ކ. މާލެ
|
4 ޖޫން 2024 | އަންގާރަ 08:44
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ރޮޑްރީގޯ
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ރޮޑްރީގޯ
ރޮއިޓާސް
ރެއާލް މެޑްރިޑު
ކޮންމެ ހުށަހެޅުމެއް ލިބުނަސް ހުންނާނީ ރެއާލްގައި: ރޮޑްރީގޯ
އޭނާ ރެއާލް ދޫކޮށްލާނެ އޮތީ ކޮން ގޮތެއްތޯ އަހައި ރޮޑްރީގޯ ވަނީ ސުވާލެއް އުފައްދާފައި

ކޮންމެ ކުލަބަކުން ހުށަހެޅުމެއް ލިބުނު ނަމަވެސް، އޭނާ ހުންނާނީ ރެއާލް މެޑްރިޑުގައި ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ރޮޑްރީގޯ ބުނެފި އެވެ.

އުމުރުން 23 އަހަރުގެ ޒުވާން ކުޅުންތެރިޔާ ރެއާލަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. ރެއާލާ އެކު އޭނާ ސޮއި ކުރީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތްއިރު، ރޮޑްރީގޯގެ އެއްބަސްވުން ރެއާލުން އައު ކުރާނެ ކަމަށް މީޑިއާ ތަކުން އަންނަނީ ރިޕޯޓު ކުރަމުންނެވެ.

ރެއާލްގައި ރޮޑްރީގޯ މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އޭނާ ހޯދުމުގެ ޝައުޤުވެރިކަން އެކި ކުލަބުތަކުން ގެންގުޅެމުން އަންނަ ކަމަށް ވެސް ރިޕޯޓުތައް ވަނީ ބުނެފަ އެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން، މެންޗެސްޓަރ ސިޓީން އަންނަނީ ރޮޑްރީގޯ ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް އެކި އެކި މީޑިއާ ތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ރޮޑްރީގޯ ބުނީ، މި ހަފުތާގެ ތެރޭގައި އެކި މީޑިއާ ތަކުގައި އެކި ވާހަކަތައް ދެކެވެމުން އަންނަ ކަމަށެވެ. އެގޮތުން ބައެއް ކުލަބުތަކުން އޭނާ އަށް ބިޑު ކުރަން ތައްޔާރުވަމުން އަންނަ ކަމަށާއި، އަނެއް ބައި ކުލަބުތަކުން އޭނާ ހޯދުމުގެ ޝައުޤުވެރިކަން ފާޅުކުރާ ވާހަކަ ރިޕޯޓުކޮށްފައިވާ ކަމަށް ރޮޑްރީގޯ ބުންޏެވެ. އަދި އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އޭނާ އަށް ނޭނގޭ ކަމަށާއި، އެފަދަ އެއްވެސް ކަމަަކަށް ޝައުޤުވެރިކަން ނެތް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ރޮޑްރީގޯ ބުނީ އޭނާ ހޯދުމަށް އެދި ކިތަންމެ ހުށަހެޅުންތަކެއް އައި ނަމަވެސް، އެކަމާ އޭނާ ނުވިސްނާނެ ކަމަށެވެ. އޭނާ ރެއާލްގައި ހުންނާނެ ކަމަށާއި، އެ ކުލަބުގައި ހުރީ އުފަލުން އަދި ހިތްހަމަ ޖެހިގެން ކަމަށް ވެސް ރޮޑްރީގޯ ބުންޏެވެ. އެހެންކަމުން އޭނާ ރެއާލް ދޫކޮށްލާނެ އޮތީ ކޮން ގޮތެއްތޯ އަހައި ރޮޑްރީގޯ ވަނީ ސުވާލެއް އުފައްދައިފަ އެވެ.

ރެއާލްގައި ހޭދަކުރި ފަސް ސީޒަންގެ ތެރޭގައި އޭނާ ވަނީ އެ ކުލަބަށް 216 މެޗު ކުޅެދީ، 54 ލަނޑު ޖަހައިފަ އެވެ. ރޮޑްރީގޯ ވަނީ ރެއާލާ އެކު 10 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު ތިން ފަހަރު، ކޮޕާ ޑެލް ރޭ އެއް ފަހަރު، ސްޕެނިޝް ސުޕަ ކަޕް ތިން ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު ދެ ފަހަރު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބް ވޯލްޑް ކަޕް އެއް ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް