ކަންނެންގެ. ވަރަށް ދޯހަޅިކޮށް ދަނީ. އަޅުގަނޑުމެން ވެސް އެކްސެޕްޓް ކުރީ ވަރަށް ވަރުގަދައަށް ހިންގާނެ ކަމަށް. އަދި އެއް އެމަންޒަރެއް ނުފެނޭ. ފެންނަނީ ތްރީޑީ އިމޭޖް ތަކެއް ދައްކާގެން މެގަ ޕްރޮޖެކްޓްތަކެއް ފަށައިގެން ލޮލުގައި އަދުން އެޅުން ކަހަލަ ކަމެއް. ޚާއްސަކޮށް މަޖިލިސް އިންތިޚާބުގެ ތެރޭގައި އެކަހަލަ ކަންތައްތައް ފެނިގެންދިޔަ. އަދިއެއް ނުފެނޭ އާރުލާ ސިޔާސަތުތަކެއް ކުރިއަށްދާތަނެއް.
ރައްޔިތުން މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ

މެންބަރު ވިދާޅުވީ 20 ވަނަ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ޖަލްސާއިން ވަކި ގޮތަކަށް ވަކި ކަމެއް ކުރުމަށް ބޭފުޅަކު އެންގެވުމުން އެކަމަށް ބައެއް މެންބަރުން ނުރުހުންވާކަން ނުވަތަ ތާއީދުނުކުރާކަން ހާމަވަގެން ދިޔަ ކަމަށެވެ. އަދި ޕީއެންސީގެ އެތެރޭގައި މައްސަލަތައް އުޅޭކަން މިކަމުން ހާމަވާ ކަމަށާއި، ދުވަސްވާވަރަކަށް އެކަންކަން ބޭރަށް ހާމަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު ވިދާޅުވީ ސަރުކާރުގެ ސުޕަމެޖޯރިޓީއާއެކު ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ އަޑު އިއްވުމަށް އުދަނގޫތައް ކުރިމަތިވާނެ ކަމަށެވެ. ނަމަވެސް އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންގެ އަޑު އިއްވާ ޕާޓީއެއް ކަމަށާއި، މަޖިލިސް ތެރޭގައި ވަރަށް ރަނގަޅަށް ރައްޔިތުންގެ ފިކުރާއި، ރައްޔިތުންގެ ޝުއޫރު އަދި އަޑު އިއްވަމުން ގެންދާނެ ކަމަށެވެ.

- ކޮމެންޓް